Thursday, 20 June 2024

ރައީސް ޞާލިހް މިފަހަރު ވޯޓު ގަންނަނީ؛ ވޯޓަކަށް 30،000ރ. އަށް: ޤާސިމް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވާ ރިޔާސީ ކެމްޕެއިންގައި ކޮންމެ ވޯޓަކަށް 20،000ރ. ނޫނީ 30،000ރ. ދޭ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އިހަވަންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވީ މިއަދުގެ ސަރުކާރުން 100 މިލިއަން ރުފިޔާ އިން ހިންގޭ މަޝްރޫއެއް ވެއްޖެ ނަމަ، 300 މިލިއަން ރުފިޔާ ޖަހައިގެން މަސައްކަތްކޮށް ނިންމާފައި ބާކީ ފައިސާ ލަނީ ޖީބަށް ކަމަށެވެ.

"ކާ ބަޔަކު ކައޭ އަންބާ ކިއާފައި ދެލޯފުޅާ. މިއަދު ވޯޓަކަށް 30،000 ރުފިޔާ، 20،000 ރުފިޔާ ދީގެން ވެރިކަމަށް އަންނަން ބޭނުން ވަނީ ކޮން ކަމަކަށްތޯ؟"

ރިޔާސީ އިންތިހާބަށް އެމްޑީޕީން ރިޝްވަތު ބަހަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ޤާސިމު ވިދާޅުވިއެވެ.

"އަހިވަކާ ޖެހި އަހިވަކެއް ފާވާނެ އޭ ބުނާހެން. އިބްރާހިމް މުހައްމަދު ޞާލިހް އެ ހުންނެވީ ރައްޔިތުންގެ މަޖިލިހުގައި ތަޅު އަޅުވައިގެން. ގާނޫނުއަސާސީއާ ހިލާފަށް ކަނޑުގެ އެއްބައި ދޫކޮށްލައިފި. ގާނޫނުއަސާސީއާ ހިލާފަށް ބޭރުގެ ސިފައިން ގެނެސްފި. ދައުލަތުން އިންތިހާ ދަރަޖައިގެ ކޮރަޕްޝަން ފައިބައިގެންދާ ތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ކޮން ތަނަކުން ހޯދާ ފައިސާއެއްތޯ ވޯޓަކަށް 20،000ރ. އަޅާލަނީ؟" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެއްޗެއްގައި ހިފިޔަސް ހިފަން ވާނީ ރަނގަޅު ގޮތުގައެވެ. އެމީހެއްގެ އެއްޗެއްގައި އެމީހަކު ހިފުމަކީ މައްސަލައެއް ނޫން ކަމަށާއި އެމީހުން އެ ބަހަނީ ރައްޔިތުންގެ ފައިސާ ނަމަ، އޭގައި ހިފުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އެކަމަކު ވޯޓުލާން ވާނީ ތެދުވެރި މީހާއަށް. ގައުމާ އެކީގައި ކުރިއަށް ދާން، ގައުމު ކުރިމަގަށް ގެންދަން ދަންނަ އެނގޭ އިހްލާސްތެރި ރަނގަޅު، ފަސް ބައިގައި ކިލަނބުކަމެއް ނެތް މީހަކަށް."

ޤާސިމް ވިދާޅުވިއެވެ

ރައީސް ޞާލިޙް މި ހިނގަމުންދާ ދައުރު ނިންމަވާފައި ގެއަށް ވަޑައިގަތަސް، ހަތަރު ލައްކައެއްހާ ރުފިޔާ ކޮންމެ މަހަކު އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނެ ކަމަށް ފާހަގަ ކުރައްވަމުން ޤާސިމް ވިދާޅުވީ އެއީ ބޭސްފަރުވާ އާއި ސެކިއުރިޓީ ނުލައި ކަމަށެވެ.

"މަދުތޯ އެ ވަރު؟ ކޮން ކަމެއްތޯ އޭނަ (ރައީސް ސޯލިހް) ކުރީ. ފަނާ ކުރުން ފިޔަވައި. ދައުލަތުގެ ލާރި ދިނުމާއި އަނެއްކޮޅުން ގާނޫނުއަސާސީއާ ހިލާފަށް ކަންތައް ކުރީ. މިހާރު އެ ހުރީ ކަނޑައެޅިގެން ކުށްވެރިވެފައި އޭނަ. އޭނާގެ މައްޗަށް ހުކުމް ކުރަން ޖެހޭނެ މިއަދު،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރާ އެކީގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދައިގެން މަސައްކަތް ކުރެއްވި ނަމަވެސް، ކަންކަން ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އެހެންވީމަ، މިވަރުގެ ޣައްދާރު ކަންކަން ކުރެއްވީމަ ރައީސް ސޯލިހަށް ތާއީދު ކުރެއްވެން ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރިޔާސީ ރޭހަށް ނުކުންނެވީ ޤައުމު އަޅުވެތިކަމުގެ ތެރެއަށްދާތީ "ލަގޮނޑިއަށް" ކެތް ނުވެގެން ކަމަށެވެ. އަދި މި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމާއި ދަ ޑިމޮކްރެޓްސް އަށް ވެސް ވޯޓުލާން ހެޔޮ ނުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު