ބްރެޒިލްގެ ދެކުނަށް އެރި ބާރުގަދަ ތޫފާނަކާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 27 އަށް އަރައިފިއެވެ.
ބުރެޒިލްއަށް އައި ތޫފާނާ އެކު ބޯކޮށް ވާރޭވެހި ކޯރުތައް ފުރިގެން ބަންޑުންވުމާ ގުޅިގެން މަގުތަކުގައި ފެންބޮޑުވެ ޢާންމުންގެ ގެދޮރަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ހިއު ގްރަންޖެ ދު ސޫގެ ގަވަރުނަރު އެދުއާރްދޮ ލެއީޗި ވިދާޅުވީ މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން އެ ސްޓޭޓްގެ 60 އަށްވުރެ ގިނަ ރަށުގައި ފެންބޮޑުވެފައިވާ ކަމަށާއި، މިއީ، ފަހުގެ ތާރީޚެއްގައި އެ ސްޓޭޓަށް ކުރިމަތިވި އެންމެ ނުރައްކާތެރި ޤުދުރަތީ ކާރިސާ ކަމަށެވެ.
ފެންބޮޑުވުމާ ގުޅިގެން ހިނގާފައިވާ އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 27 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 15 މީހުންނަކީ އެއް ގެއެއްގައި ދިރިއުޅޭ 15 މީހުންނެވެ. އަދި ގިނަ ޢަދަދެއްގެ ގެދޮރާއި ޢިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، 3,700 އަށްވުރެ ގިނަ މީހުންގެ ގެފޮރު ހަލާކުވެ، އެ މީހުން މަގުމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ބަޔަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން އެ ރަށުގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ރަށުގައި ގެދޮރު ނެތިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ތިބީ ސިޓީ ހޯލްގައެވެ. އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ވެސް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ކާރިސާގައި މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެންނަމުންދާ ކަމަށާއި، މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.