ވޯޓު ލާ ކަރުދާހުގައި ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމެއް ފިޔަވައި، އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ފާހަގަ ޖަހައިގެން ލާ ވޯޓް ބާޠިލުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވުމުން، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި ސްޓެލްކޯގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ކޯފާވެއްޖެއެވެ.
އޭނާ ސޯޝަލް މީޑިޔާގައި ޙިއްސާކޮށްފައިވާ ޕޯސްޓެއްގައ،ި ޤާނޫނު ބުނާ ގޮތް ނޫން ގޮތަކަށް ވޯޓު ބާޠިލުކުރަން ކަނޑައެޅިދާނެ ކަމަށް ސުވާލު އުފައްދަވައި ވިދާޅުވެފައިވަނީ، ވޯޓުލުމަށް ހަފުތާއަކަށްވުރެވެސް ކުޑަވެފައި ވަނިކޮށް، ހަމައެކަނި ވޯޓު ލާ ކަރުދާހުގައި ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމަކުން ފާހަގަޖެހުމަށް ނިންމުމަކީ ރަނގަކަމެއް ނޫންކަމަށެވެ.
ޝަރީފް ހިތްހަމަޖެހިވަޑައިނުގެން މިހެން ލިޔުއްވާފައިވާއިރު، ސްޓެލްކޯގެ މުވައްޒަފުން ވަކި ކުލައެއްގެ ގަލަމަކުން ފާހަގަ ޖެހުމަށް އޭނާ އަންގަވާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
Qaanoon bunaagoi noon gothakah vote baathil kamah kanada elhidhaane tho? Vote lumah hafthaa akah vureves kuda vefa vanikoh thee rangalhu kameh noon @ElectionsMv pic.twitter.com/GYrP5oJ5qz
— Ahmed Shareef (@ShareefRangondi) September 4, 2023
މީގެއިތުރުން، ސްޓެލްކޯގެ މުވައްޒަފުން މި އިންތިޚާބުގައި ވޯޓުދެނީ ކޮންކޮން ކެންޑިޑޭޓުންނަކަށްތޯ މިހާރު ބަލާފައިވާ ކަމަށް ބުނެ، ޝަރީފް ކުންފުނީގެ މުވައްޒަފުންނަށް ބިރުދައްކާފައިވާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. ޝަރީފް ވަނީ، ރައީސް ޞާލިހަށް ހުރިހާ މުވައްޒަފުންވެސް ވޯޓުލުމަށް، ސްޓެލްކޯގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"ތިބޭފުޅުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން އަޅުގަނޑުމެންގެ ސްޓާފުން އަޅުގަނޑުމެން މިހާރުވާނީ ސްކްރީން ކޮށްފަ. އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންގެ ސްޓާފުންގެ ތެރެއިން ކޮން ބޭފުޅުނުންނެއް ކަމެއް ތިމަންނަ ވޯޓުލަނީ މިވެނި މީހަކަށޭ، ތިމަންނަ ވޯޓްލަނީ މިވެނި މީހަކަށޭ، ތިމަންނަ ވޯޓްލާން ވަކި ގޮތެއް ނުނިންމަމޭ ބުނެފަ ހުރި ސްޓާފުން އަޅުގަނޑަށް އެނގޭ".
ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފްވަނީ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާއަށް އަދި ދިރިއުޅޭ މާހައުލަށް ރަށަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ވިސްނައިފި ކަމަށް ވާނަމަ އަތް ދާނީ ކެންޑިޑޭޓް ނަންބަރު ތިނަކާ ދިމާލަށްކަން ފާހަގަކޮށްފައެވެ. އަދި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގަ ވޯޓް ކަރުދާސް ހިފައިގެން ވޯޓިން ބޫތުގައި ހުންނައިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ނަންފުޅުގެ ދިމާލުގައި ފާހަގަ ޖެހުމަކީ އޭނާގެ އެދުމެއް ކަމަށާއި އަދި މިއީ އެންމެ ބޭނުންވާ ގޮތްކަމަށްވެސް ޝަރީފުވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑރ. މުއިއްޒުގެ ސްޕޯކްސް ޕާސަން ޠަލާލް ވިދާޅުވެފައިވަނީ، ސަރުކާރުން މުވައްޒަފުންނަށް ދައްކަމުންދާ ބިރަށް ޖެހިލުންވާން ނެޖެހޭ ކަމަށާއި، ސްޓެލްކޯ އަދި ފެނަކައިގެ މުވައްޒަފުން އެއްވެސް ބިރެއްނެތި ވޯޓުލުމުގެ ފުރުސަތު މިހާރު އޮންނާނީ ފަހިވެފައި ކަމަށާއި ބިރެއްނެތި ތާއީދުކުރައްވާ ފަރާތަށް ވޯޓު ލެވޭނެ ކަމަށެވެ.
އެހެން މުއައްސަސާތަކުގެ މުވައްޒަފުންވެސް މިނިވަން ކަމާއެކު ވޯޓުލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މިހާރު ރައްޔިތުންގެ ހިތުގައި އޮތް ބިރު ވަނީ ފަހަނައަޅައި ގޮސްފައި ކަމަށް ޠަލާލް ވިދާޅުވިއެވެ.
ދެންއޮތް ބިރަކީ ސަރުކާރުން ވޯޓު ކަރުުދާސްކޮޅު ބަދަލުކޮށްފާނެ ކަމުގެ ބިރު ކަމަށާއި ކަމަށާއި އެކަމަށްވެސް އިދިކޮޅުން ވަކާލާތު ކުރަމުން އަންނަ ކަމަށް ތޮލާލް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންޓަރނޭޝަނަލް އޮބްޒާވަރުންނާއިވެސް އެކަމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޠަލާލް ވިދާޅުވި ގޮތުގައި ވަޑައިގަންނަވާ ކޮންމެ ރަށަކުން ޑރ. މުުއިއްޒަށް ތާއީދު ދަނީ އިތުރުވަމުންކަމަށާއި، މިފަހަރު އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ޠަލާލް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކުރީގަ އިސީގެ ރައީސްކަމަ ވެގެން ކުރި ވައްކަންތައް މިފަހަރު ވޯޓުން ނުކުރެވޭނެކަން އެނގުމުން ވޮޓުންވައްކަންކުރި ޝަރީފު ރަތަށް ެެރުމަކީ އީސީއިން ބިރުގަންނަން ޖެހޭ ސަބަބެއްނޫން، ހާދަ ޣައްދާރު މީހެކޭ މީ ވޯޓުވަގު ޝަރީފަކީ.