ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަމީތު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އެމްޑީޕީއަށް ސޮއިކުރެއްވި ފޯމާއި ޙަވާލުވެވަޑައިގެންފައިވަނީ، އެމްޑީޕީގެ އިސް ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އަމީތު ވިދާޅުވީ، 2018 ގައި ފެށި، އެމްޑީޕީގެ ފަރި ފަރި ނަޔާ ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި އޭރުވެސް މިހާރުވެސް ދެމި ހުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
2018 ގައި ފެށި، އެމްޑީޕީގެ ފަރި ފަރި ނަޔާ ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި އޭރުވެސް މިހާރުވެސް ދެމި ހުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. 💛#އުފާވެރިއަމާންރާއްޖެ #އިބޫއަސްލަމް2023 #އެއްބުރުން pic.twitter.com/k8WuQ8NBqK
— Mohamed Ameeth (@MohamedAmeeth) September 4, 2023
އަމީތު ރައީސް ޞާލިޙަށް ތާޢީދުކުރައްވައި، މީގެ ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިޤްތިސާދީ, ސިޔާސީ އެތައް ގޮންޖެހުމެއް ގިރާކުރައްވާ, ގައުމާއިގެން އަމާން ބަނދަރަކަށް ދަތުރު ކުރެއްވުމުގައި ރައީސް ސާލިހުވަނީ ކެތްތެރިކަމާއި ޙިކުމަތްތެރިކަން ސާބިތު ކޮށްދެއްވާފައި ކަމަށާއި، ޤައުމަށް މިވަގުތު އެންމެ މުހިންމީ ހަޖެހުމާއި ދެހެއްޓެވިނިވި ތަރައްޤީ ކަމަށެވެ.
އަމީތު މިވަގުތު ހުންނެވީ ރައީސް ޞާލިޙު ސަރުކާރުގެ އިސް މަޤާމެއްގައި ޖަޕާންގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިޔުޓީ އެމްބެސެޑަރގެ މަޤާމުގައެވެ.