"ޢިލްމުވެރިންގެ ގުޅުން" އަކީ ރާއްޖޭގެ 150 އަށް ވުރެ ގިނަ ދީނީ ޢިލްމުވެރިއަކު ހިމެނޭ ޙަރަކާތެކެވެ. މިއީ ރާއްޖޭގެ އެންމެ ގިނަ އިލްމުވެރީން ނިސްބަތްވާ ހަރަކާތަށްވާއިރު، ރާއްޖޭގެ މަޝްހޫރު ހުރިހާ ޢިލްވެރިން މި ޙަރަކާތުގައި ބައިވެރިވެވަޑައިގަންނަވައެެވެ.
އަދި އެ ގުޅުމުން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ ގުޅޭ ދިރާސީ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އިލްމުވެރީންގެ ގުޅުމުން ބުނީ ދިރާސީ ރިޕޯޓްގެ ހޯދުންތަކާ ބެހޭ މައުލޫމާތު އިލްމުވެރިންގެ ގުޅުމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ހުށައެޅުމުގެ ކަންކަން ރޭ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގެ އެންމެ ގިނަ އިލްމުވެރީން ނިސްބަތްވާ "ޢިލްމުވެރީންގެ ގުޅުން" ގައި ހިމެނޭ އިލްމުވެރީންގެ ތެރެއިން އެ ބޭފުޅަކަށް، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ކެންޑިޑޭޓަކު ކަނޑައެޅުމަށް ވޯޓެއް ނެގިއެވެ.
ރޭ 12 ޖެހުމާއި ހަމައަށް ކުރިއަށް ގެންދިޔަ ވޯޓްގައި 105 އިލްމުވެރިއަކު ވަނީ ވޯޓް ދެއްވާފައިވާއިރު، އެންމެ ގިނަ ޢިލްމުވެރީން އެންމެ ރަނގަޅު ކެންޑިޑޭޓެއް ކަމަށް އިޚްތިޔާރު ކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް 87 ބޭފުޅަކު ވޯޓް ދެއްވާފައިވެއެވެ. އެއީ ވޯޓްގެ ނިސްބަތުން 82 ޕަސެންޓެވެ. ދެން އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރަށެވެ. އުމަރަށް ނުވަ ވޯޓް ލިބިވަޑައިގެންފައިވާއިރު، ރައީސް ޞާލިހަށް ތާއީދު ކުރައްވަން ވޯޓް ދެއްވީ ފަސް ބޭފުޅެކެވެ. ޤާސިމް އިބްރާހިމާއި ފާރިސް މައުމޫން އަދި އިލްޔާސް ލަބީބާއި މުޙައްމަދު ނާޒިމަށް އެއް ވޯޓް ލިބިވަޑަައިގަތެވެ.
މި ނިންމުމަށް ގޮންޖައްސަވައި، މަޝްހޫރު ޢިލްމުވެރިޔާ، އަދި އަދާލަތު ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޑރ. މުޙައްމަދު އިޔާޒު ވިދާޅުވީ، ދިވެހިރާއްޖޭގައި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ދެއްވާފައިވާ 363 ޢިލްމުވެރިން ތިއްބަވާ ކަމަށާއި އޭގެތެރެއިން 105 ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވި ވޯޓެއްގެ %85 ޑރ. މުއިއްޒުއަށް ތާއީދުކުރެއްވުމުގެ މާނައަކީ ޢިލްމުވެރިންގެ ތެރެއިން އެބޭފުޅާއަށް ތާއީދުކުރައްވަނީ މަދުބަޔެއްކަމަށެވެ.
ޑރ. އިޔާޒުގެ މި ބަސްފުޅަށް ވަރަށް ގިނަ ދީނީ ޢިލްމުވެރިން ހިތްހަމަޖެހިވަޑައި ނުގެން، ސޯޝަލް މީޑިޔާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޑރ. އިޔާޒަށް ރައްދުދެއްވައި، އައްޝައިޙް މުޙައްމަދު ޝަފީޢު ވިދާޅުވީ، ޑރ. އިޔާޒު އެވިދާޅުވީ އެއްވެސް ހަރުދަނާކަމެއް ނެތް ވާހަކައެއް ކަމަށެވެ. އެހެނީ، 105 ޢިލްމުވެރީންގެ ތެރެއިން 87 ޢިލްމުވެރީން (%82) މުޢިއްޒަށް ވޯޓު ދެއްވި އިރު، ރައީސް އިބްރާހިމަށް ވޯޓު ދެއްވީ އެންމެ 5 ޢިލްމުވެރީން ކަމަށާއި އެއީ އެންމެ %4 ކަމަށް ޝެއިޙް ޝަފީޢު ވިދާޅުވިއެވެ. އައިޖީއަކީ ޢަދާލަތު ޢިލްމުވެރީން ވެސް ހިމެނޭނެހެން، ރާއްޖޭގެ ޢިލްމުވެރީން އެންމެ ގިނައިން ތިއްބެވި ޕްލެޓްފޯމް ކަމަށާއި، އެއީ އެކިއެކި ޤައުމުތަކުން އެކިއެކި ޔުނިވަރސިޓީތަކުން އެކިއެކި ދީނީ ދާއިރާތަކުން ޢިލްމު ޙާސިލުކުރައްވައިގެން ތިއްބެވި ޢިލްމުވެރީން ކަމަށާއި، ރާއްޖޭގެ ޢިލްމުވެރީންގެ އެންމެ ބޮޑު ޕޫލް ކަމަށް ޝެއިހް ޝަފީޢު ވިދާޅުވިއެވެ. ޝެއިޚް ޝަފީޢު އިތުރަށް ވިދާޅުވީ، އެއީ ޢިލްމުވެރީންގެ ރައުޔާއި ވިސްނުން ސާފުކޮށްލާން އެންމެ ރަނގަޅު ޕްލެޓްފޯމު ކަމަށާއި، އެފަދަ ޕްލެޓްފޯމެއްގައި ނެގޭ ވޯޓަކުން އެ ދޭހަކޮށްދެނީ، ޢިލްމުވެރީންގެ ޢާންމު ރައުޔާއި ވިސްނުން ހުރި ގޮތް ކަމަށާއި، ރާއްޖޭގެ ޢިލްމުވެރީންގެ ތާއީދެއް ރައީސް އިބްރާހީމަކަށް ނެތް ކަން އެއީ އިރު ފެންނަ ފަދައިން ސާފުކަމެއް ކަމަށެވެ.
އޭގެ ފަހުން އަނެއްކާ ޑރ. އިޔާޒު ވަނީ އެހެން ރަޢުޔުއެއް ނެރުއްވާފައެވެ. ޑރ. އިޔާޒު ވިދާޅުވީ، 363 ޢިލްމުވެރިންގެ ތެރެއިން ޑރ މުޢިއްޒުއަށް ތާއީދުކުރަށްވަނީ 87 ބޭފުޅުންކަމަށާއި، އެއީ ޢިލްމުވެރިންގެ %24 ކަމަށާއި، ތިިޔަ ހެޑްލައިން ހަދާގޮތަށް ހަދާނަމަ ޖަހަންވީ ހެޑްލައިންއަކީ ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ %76 ޑރ މުޢިއްޒުއަށް ތާއީދެއް ނުކުރައްވާ ކަމަށެވެ.
އޭގެ ރައްދުގައި ޝެއިޚް ޝަފީޢު ވިދާޅުވީ، ރައީސް އިބްރާހީމަށް ތާއީދުކުރެއްވީ 5 ޢިލްމުވެރީން ކަމަށާއި، އެއީ %4 ކަމަށާއި، އެއީ ޢިލްމުވެރީންގެ ޖުމްލަ، %1.3 ކަމަށާއި، "ތިޔަހެން ހެޑްލައިން ޖަހަންޏާ، ޖަހަންވީ %98.7 ޢިލްމުވެރީންގެ ތާއީދު ރައީސް އިބްރާހީމަކަށް ނެތޭ" ކަމަށެވެ.
ކޮންމެއަކަސް، ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް އުޅުއްވާ އެއް ދީނީ އިލްމުވެރިޔާއެވެ. އަދި އޭނާއަކީ އަދާލަތު ޕާޓީގެ ސިޔާސީ އެކްޓިވިސްޓެއް ކަމަށް ވެސް ގިނަ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރެއްވުމަށް ޑރ. މުހައްމަދު އިޔާޒް ވަނީ ހުރިހާ ދީނީ އިލްމުވެރިންނަށް ދާދި ފަހުން އިލްތިމާސް ކުރައްވައިފައެވެ.