ބޭނުންވެގެން މިއުޅޭނީ ވޯޓްތަ؟ ނޫނީ ބޮޑު މަންޒަރުތަ؟

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެގެން އަންނައިރު، ކެމްޕެއިންގެ ފޯރި މިވަނީ އިހުނަށްވުރެ ބޮޑުވެ، ފުޅާވެފައެވެ. ވެހޭ ވިއްސާރައަކަށް ބެލުމެއް ނެތި ކެންޑިޑޭޓުން ދަނީ، އެއްރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ. އެއް ބަޔަކަށްވުރެ އަނެއް ބަޔަކު އަރުވާ ފޯރިބޮޑެވެ. އިހުޒަމާނުގައި ރޯދައަށް އަންބަލަންލާ އުސޫލުން، މީހަކު ނުވަނަސް ޖަގަހަތައް ހުޅުވާ، އާންމުންނަށް އުނދަގޫވާ ގޮތަށް ލަވަޖަހައި ހޭބޯލަވާ އައްޑުފައްގަނޑު މިދަނީ ގުގުމަމުންނެވެ.

އާންމު ގޮތެއްގައި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓް އެރަށަކަށް އަރާއަރާއިރު، މަރުޙަބާ ކިޔަން ނިކުންނަ މީހުންގެ އަދަދު ގިނަވާނެއެވެ. އެެއީ ކޮންމެ ސަރުކާރެއް އޮތަސް އެކަން ވާނީ އެހެނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، 5 އިންސައްތަ ލިިބިވަޑައިގެންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެންނެވިއިރުވެސް ރަށްރަށުގެ ބަނދަރުމަތީގައި ކޮޅާކޮޅު ނުފެންނަ ވަރަށް ދިގު ސަފުތައް ހެދި މަންޒަރު އަދި ހަނދާނުން ފޮހެވިގެންދާހާ ދުވަސްތަކެއް ނުވެއެވެ. ހަމައެއާއެކު ވެރިކަން ކުރެއްވި ބޭބޭފުޅުން ރަށްރަަށަށް ކެމްޕެއިނަށް ވަޑައިގަންނަވާއިރު، ނޫނީ ސަރުކާރު ހިންގަވާއިރު ރަށްރަށަށް ވަޑައިގެންނެވި ނަމަވެސް މަރުޙަބާ ކިޔަން ނިކުންނަ މީހުން ހަމަ ގިނައެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެއީ ޕީޕީއެމް ކަމުގައިވިޔަސް، އެމްޑީޕީ ކަމުގައި ވިޔަސް، ކެންޑިޑޭޓަށް މަރުޙަބާ ކިޔަން ނިކުންނަ މީހުން ގިނައެވެ. ސަފުތައް އެހާމެ ދިގެވެ. ނަގާ ފޯރިވެސް އެހާ ބޮޑެވެ.

ނަމަވެސް، މި ޕާޓީތަކަށް ވެރިކަމަށް އާދެވިފައިވަނީ ވެސް ރައްޔިތުންގެ ތާޢީދު ލިބިގެން ކަމަށް ޤަބޫލު ކުރަންޖެހެއެވެ.

ސަރުކާރު ހިންގާ ޕާޓީއާއި އެއިރެއްގައި އެންމެ ބޮޑަށް އިދިކޮޅަށް އޮންނަ ޕާޓީ ދައްކާ މަންޒަރު ދައްކަން، ބައެއް ކުދިކުދި ޕާޓީތައްވެސް މަސައްކަތް ކުރަމުން ދެއެވެ. ވާނީވެސް އެހެން ތާއެވެ. މިއުޅެނީ ފާޑެއްގެ ހަނގުރާމައެއް އިޢުލާން ކޮށްގެން ނަޞްރެއް ހޯދަން ވިއްޔާއެވެ. ބޮޑު މަންޒަރު ދެއްކޭތޯ ބަލާނެ ތާއެވެ. ރަށްރަށުގައި ބޮޑު ދެ ޕާޓީއަށް ނިސްބަތް ނުވާ މީހުން ތިބިއްޔާ ތިބޭނީ "ސައިލެންޓް" ކޮންނެވެ. ވަރަށް މަދު ރަށެއްގައި ނޫނީ ހަމަ ކޮންމެ ރަށެއްގައިވެސް މިކަން ހިނގާނީ މިމަގުންނެވެ. މިހެން ދަންނަވާއިރުވެސް ކުރިން ވެރިކަން ކޮށްފައި ތިއްބަވާ ބޭފުޅުން ރަށްރަށަށް ވަޑައިގަތުމުން ކުރާ އިޙްތިރާމެއްގެ ބޮޑުކަމުން މަރުޙަބާ ކިޔާން އެރަށެއްގެ ބަޔަކު ނިކުންނާނެއެވެ.

އެކަމަކު، ދެރައީ، ބައެއް ކުދި ޕާޓީތަކުން ކެމްޕެއިން ދަތުރުތަކަށް ރަށްރަށަށް ދާއިރު ބަނދަރަށް ނިކުންނަ މީހުންގެ އަދަދު ދައްކަންވެގެން، ލާރި ދީގެން މީހުން ނެރޭތީއެވެ. އާންމު ގޮތެއްގައި ތާޢީދެއް ނެތް ޕާޓީތަކުން ރަށްރަށަށް އަރާއިރު، މީހުން ނެރެނީ ލާރިދީގެންނެވެ. ޚާއްޞަކޮށް މަސްތުވާތަކެތީގެ އަވާގައި ޖެހިފައި ތިބޭ ޒުވާނުންނަށް ލާރިދީގެން ނެރެއެވެ. ފަހަރެއްގައި އެއީ އެ ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަށް ނޭނގި ހިނގާ ކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް، ރައީސް ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ބޭބޭފުޅުން މިފަދަ ކަންކަމާ ވިސްނަވާން ޖެހޭނެ ކަމަށް ޤަބޫލުކުރަމެވެ. މި އިންތިޚާބުގެ ކެމްޕެއިންގައި މިއުސޫލުން ބައެއް ރަށްރަަށް ދާއިރު ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވާ ބޮޑު މަންޒަރު ދެއްކުމަށްޓަކައި، ބޮލަކަށް 500 ރުފިޔާއާއި 3000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ދީގެން މިފަދަ ފަރާތްތައް ނެރެމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެހެންނަމަވެސް މިކަމުގައި ބައެއް ކެންޑިޑޭޓުން ޢަމަލުކުރަމުންދަނީ އިންތިހާއަށް އުފާކުރުން ޙައްޤު މިންވަރަކަށެވެ. ކެންޑިޑޭޓެއް ރަށަކަށް ވަޑައިގެންނެވި އިރު، މަރުޙަބާ ކިޔަން ނިކުމެތިބީ ހަމައެކަނި "އެ ބުނާ ގުރޫޕް" ގެ ބައެކެވެ. ކެންޑިޑޭޓް އެ ކަމާ ހިތްހަމަޖެހިވަޑައި ނުގެން މާ ލަސްތަކެއް ނުވެ، އެރަށުން ފުރާވަޑައިގެންނެވިއެވެ. އަދި މީހުން ގިނަ ކަމަށް ދައްކަން އެ ޒާތުގެ މީހުން ބައިވެރިކުރަން ބޭނުން ނުވާކަމަށް ވެސް އެ ކެންޑިޑޭޓް ވިދާޅުވިއެވެ. މިއީ ރަނގަޅު މިސާލެކެވެ. ޤައުމުގެ ކަންކަން އިޞްލާޙް ކުރައްވަން ވަޑައިގަންނަވާ ބޭފުޅެއްގެ ކިބައިގައި މިފަދަ ހަރުދަނާ ކަމެއް ހުންނަން ޖެހޭނެއެވެ.

ދެން އޮތީ ބޮޑު ޖަލްސާގެ ވާހަކައެވެ. ބޮޑު ޖަލްސާގައި ބޯ ގިނަ ކުރަންވެގެން ރަށްރަަށުން މީހުން ގެންނަ ވާހަކައަކީވެސް ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެކެެވެ. އެެއީ ކޮންމެ ޕާޓީއަކުންވެސް ކުރާކަމެކެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. ދަތުރުކުރާތީ ދޭ އެލަވަންސެއްވެސް ދޭން ޖެހޭނެ ކަމަށް ޤަބޫލު ކުރަމެވެ. ނަމަވެސް އެ ދަތުރަކާ ނުބައްދަލު އަދަދަކަށް ނަގުދު ފައިސާ ދީ ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ. އަދި އަމުދުން ޖަލްސާގައި ބައިވެރިކުރަން ވެގެން މީހުންނަށް ލާރި ދީގެން އަގު ކިޔައިގެން، ޖަލްސާއަށް މީހުން އެއްކުރުމަކީ ވަރަށް ވެސް ނާ ތަހްޒީބު ޑިމޮކްރެސީގެ ރީތި އުސޫލުތަކާ ޚިލާފު ޢަމަލެކެވެ. މި ގޮތަށް ފައިސާ ދޭއިރު ބައެއް ފަހަރު ގްރޫޕްތަކަށް ގަނޑުކޮށް ފައިސާ ދޭ އުސޫލުވެސް ގެންގުޅޭ ކަން އެނގެއެވެ.

ދާދި ފަހުން އައްޑޫއަށް ރިޔާސީ ކެންޑިޑޭޓަކު ވަޑައިގެން ބޭއްވި ބޮޑު ޖަލްސާއަށް ބޯ ގިނަ ކުރުމަށްޓަކައި، މީހަކަށް 500 ރުފިޔާއާއި 1000 ރުފިޔާއާ ދެމެދުގެ އަގެއްގައި ގެންދިޔަ ކަމާއި، އަދި އަނެއް ބަޔަކު އެ ކަމާ ހިތްހަމަ ނުޖެހިގެން ޖަލްސާއަށް ނުގޮސް ތިބިކަން އެނގިފައިވެއެވެ. ބޮޑު މަންޒަރު ދެއްކުމުގެ ނަމުގައި އެތައް ހާސް ރުފިޔާއެއް ދީގެއް މީހުން ނެރެން މިކުރާ މަސައްކަތުގައި ނިކުންނާނެ އާޚިރު ނަތީޖާއަކީ ކޮބައިހެއްޔެވެ؟

ނަތިޖާ ނިކުންނާނީ ލާ ވޯޓުންނެވެ. ޖަލްސާއަށް ނުވަތަ ބަނދަރު މައްޗަށް ނުވަތަ ޖަގަހައަށްދާ މީހުންގެ އަދަދަކުން ނޫނެވެ. އެހެންކަމުން، ފައިސާތަކެއް އިސްރާފް ކުުރުމުގެ ބަދަލުގައި، ލާރި ގިނަވެގެން އުޅޭނަމަ، ނިކަމެތީންނާއި ފަޤީރުންނަށް އެ ފައިސާއިން ޞަދަޤާތް ކުރުން މާ ރަނގަޅުވާނެ ކަމަށް ފެނެއެވެ. މިކަން ކުރަންވީ ކޮންމެހެން އިންތިޚާބަކަށް ނޫނެވެ. އަބަދުވެސް އެހީވާންވީއެވެ.

އަތްމަތި ދަތިވެގެން ނުވަތަ ތަނަވަސްކަން ނެތިގެން ބޭސް ފަރުވާ ނުކުރެވި އެތައް ބަޔަކު ތިބިކަން އެނގޭ ހެއްޔެވެ؟ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން އުޅެއުޅެ އެކަން ނުވެގެން މާޔޫސްވެ ހިތްދަތިކަން ބަރުދާސްތު ކުރާ ކިތައް ޒުވާނުން މި ފަސްގަނޑުގައި ތިބި ކަން އެނގޭ ހެއްޔެވެ؟ މާޒީގައި އެތައް ނާކާމިޔާބެއްވެ، ހޮވޭނެ ކަމުގެ އުއްމީދެއްވެސް ނެތި، މިލިއަނުން މިލިއަނުން ފައިސާ ޚަރަދުކޮށް ކޯލިޝަނުން، "ބޮޑު ކޭކު ފޮތި" ހޯދަން ތިޔަ ޖަހާ ސަކަރާތް ހުއްޓާލަން ވެއްޖެއެވެ. ފައިސާ ހުރިއްޔާ އިސްރާފު ނުކޮށް، މުޖްތަމަޢުގައި ބޭނުން ޖެހިފައި ތިބި މީހުންނަށް އެހީތެރިވުން މާ އައުލާކަން ބޮޑެވެ. ނާޖާއިޒު ގޮތުގައި ޚަރަދުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓާލަން އެބަ ޖެހެއެވެ.

ހަމައެހެންމެ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ނިޔަތުގައި، ވޯޓު ގަތުމަށް މީހުންނަށް ރިޝްވަތު ދިނުމަށް ކުރާ މަސައްކަތަކީވެސް ޑިމޮކްރަސީއާ ބީރައްޓެހި، ފިނޑި ޢަމަލެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު