ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރަމުންދާ މީޑީޔާތަކާ މެދު ފިޔަވަޅުއަޅައި އެކަން ހުއްޓުވައިދިނުމަށް ޕީޕީއެމް ކޯލިޝަނުން ގޮވާލައިިފިއެވެ.
މިހެން ގޮވާލާފައިވަނީ، މުއިއްޒުުގެ ތަރުޖަމާނު މުހައްމަދު ޠަލާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައެވެ.
ޠަލާލް ވިދާޅުވީ ވަކި ކެނޑިޑޭޓަކަށް ޚާއްސަކޮށްގެން އެންޓި ކެމްޕެއިން ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުގެ އެދުމަށް ނުވަތަ ސަރުކާރު ރުއްސަން މުއިއްޒާއި ދެކޮޅަށް ބައެއް މީޑީޔާތަކުން ދޮގު ޚަބަރާއި މައުލޫމާތު ގެނެސްދީ އެންޓިކެމްޕެއިން ކުރަމުންދާކަމަށެވެ.
"އަޅުގަނޑުމެންގެ އޮތް ކަންބޮޑުވުުމަކީ ބައެއް މީޑީޔާތަކުން ހާއްސަކޮށް "އަދަދު" ނޫހުން އަޅުގަނޑުމެންގެ ކެނޑިޑޭޑަށް އެންޓީ ކެމްޕެއިން ކުރާ މައްސަލަ."
ޠަލާލް ވިދާޅުވިއެވެ.
ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއްޗެކޭ ކިޔާ ބައެއް މީޑީޔާތަކުން ޑރ.މުއިއްޒަށް އެންޓި ކެމްޕެއިން ކުރާތާ މިހާރު ތިން ދުވަސްވެފައިވާކަން ފާހަގަކުރައްވަމުން، އެ މީޑީޔާތަކާ މެދުު އެކަށީގެންވާ ފިޔަވަޅު އަޅައި އެކަންތައް ހުއްޓުވައިދެއްވުމަށް ތޮލާލް ވަނީ މީޑިޔާ ކައުުންސިލަށް ގޮވާލާފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންއިން ވެސް މިކަން ބައްލަވައިދެއްވުމަށް އެދިވަޑައިގެންނެވިއިރު، ޠަލާލް ވިދާޅުވީ ސްޓެލްކޯ އަދި ފެނަކައިގެ މުވައްޒަފުން އެއްވެސް ބިރެއްނެތި ވޯޓުލުމުގެ ފުރުސަތު މިހާރު އޮންނާނީ ފަހިވެފައި ކަމަށާއި ބިރެއްނެތި ތާއީދުކުރައްވާ ފަރާތަށް ވޯޓު ލެވޭނެ ކަމަށެވެ.
އެހެން މުއައްސަސާތަކުގެ މުވައްޒަފުންވެސް މިނިވަން ކަމާއެކު ވޯޓުލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މިހާރު ރައްޔިތުންގެ ހިތުގައި އޮތް ބިރު ވަނީ ފަހަނައަޅައި ގޮސްފައި ކަމަށް ޠަލާލް ވިދާޅުވިއެވެ.
ދެންއޮތް ބިރަކީ ސަރުކާރުން ވޯޓު ކަރުުދާސްކޮޅު ބަދަލުކޮށްފާނެ ކަމުގެ ބިރު ކަމަށާއި ކަމަށާއި އެކަމަށްވެސް އިދިކޮޅުން ވަކާލާތު ކުރަމުން އަންނަ ކަމަށް ތޮލާލް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންޓަރނޭޝަނަލް އޮބްޒާވަރުންނާއިވެސް އެކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޠަލާލް ވިދާޅުވި ގޮތުގައި ވަޑައިގަންނަވާ ކޮންމެ ރަށަކުން ޑރ.މުުއިއްޒަށް ތާއީދު ދަނީ އިތުރުވަމުންކަމަށާއި، މިފަހަރު އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ޠަލާލް ވަނީ ވިދާޅުވެފައެވެ.