ޕްރިންސިޕަލް ހަސަން ޖަމާލުއްދީނާ ދުރަށް، 18 އަހަރުގެ ޚިދުމަތަކަށްފަހު

ޕްރިންސިޕަލެއްގެ ގޮތުގައި 18 އަހަރު ޖަމާލުއްދީނަށް ޚިދުމަތް ކުރެއްވުމަށްފަހު ހަސަން މުޙައްމަދު އެ ސްކޫލާ ދުރަށް ވަޑައިގަންނަވައިފިއެވެ.

ޙަސަންއަށް ސިއްޙީ ސަބަބުތަކަށްޓަކައި އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑިޔުކޭޝަން މިނިސްޓްރީގައެވެ.

ހަސަންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ޖަމާލުއްދީން ސްކޫލުން ވަނީ ފެއަރވެލް ޕާޓީއެއް ރޭ އެ ސްކޫލުގައި ބާއްވާފައެވެ. ހަސަން ބައިވެރިވެވަޑައިގެންނެވި ޚާއްޞަ އެސަމްބްލީއެއް ގުރޭޑް 6ން މަތީގެ ދަރިވަރުންނަށް މިއަދު ހެނދުނު ބާއްވާފައިވާއިރު، ގުރޭޑް 5ން ދަށުގެ ކުދިންނަށް ވެސް އެފަދަ އެސަމްބްލީއެއް މިއަދު ހަވީރު، ބާއްވަން ވަނީ ނިންމާފައެވެ.

ހަސަނަކީ ތަޢުލީމީ ދާއިރާގައި 32 އަހަރު މަސައްކަތް ކުރައްވާފައިވާ ހިންގުންތެރި ޕްރިންސިޕަލެކެވެ. ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 9 ޖޫން 1990 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޓްރޭނީ ހެޑްމާސްޓަރެއްގެ ވަޒީފާއިންނެވެ. ފުރުއްވި ބައެއް އެހެން މަގާމުތަކުގެ ތެރޭގައި، ތަޢުލީމާއި ތަމްރީނު ދިނުމުގެ ކުޑަކުދިންގެ ޚާއްޞަ މަރުކަޒުގެ މުދީރުކަމާއި، މުޙްޔިއްދީން ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްކަމާއި، ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލްކަން ހިމެނެއެވެ. 8 ޖޫން 2006ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ޖަމާލުއްދީން ސްކޫލްގައެވެ.

ތަޢުލީމީ ދާއިރާއަށް ހަސަން ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރައްވައި، ތަޢުލީމީ ދާއިރާއިން، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ ޢިނާމް 2020 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

މިކަންކަމުގެ ތެރޭގައި އުފެދުނު "މޯލްޑިވްސް ޑެފް އެސޯސިއޭޝަން" ވުޖޫދުވުމުގެ އެންމެ މުހިންމު އެއް މޭސްތިރިއަކީ ޙަސަން މުޙައްމަދެވެ. މި ޖަމުޢިއްޔާ ހިންގުމުގައި، މާލީގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން އެންމެބޮޑު އެހީތެރިކަމެއް ވެދެއްވި އެއްބޭފުޅަކީވެސް ޙަސަން މުޙައްމަދެވެ.

ރާއްޖޭގައި ފުރަތަމަފަހަރަށް ސައިން ލޭންގުއޭޖް ޑިކްޝަނަރީއެއް އެކުލަވައިލެއްވުމުގައި އެންމެ އިސްކޮށްހުންނަވައިގެން އެކަމަށް ބޭނުންވާ ފަންނީ ލަފާ ދެއްވަމުން ގެންދެވި އެއްބޭފުޅަކީވެސް ޙަސަން މުޙައްމަދެވެ. މީގެއިތުރުން، "ބޭސިކް ލިޓްރަސީ ޕްރޮގްރާމް ފޮރ ދަ ޑެފް"ގެ ނަމުގައި ޑެފް އެސޯސިއޭޝަންގެ މެންބަރުންނަށް ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ ޕްރޮގްރާމާއި، ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމް ހިންގަވައިދެއްވައިފައިވެއެވެ.

ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވައިގެން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސާނަވީ ތަޢުލީމާ ހަމަޔަށް ކިޔަވައިދެއްވުމުގައި އަދާކުރެއްވި ދައުރާއި، އެފަދަ ކުދިންނަށް ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމުގައި ކުރެއްވި މަސައްކަތްޕުޅު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު