ޕީއެންސީގެ ރިޔަސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޕީޕީއެމް އިން ވިދާޅުވީ، ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުން މިރޭ 8:30 ގައި ދިވެހިންގެ ޖަގަހައަށް ވަޑައިގަންނަވާނެ ކަމަށެވެ. ޕީޕީއެމް ކޯލިޝަނުން ވަނީ މި ސަރަހައްދަށް ސަޕޯޓަރުން ދިއުމަށް ވަނީ ދައުވަތު އަރުވާފައެވެ.
މި ޖަގަހަ ހުންނަނީ ކާނިވާ ސަރަހައްދުގައެވެ.
ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގެ ދުވަސްފަރުގައި ވެސް އެކަމަނާ ކެމްޕޭނުގައި އަވަދިނެތި އުޅުނުތަން ފެނިފައި ވެއެވެ.
ޑރ. މުއިއްޒުގެ ކެެމްޕެއިނަށް މެޑަމް ފާތުން މިރޭ ނުކުންނަވާއިރު، އެކަމަނާ އެންްމެ ފަހުން ސިޔާސީ ހަރަކާތްތަކުން ފެނިވަޑައިގަތީ މިދިޔަ އަހަރުގެ މާރިޗް މަސް ތެރޭގައެވެ. އެ ހަރަކާތަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ފާތުން ބައިވެރިވި ފުރަތަމަ ސިޔާސީ ހަރަކާތެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން، ސިޔާސީ މަސައްކަތްތަކުން މެޑަމް ފާތުން ނުފެނެއެވެ.