22 އެޕްރީލް 2025

ބަދަލަކަށް މިދީބު އެދިވި މިސާލެއް، ފާރިސް މީ، ދިވެހި ބިމުގެ ނިދާއޭ

ފާރިސް އަބަދުވެ ވަކާލާތު ކުރައްވަމުން ގެންދަވަނީ، ދިރިއުޅުމުގެ ޚަރަދުތައް މިވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށާއި، މައިގަނޑު ގޮތެއްގައި މިކަމުގެ ސަބަބުތަކުގެ ތެރޭގައި ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ކުރެވޭނޭ މަސައްކަތްތައް ކުރުމަށް ދަތިތަކެއް ހުރިކަމަށެވެ.

ފާރިސް ވިދާޅުވަނީ، އަމިއްލަ ކުންފުނިތައް ހަދައިގެންވެސް މަސައްކަތް ކުރެވޭނެ ކަމަށާއި ނަމަވެސް ކުންފުނިތައް ހަދައިގެން މަސައްކަތް ކުރުމުގައިވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. ކުންފުނިތަކަށް ފައިދާ ހޯދުމާއި އަދި ރަޖިސްޓްރީކުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވަމުން، މިފަދަ ކަންކަމުގެ ޙައްލަކީ ދުރު ރާސްތާއަކަށް އަދި މެދު ރާސްތާއަކަށް ވިސްނައިފިނަމަ، އިޤްތިޞާދު ފުޅާކުރުން ކަމަށް ފާރިސް ފާހަގަކުރައްވައެވެ،

މަސައްކަތްތަކަށް ވެދެވޭނެ ގޮތްތަކާއި ފެށޭނެ ގޮތް ފަހިކުރުމަކީ މުހިއްމުކަމެއް ކަމަށާއި، އެހެންކަމުން މިކަމަށް ދިއުމަށްޓަކައި ޚަރަދު ކުޑަކުރެވޭނެ ގޮތްތަކެއް އެބަހުރިކަމަށް ފާރިސް ފާހަގަކުރައްވައެވެ.

"ޖީއެސްޓީ 8 ޕަސެންޓް ނެގީމަ ނިކަމެތި މީހާއަށް ވަރަށް ބޮޑު ބުރައެއް އެއީ. މުއްސަނދި މީހާއަށް ނުވެދާނެ މާ ބޮޑު ކަމަކަށް. އެކަން ފާހަގަ ވެސް ނުވެދާނެ، އޭނާއަށް އެއްޗެއް އަގުބޮޑުވިކަން. އެކަމަކު ނިކަމެތި މީހާއަށް ހަމަ އަތް ނުފޯރާ ފަަށަށް މިދިޔައީ"

ފާރިސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ޖީއެސްޓީ ތިރިކުރަން ފެށުމާއި، އަދި ޑަބަލްކޮށް ޖީއެސްޓީ ނެގޭ ޙާލަތްތައް މިހާރު އަންނައިރު، ޚަަރަދު ކުޑަކުރަން ކުރެވިދާނެ އެތައް ބައިވަރު ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރައްވަމުން، ދައުލަތުގެ ތެރެއިން ކޮރަޕްޝަނަށް ދާ އެއްޗެއް މަދުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، ޖީއެސްޓީވެސް މައްޗަށް ޖައްސަން ޖެހުނީ ދައުލަތަށް ލިބޭ އާމްދަނީ މަދުވެގެން ކަމަށްވާއިރު، އާމްދަނީގެ ބޮޑު ބައެއް ކޮރަޕްޝަނަށް ގެއްލޭތީވެ، އެކަން ހުއްޓުވުމަކީވެސް އެކަމުގެ ބުރަ ރައްޔިތުން އުފުލަންޖެހޭ ކަމަށާއި އެއީ ހުއްޓުވަންޖެހޭ ކަމެއް ކަމަށް ފާރިސް ވިދާޅުވެފައިވެއެވެ.

ފާރިސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވިއްޖެނަމަ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނެ ކަމަށާއި ދިރިއުޅުމުގެ ޚަރަދުތައްވެސް ކުޑަކުރެވޭނެ ކަމަށެވެ.

"އިސްލާހީ ބަދަލުތަކާއެކު އިޤްތިޞާދީ އިންގިލާބު" ގެނައުމަށް ފާރިސްގެ މެނިފެސްޓޯގައި ހިމެނިފައިބައެއް ކަންކަން:

  • ނެޗުރަލް ކެޕިޓަލް ހިމެނޭ ގޮތައް, ދަޢުލަތުގެ އެސެޓް ރެޖިސްޓްރީ އޯޑިޓެއް ހަދައި ޢާއްމު ކުރުން.
  • އިޤްތިޞާދު ސިންދަފާތު (ޑައިވާރސިފައި) ކުރުމަށް ބޭނުންވާ ދާއިރާތައް ފާހަގަކޮށް ރޭވުންތެރިކަމާއެކު އާ ޞިނާޢަތްތައް ތަޢާރަފުކުރުން.
  • ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ އާމްދަނީ އިތުރުކުރުމަށްޓަކައި މިހާރު އޮތް ޕްރޮގްރެސިވް ޓެކްސޭޝަން އުޞޫލު މުރާޖައާކޮށް, ޓެކްސްގެ ނިޒާމު ހަރުދަނާކުރުން.
  • އަރަނި ބެޖެޓަކާ ހިސާބަށް ވާސިލުވުމަށް ޕްލޭނެއް އެކުލަވާލައި 2028 ވަނަ އަހަރަށް ހުށަހެޅޭ ބަޖެޓަކީ ހަރަދާއި އާމްދަނީ ދެކޮޅުޖެހޭ ބަޖެޓަކަށް ހެދުން.
  • ރާއްޖޭގެ ފައިނޭންޝަލް ރޭޓިންގްއަށް އިތުބާރު އުފެއްދުމަށް ބޭނުންވާ ކަންކަން ފާހަގަކޮށް އެކަމާ ގުޅުންހުރި ޤާނޫނާއި ޤަވާޢިދުތައް އިޞްލާޙުކޮށް އައު ޤާނޫނުތަކާއި ޤަވާޢިދުތައް ފާސްކޮށް ތަންފީޒުކުރުން.

ކުދިކުދި ބަދަލުތަކެއް ގެނެސްގެނެއް، ކުދިކުދި އިސްލާހުތަކެއް ގެނެސްގެނެއް، ކުދިކުދި އެތިކޮޅު ހިލޭ ދީގެނެއް ނޫނީ ހިލޭ ދޭ އެއްޗެހިތަކެެއް އިތުރުކޮށްގެން ރާއްޖެ އިޞްލާޙް ކުރެވެން ނެތް ކަމަށާއި، ރާއްޖެ ތަރައްޤީކުރަން ދުރު ރާސްތާ ޕްލޭނެއް އޮންނަންޖެހޭނެ ކަމަށް ފާރިސް ވަކާލާތު ކުރައްވައެވެ.

"ރާއްޖެ އިސްލާހުކުރެވޭކަށް ނެތް ކުދިކުދި ބަދަލުތަކެއް ގެނެސްގެނެއް، ކުދިކުދި އިސްލާހުތަކެއް ގެނެސްގެނެއް، ކުދިކުދި އެތިކޮޅު ހިލޭ ދީގެނެއް ނޫނީ ހިލޭ ދޭ އެއްޗެހިތަކެެއް އިތުރުކޮށްގެނެއް."

ފާރިސް ރިޔާސީ ބަހުސްގައި ވިދާޅުވެފައިވެއެވެ.

ފާރިސްގެ ތަސައްވުރުގައި ވަނީ، ރާއްޖެ ތަރައްގީ ކުރުމަށްޓަކައި، ރައްޔިތުންގެ ވޯޓަކުން ފާސްކޮށްފައިވާ ތަރައްޤީގެ ޕްލޭނެއް ބޭނުންވާ ވާހަކައެވެ. ފާރިސް ވިދާޅުވީ އެ ސިޔާސަތު ވާންޖެހޭނީ އެންމެންގެ ޚިޔާލު ހޯދައި، ބަހުސްކޮށްގެން އެކުލަވާލާ ޕްލޭނަކަށް ކަމަށެވެ. އަދި އޭނާގެ ވެރިކަމެެއްގެ ފުރަތަމަ ދެ އަހަރު ދުވަސްތެރޭ އެފަދަ ޕްލޭނެއް އެކުލަވާލައްވާނެ ކަމަށެވެ.

ފާރިސްގެ މެނިފެސްޓޯގައިވެސް ވަނީ "ދެމެހެއްޓެނިވި ތަރައްޤީ" އަށް ވާޞިލުވުމަށްޓަކައި އެކަންކަމަށް ޢިޝާރާތްކުރައްވާފައެވެ.

  • ސަރުކާރުގެ ސިޔާސަތުތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަކީ ޤައުމީ ތަރައްޤީގެ ޕްލޭނެއްގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ ޑޮކިޔުމަންޓްތަކެއްގޮތުގައި ހެދުމަށްޓަކައި ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި, ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުން
  • މާލެއާއި އެ ނޫންވެސް އާބާދީ ތޮށްޖެހިފައިވާ ރަށްރަށުގެ ތޮއްޖެހުން މަދުކުރުމަށް އަމާޒު ހިފުމަށާއި ރާއްޖޭގެ ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ރާއްޖޭގެ ކަނޑައެޅޭ 3 ސަރަޙައްދެއްގައި ރީޖަނަލް ޑިވެލޮޕްމެންޓް ހިންގަން ފެށުން
  • ކަނޑައެޅޭ ސަރަޙައްދު ތަކުގައި ޓްރާންސިޓް ބަނދަރުތަކާއި ތެޔޮ ބަންކަރިން އަދި ރީ އެކްސްޕޯޓްގެ މަސައްކަތް ހިންގޭ ސްޕެޝަލް އިކޮނޮމިކް ޒޯން އުފެއްދުން
  • ރޭވުންތެރިކަމަށް އިސްކަންދީގެން ސަރަހައްދީ ތަރައްޤީ ރާވައި، މި ފަދަ ސަރަހައްދުތަކުގެ މީހުން އާބާދުކުރުމާއި އިތުރަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުން
    • އާބާދުކުރެވޭ ރީޖަނަލް ސަރަޙައްދު ތަކުގައި އެ ސަރަޙައްދުތަކުން ބޭނުންވާ އެންމެހާ ޚިދުމަތްތައް އެންމެ އެކަށީގެންވާގޮތެއްގައި ލިބިދިނުން
    • އާބާދުކުރެވޭ ރީޖަނަލް ސަރަޙައްދުތަކުގައި ޓްރާންސިޓް ބަނދަރުތަކާއި ތެޔޮ ބަންކަރުކުރުމުގެ ޚިދުމަތް ދެވޭނެ ތަންތަން ހަދައި ވަޒީފާގެ ފުރުޞަތުތައް ލިބޭގޮތަށް މަގުފަހިކުރުން

މިކަންކަން އިތުރަށް ތަސައްވުރުކޮށްލުމަށް ފާރިސްގެ ކެމްޕެއިން ލަވަ ޙިއްސާ ކޮށްލީމެވެ.

"ފަނަރަ އަހަރު ހަތަރު ސަރުކާރު
އަރާމު ވެރިކަމުގާ ދަރުބާރުގަ
އެއްކަމެކޭ ކުރަނީ ތަކުރާރު
ރައްޔިތުނޭ މިވަނީ ބަރުބާދު

ނިކަމެތިން ނިކަމެތި ހާލުގަ
މުއްސަނދިން ތަނަވަސް މާލުގަ
އަގުބޮޑުހެން ހީވާ ކާރުގަ
އެއްބައެކޭ މި އުޅެނީ ބާރުގަ

އަސާސީ ހިދުމަތްތަކުން ވެސް
ނަގާތީ އާންމުން އަތުން ޓެކްސް
ކުލިނުދެއްކި ބިކަވޭ ކަތުން ހެސް
ކިޔާފަ ކުރި މަސައްކަތުން ވެސް

ނަމުގަ އާސަންދަ ހުސްނުވާ
ލިބެނި ކާކަށް ބަހުސްކުރާ
މީހުންނަށް ތިދެނީ ދުއްތުރާ
ދުލުގާ ތަޅު އަޅުވާ ހުއްޓުވާ

ގާނޫނެެއް ތަންފީޒުނުވާ އިރު
ފުލުފުލުން ތަސްދީގުކުރާ
ވެރިޔާ ފާހިޟްކަން ހީނުކުރާ
ސިއްރިއްޔާތުގަ ރަސްމީ ނުުކުރާ

ވަޒީފާގެ ބިރަށްޓަކާ
ބަސް ނުބުނެވެ މިކަންކަމާ
ލަސްނުވެ ތެދުވޭ ގިލަންތަކާ
ދެކޮޅަށް ދިވެހި ބިމަށްޓަކާ

ވޯޓައް ކުޑަތަން ވާއިރު ދެއްތޯ
ކެނޑިޑޭޓުން އެކި މެނިފެސްޓޯ
ސަޅި ބައިސާ އަދި ފައިސާ ދޭތޯ
ފަރުދުން އުޅޭތަން ދޭ ފެނިގެންދޯ

ހޮވުނީމާ ގާތް މީހުނަށް
އިސްކަން ދޭ މަތި އިއްޒަތް ދޭ
ދެރަ މީހާ ބާކީކުރަން
ވިސްނައިދޭ ނެތެ އިންސާފެއް

ހަތިޔާރާއެކު ބޭރު ސިފައިން
ހަރަކާތްތެރިވޭ ގޭންގު ސިފައިގާ
ދެން. ފެންނާނީ ރާއްޖެ ހިފައިން
އެއުރެން ނަގަނިކޮށް ބިމުން މި ފައިދާ

ރައްޔިތުނަށް ވިސްނި ނުވަާތީ
ނުރައްކަލެއް އިސްތިޤްލާލީ
ބާރެއް އަތްދަށަށް އިސްތިއުމާރީ
ދާނަމަ ވެރިކަމުން އިސްތިއުފާދީ

އިޤުތިސާދު ހަމަ އެކަށް ފުނޑާލީ
ޑޮލަރު ވެރިންނަށް ބަހާ ގުނާލީ
ސަލާން ޖަހާ ކިޔުތައް ފުރާލީ
ގޮތް ހުސްވެ ކަތުން ދެއަތް އުރާލީ

ބޯމަތިވާމީ އިންތިހާބެއް
ކުރިމަތި ވާމީ އިމްތިހާނެއް
ގެންނަން އެބަޖެހެ އިންގިލާބެއް
މީ ގައުމަށް ކުރާ އިލްތިމާސެއް"

________________________

"ރައްޔިތުން ބޭނުންވޭ ގެންނަން އިންގިލާބެއް

ފާރިސްމީ، މި ރާއްޖެ ކުރި އިންތިޒާރޭ

ބަދަލަކަށް މިދީބު އެދިވި މިސާލެއް

ފާރިސް މީ، ދިވެހި ބިމުގެ ނިދާއޭ

އިސްލާހެއް (ބޭނުން) މީސް ވިސްނާ

މިސްރާބޭ ރަގަޅު ހެޔޮ (ވިސްނާ)"

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު