ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ކަރެކްޝަނަލް ސަރވިސް ގެ 52 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ 52 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ ކ. މާފުށީ ސްކޫލްގެ ހޯލްގައި ރޭ ބާއްވައިފިއެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، ކޮމިޝަންޑް އޮފިސަރުންނާއި މުވައްޒަފުން އަދި ދަޢުވަތު އެރުވުނު މެހެމާނުން މި ޖަލްސާގައި ބައިވެރިވެލެއްވިއެވެ.

މި ޖަލްސާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފެށުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި މޯލްޑިވްސް ކަރެންޝަނަލް ސަރވިސްއަށް މެދުނުކެނޑި 25 އަހަރަށްވުރެއް ގިނައިން ޚިދުމަތްކުރެއްވި ހަތަރު އޮފިސަރަރުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމުގެ އިތުރުން، އެމްސީއެސްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށްވެސް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައިވެއެވެ. މި ޖަލްސާގައި 211 ޕްރިޒަން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގެ އިތުރުން، ޝަރަފުގެ ކުލަ އާއި މެޑަލްވެސް ޙަވާލުކޮށްފައިވެއެވެ.

ވޭތުވެ ދިޔަ އަހަރުގައި ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ކޮމިޝަނަރ ފާހަގަކުރެއްވީ އޮފިސަރުން ރެކްރޫޓްކުރުމަށް އިސްކަންދެވިގެން ކުރެވުނު މަސައްކަތަކާ ގުޅިގެން ގާތްގަނޑަކަށް 300 އެއްހާ އޮފިސަރުން ވޭތުވެ ދިޔަ ހަތަރު އަހަރުތެރޭގައި ރެކްރޫޓްކުރެވި، މަސައްކަތަށް ބޭނުންވާ ޤާބިލް އޮފިސަރުން ބިނާކުރުމަށްޓަކައި އެކި އެކި އެކުވެރި ޖަމާއަތްތަކާ ގުޅިގެން އެކި އެކި ތަމްރީން ޕްރޮގްރާމްތަކާއި ބެސްޓް ޕްރެކްޓިސްތައް އަހުލުވެރިކަމުގެ ޕްރޮގްރާމްތައް ހިންގުނުކަމެވެ. އެގޮތުން ޔޫއެސް ސްޓޭޓް ޑިޕަރޓްމަންޓްގެ އެހީގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ ތަމްޞީލްވާގޮތަށް، ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާބެހޭގޮތުން ރީޖަނަލް ވޯކްޝޮޕް އެއް ރާއްޖޭގައި ބޭއްވުނު ކަމަށާއި އޮފިސަރުންގެ ޤާބިލްކަން އިތުރުކުރުކޮށް އެކްސްޕޯޝަރގެ ގޮތުން އިންޑިއާ، ކެންޔާ، ތުރުކީ އަދި ސްރީލަންކާގެ ޖަލުތަކާބެހޭ ވަފްދުން ރާއްޖެއައިސް ތަމްރީންތައް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތް އަހަރުގައި ސްރީލަންކާ އާއި ސިންގަޕޫރު ފަދަ ޤައުމުތަކުގައި މިފަދަ ތަމްރީންތައް ކުރިއަށްގެންދަން ރޭވިގެންދާނެކަމަށް ވިދާޅުވިއެވެ.

އޮފިސަރުންނާއި މުވައްޒަފުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ގޮތުން ދަތިތަކާއެކުގައިވެސް ހެލްތް އިންޝުއަރަންސް ސްކީމް ފަށާފައިވާކަމަށާއި ކުރިއަށްއޮތްތާނގައި އެ ޚިދްމަތް މެދުނުކެނޑި ކުރިއަށްދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި 51 އެއްވަނަ އަހަރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ، އެމްސީއެސްގައި ދިގު މުއްދަތަށް މަސައްކަތްކޮށްފައި ތިބި އޮފިސަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ދެއްވާ ބޯހިޔާވެހިކަމުގެ ފުރުޞަތުގެ ދަށުން، ޝަކުވާތައް ބެލުމަށްފަހު، ވަރަށް އަވަހަށް ދާއިމީ ލިސްޓެއް ނެރޭނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މިރޭ އިފްތިތާޙްކުރެވުނު ބޮޑީ ވޯރން ކެމެރާއަށް އަލިއަޅުވާލައްވަމުން، ކޮމިޝަނަރ ވިދާޅުވީ އެފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމުން މަސައްކަތްތަކަށް އިންގިލާބީ ބަދަލެއް ގެނެވިދާނެކަމަށާއި އޭގެ ސަބަބުން ޖަލުގައި ހިނގާ ޙާލަތްތައް ވަގުތުން ފެނިގެންދާނެކަމަށާއި އެ ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުންކުރެވިއްޖެނަމަ، މިހާރު ކުރަމުންދާ ކަންތައްތައް ބަލައި، ޖަލު ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އޭގެ ތެރެއިން ހޯދަމުންދާނެކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު