ނުބައި ތަނެއްގައި ޕާކުކޮށްގެން ވެހިކަލްތަކުގައި މިދިޔަ ފަސް އަހަރު ޖެހި ޕާކިން ސްޓިކާ ޖޫރިމަނާގެ ތެރެއިން ނުލިބޭ ބައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މަޢާފުކޮށްދެއްވައިފި ކަމަށް، ސަރުކާރުން އިއްޔެގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެެވެ.
އެ ބަޔާނުގައި ވަނީ، މާލޭގައި ޤަވާއިދުން ޕާކު ކުރާނެ ޖާގަ ނެތް ނަމަވެސް ޖޫރިމަނާ ކުރަމުންދާތީ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށާއި އެއީ ރައީސަށް ވެސް ޤަބޫލު ކުރެއްވޭ ޝަކުވާއެއް ކަމަށެވެ. އެހެންކަމުން، ސަރުކާރަށް ވެސް ޤަބޫލު ކުރެއްވޭތީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެކަން ނިންމެވީ ކަމަށް އެ ބަޔާނުގައިވެއެވެ.
ޕާކިން ޖޫރިމަނާގެ އިތުރުން އެހެނިހެން ޓްރެފިކް ވަޔަލޭޝަންތަކުގައި ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ވެސް ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށާއި، އެހެންކަމުން، ޖޫރިމަނާގެ ބާވަތަށް ބަލައި، ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ޖޫރިމަނާ ފައިސާ މަޢާފު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
އެ ބަޔާނުގައިވާގޮތުން، އެ ޓްރެއިނިން ޕްރޮގްރާމު ފުލުހުން ހިންގުމަށް ހަމަޖެހިފައިވާއިރު، އެފަދަ ޕްރޮގްރާމަކަށް ހޭދަވާނީ ދެ ހަފުތާ އާއި މަސް ދުވަހުގެ މުއްދަތެކެވެ. މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކުން މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރިޔާސީ އިންތިޚާބު ބާއްވަން ތިން ދުވަހަށް ވެފައިވަނިކޮށް، މިފަދަ ނިންމުމެއް ނިންމެވުމަކީ، އިންސާފުތޯ ސުވާލުކޮށްލަން އެބަޖެހެއެވެ. މިދިޔަ 5 އަހަރު ދުވަހުގެ ނުވަތަ އޭގެ ކުރިއަށް ބަލާއިރުވެސް އެތައް ބަޔަކު ޖޫރިމަނާ ފައިސާ ދައްކަމުން އައިސްފައިވެއެވެ. ވަރަށް ބޮޑެތި ޢަދަަދުތަކުން، ފައިސާގެ ޖޫރިމަނާތައް ދައްކަމުން ޚަލާސްކުރަމުން އައި މީހުންނާ މެދު މި ވެވުނީ ވަރަށް ބޮޑު ބޭއިންސާފެކެވެ. އެހެނީ، މިފަދަ ގޮތަކަށް ޖޫރިމަނާތައް މަޢާފްކޮށްދެއްވާނެ ކަން އެނގޭނަމަ، އެފަރާތްތަކުންވެސް މިފަދަ ދުވަހަކަށް އިންތިޒާރު ކުރަމުން ގެންދާނެއެވެ.
މާލޭގެ މަގުތައް ތޮއްޖެހި، ކާރޫބާރު ބޮޑުވެފައިވާއިރު، ސައިކަލްތަކާއި އެހެނިހެން ވެހިކަލްތައް ޕާކުކުރެވޭނެ އިންތިޒާމް އަދިވެސް ވަނީ ސަރުކާރަށް ހަމަޖައްސަވައި ނުދެވިއެވެ. ޕާކް ކުރާނެ ތަން ދެއްކުމަކީ ރައީސް އިބްރާހީމް ޞާލިޙު 2018 ގައި ވެރިކަމަށް ވަޑައިގަންނަވަން ވެގެން، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެކެވެ. ޚުދު ރައީސް ޞާލިޙް އަމިއްލަފުޅަށްވެސް އެ ވަޢުދު ފުއްދިގެން ނިޔަކަމަށް ޤަބޫލުފުޅު ނުކުރައްވާކަން މި ބަޔާނުން އެބަ ދޭހަވެއެވެ. މިކަމަށް ހައްލެއް ނުގެނެވި، ޕާކު ކުރެވޭނެ ގޮތެއް ނެތި އުޅެނިކޮށް އެތައް ޖޫރިމަނާއެއް ދައްކަ ދައްކާ ތިއްބާ، އިންތިޚާބު ބޯމަތިވުމުން މިފަދަ ބޮޑެތި މަޢާފްތައް އައުމަކީ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގެވި ނާތަހްޒީބު އަމަލެކެވެ.
މިފަދަ ކަންކަން އިންސާފުގެ މަގުން ގެންދަވާނަމަ، މިދިޔަ 5 އަހަރު ތެރޭގައި ޖޫރިމަނާގެ ގޮތުގައި ފައިސާ ދައްކާފައިވާ ފަރާތްތަކަށް، އެ ފައިސާ އަނބުރާ ދެއްވަން ޖެހޭނެ ކަމަށް ވެސް ޤަބޫލުކުރެވެއެވެ. އެެހެނީ، މިއަދު މިކަމުގައި ރަނގަޅު ގޮތް މެދުވެރިވެގެން މިދިޔައީ، ކޮންމެ ހާލަތެއް މެދުވެރި ވިޔަސް މިހާރު ޤާނޫނުގައި ބުނާ ގޮތަށް ޢަމަލު ކުރަމުން ގޮސްފައި ނުވާ ފަރާތްތަކަށެވެ. ޤާނޫނު ބުނާ ގޮތަށް ޖޫރިމަނާ ދައްކަމުން އައި ފަރާތްތަކަށް މި ލިބުނީ ކޮޅުކެއްސެކެވެ.
ޤާނޫނާއި އުސޫލުތަކުގައި ވަކި ގޮތަކަށް ޢަމަލުކުރަން އޮންނަ ކަމެއް ހަމަ ކުއްލިއަކަށް ބަދަލު ގެނެސްގެން ނާޖާއިޒު މަންފާއެއް ހޯދުމަށް ހިންގޭ މިފަދަ ކަންކަމަކީ ޤައުމެއް ޙައިސިއްޔަތުން ވިސްނާއިރު، ލަދުވެތިކަމެކެވެ. މިފަދަ ކަންކަމުގެ ސަބަބުން މި ހިތްވަރު ދެވެނީ ޤާނޫނުތައް މުގުރާށެވެ. ޤާނޫނީ އިމުން ބޭރުވާށެވެ. މާދަމާ މިފަދަ ޖޫރިމަނާތައް މަޢާފުކޮށްދޭނެ ކަމުގެ އިންތިޒާރުގައި އެތައް ބަޔަކު ތިބުމަށް މިދެވެނީ ހިތްވަރެކެވެ. ޤާނޫނު އޮތްތާ ބާއްވާފައި، ސަރުކާރުގެ ދީލަތި ކަމުން މަޢާފުތައް އަންނާނެ ކަމަށް ވިސްނައިދެވޭ ގޮތަށް ޢަމަލުކުރުމަކީ، ޤާނޫނީ އިމުން ބޭރުވުމަށް ހުޅުވާލެވޭ ދޮރެލެވެ. އެއީ ޤައުމުގެ ކުރިމަގަށް އޮތް އަނދިިރި ކަމެކެވެ. އަންނަން އޮތް ޖީލުތައް ތަރުބިއްޔަތަށް އެޅޭނެ ވަރަށް ބޮޑު ހިޔަންޔެކެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޔާނުގެ ވެރިކަމުގައި، ޓެސްޓަކާ ނުލާ، ލައިސަންސް ދިނުމާއި، ހަމަ މިގޮތަށް ޖުރުމަނާ، މާފުކުރި ވާހަކަ ވެސް ލިޔެލިނަމަ، ލިޔުންތެރިޔާ އާއި ނޫހުގެ އިޚްލާސްތެރިކަން ފެނުނީސް،