ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗް ކުރުން

ކޯލިޝަން ހެދިޔަސް މިސަރުކާރުން މަޝްވަރާއެއް ނުކުރޭ، ޣައްދާރުވީ: ޤާސިމް

މި ސަރުކާރާ އެކީގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދައިގެން މަސައްކަތް ކުރެއްވި ނަމަވެސް، ކަންކަން ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ނުވާ ކަމަށާއި، މިވަރުގެ ޣައްދާރު ކަންކަން ކުރެއްވީމަ ރައީސް ޞާލިހަށް ތާއީދު ކުރެއްވެން ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އިހަވަންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވީ މި ސަރުކާރާ އެކީގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދައިގެން މަސައްކަތް ކުރެއްވި ނަމަވެސް، ކަންކަން ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އެހެންވީމަ، މިވަރުގެ ޣައްދާރު ކަންކަން ކުރެއްވީމަ ރައީސް ޞާލިހަށް ތާއީދު ކުރެއްވެން ނެތް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރިޔާސީ ރޭހަށް ނުކުންނެވީ ޤައުމު އަޅުވެތިކަމުގެ ތެރެއަށްދާތީ "ލަގޮނޑިއަށް" ކެތް ނުވެގެން ކަމަށެވެ. އަދި މި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމާއި ދަ ޑިމޮކްރެޓްސް އަށް ވެސް ވޯޓުލާން ހެޔޮ ނުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިއަދުގެ ސަރުކާރުން 100 މިލިއަން ރުފިޔާ އިން ހިންގޭ މަޝްރޫއެއް ވެއްޖެ ނަމަ، 300 މިލިއަން ރުފިޔާ ޖަހައިގެން މަސައްކަތްކޮށް ނިންމާފައި ބާކީ ފައިސާ ލަނީ ޖީބަށް ކަމަށެވެ.

"ކާ ބަޔަކު ކައޭ އަންބާ ކިއާފައި ދެލޯފުޅާ. މިއަދު ވޯޓަކަށް 30،000 ރުފިޔާ، 20،000 ރުފިޔާ ދީގެން ވެރިކަމަށް އަންނަން ބޭނުން ވަނީ ކޮން ކަމަކަށްތޯ؟"

ރިޔާސީ އިންތިހާބަށް އެމްޑީޕީން ރިޝްވަތު ބަހަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ޤާސިމު ވިދާޅުވިއެވެ.

"އަހިވަކާ ޖެހި އަހިވަކެއް ފާވާނެ އޭ ބުނާހެން. އިބްރާހިމް މުހައްމަދު ޞާލިހް އެ ހުންނެވީ ރައްޔިތުންގެ މަޖިލިހުގައި ތަޅު އަޅުވައިގެން. ގާނޫނުއަސާސީއާ ހިލާފަށް ކަނޑުގެ އެއްބައި ދޫކޮށްލައިފި. ގާނޫނުއަސާސީއާ ހިލާފަށް ބޭރުގެ ސިފައިން ގެނެސްފި. ދައުލަތުން އިންތިހާ ދަރަޖައިގެ ކޮރަޕްޝަން ފައިބައިގެންދާ ތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ކޮން ތަނަކުން ހޯދާ ފައިސާއެއްތޯ ވޯޓަކަށް 20،000ރ. އަޅާލަނީ؟" ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވި ގޮތުގައި އެއްޗެއްގައި ހިފިޔަސް ހިފަން ވާނީ ރަނގަޅު ގޮތުގައެވެ. އެމީހެއްގެ އެއްޗެއްގައި އެމީހަކު ހިފުމަކީ މައްސަލައެއް ނޫން ކަމަށާއި އެމީހުން އެ ބަހަނީ ރައްޔިތުންގެ ފައިސާ ނަމަ، އޭގައި ހިފުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އެކަމަކު ވޯޓުލާން ވާނީ ތެދުވެރި މީހާއަށް. ޤައުމާ އެކީގައި ކުރިއަށް ދާން، ޤައުމު ކުރިމަގަށް ގެންދަން ދަންނަ އެނގޭ އިހްލާސްތެރި ރަނގަޅު، ފަސް ބައިގައި ކިލަނބުކަމެއް ނެތް މީހަކަށް."

ޤާސިމް ވިދާޅުވިއެވެ

ރައީސް ޞާލިޙް މި ހިނގަމުންދާ ދައުރު ނިންމަވާފައި ގެއަށް ވަޑައިގަތަސް، ހަތަރު ލައްކައެއްހާ ރުފިޔާ ކޮންމެ މަހަކު އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނެ ކަމަށް ފާހަގަ ކުރައްވަމުން ޤާސިމް ވިދާޅުވީ އެއީ ބޭސްފަރުވާ އާއި ސެކިއުރިޓީ ނުލައި ކަމަށެވެ.

"މަދުތޯ އެ ވަރު؟ ކޮން ކަމެއްތޯ އޭނަ (ރައީސް ޞާލިހް) ކުރީ. ފަނާ ކުރުން ފިޔަވައި. ދައުލަތުގެ ލާރި ދިނުމާއި އަނެއްކޮޅުން ޤާނޫނު އަސާސީއާ ހިލާފަށް ކަންތައް ކުރީ. މިހާރު އެ ހުރީ ކަނޑައެޅިގެން ކުށްވެރިވެފައި އޭނަ. އޭނާގެ މައްޗަށް ހުކުމް ކުރަން ޖެހޭނެ މިއަދު،" ޤާސިމް ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *