Wednesday, 19 June 2024

ފާރިސްގެ ޢަޒުމަކީ ހިތާމައިގައި ތިބި ފަރާތްތަކަށް ތަސައްލީއެއް ހޯއްދަވައިދެއްވުން

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން މިފަހަކުން ރާއްޖޭގެ ނޫހަކުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ދެންނެވުނު ވާހަކައެއްގެ ސަބަބުން ބައެއް ފަރާތްތަކަށް ހިތާމަތައް އިތުރުވެގެން ދިއުމަކީ ޙަޤީޤަތެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ހިނގާދިޔަ އަނިޔާތަކަށް، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންނެވުމަށްފަހު، އެމަނިކުފާނުގެ ޢަޒުމަކީ ހިތާމައިގައި ތިބި ފަރާތްތަކަށް ތަސައްލީއެއް ހޯއްދަވައިދެއްވުން ކަމަށް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް މައާފަށް އެދިވަޑައިގެން ރޭ އޭނާ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ފާރިސް ވިދާޅުވީ، ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި، ހިތާމަތަކެއް މެދުވެރިވި ކަމަކީ ޙަޤީޤަތެއް ކަމަަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމި ތިބިކަމީ އަޅުގަނޑު ޤަބޫލު ކުރާ ކަމެއް. އެއީ އަޅުގަނޑު ދޮގު ކުރާ ކަމެއް ނޫން".

ފާރިސް ވިދާޅުވިއެވެ.

އެކަމާއި މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

އަދި އޭނާ ފަހުން ދެއްކި ވާހަކައެއްގެ ސަބަބުން އެ ހިތާމަތައް އިތުރުވެގެން ދިއުމަކީ ޙަޤީޤަތެއް ކަމަށް ވިދާޅުވެ، ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުގެ އަޒުމަކީ އަޅުގަނޑުގެ ވެރިކަމެއްގައި މި ހުރިހާ ފަރާތްތަކަށް ފުރިހަމަ ތަސައްލީއެއް ހޯދާދިނުން. އަދި އަޅުގަނޑުގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި މިފަދަ އެއްވެސް ކަމެއް އެންމެ ކުޑަމިނަކަށްވެސް ނުހިނގާނެ ކަން ކަށަވަރު ކުރުމަކީ އަޅުގަނޑުގެ އަމިއްލަ ޒިންމާއެއް ކަަމަށްވެސް ހަދާނަން.". ފާރިސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު