އިންތިޚާބު އޮބްޒާވްކުރާ ބޭރުގެ މޮނީޓަރުން ރާއްޖެ އަންނަން ފަށައިފި

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ބެލުމަށް އަންނަ ބޭރުގެ މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް ރާއްޖެ އަންނަން ފަށައިފިއެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންގެ ޗީފް އޮބްޒާވަރެއްގެ ގޮތުގައި މިފަހަރު ހަރަކާތްތެރިވާނީ ސްރީލަންކާގެ ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް މަހިންދަ ދޭޝަޕްރިޔާއެވެ. އޭނާ ވަނީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފައެވެ. އިންތިޚާބު އޮބްޒާވްކޮށް، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތައް މިއަދާއި މާދަމާ ރާއްޖެ އަންނާނެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބައިނަލްއަޤްވާމީ މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި 165 ފަރާތުން ހަރަކާތްތެރިވާއިރު، މީގެތެރޭގައި ހިމެނެނީ 143 އޮބްޒާވަރުންނާއި 22 މޮނިޓަރުންނެވެ. މީގެތެރެއިން 31 އޮބްޒާވަރުންނަކީ އިލެކްޝަންސް ކޮމިޝަންގެ ޚާއްސަ ދައުވަތައް އަންނަ އޮބްޒާވަރުންނެވެ. އެއޮބްޒާވަރުން ރާއްޖޭގެ 6 ސަރަހައްދެއްގައި މަސައްކަތްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ބައިނަލްއަޤްވާމީ މޮނިޓަރުންގެ ގޮތުގައި ޙަރަކާތްތެރިވާނީ ފްރާންސް ޖަޕާން، އިންޑިއާގެ އިތުރުން ސްރީލަންކާއިން އަންނަ 22 މޮނިޓަރުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ، އޮބްޒާވަރުންގެ ތެރޭގައި އެންމެ ގިނައީ ޔޫރަޕިއަން ޔޫނިއަން އާއި ދަ ކޮމަންވެލްތުގެ ފަރާތުން އިންތިޚާބަށް ވަޑައިގަންނަވާ އޮބްޒާވަރުން ކަމަށާއި، މީގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، ސައުތު ކޮރެއާ، ސައުތު އެފްރިކާ، ކެމެރޫން، ޖޯރޖިޔާ، ހޯންޑިއުރަސް، އެލް ސަލްވަޑޯރ، އުޒްބެކިސްތާންގެ އިތުރުން އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ އަދި ފިލިޕީންސްގެ އޮބްޒާވަރުންވެސް އިންތިޚާބުގައި ހަރަކާތްތެރިވާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު