މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ވީހާ ވެސް އަވަހަކަށް ވޯޓުލައި، ހައްގު އަދާކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ޙަބީބް ދާޅުވީ، ރިޔާސީ ވޯޓަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންނަށް ލިބޭ މުހިއްމު ފުރުސަތެއް ކަމުން، ކޮންމެ ރައްޔިތަކުވެސް ވީހާވެސް އަވަހަށް ވަޑައިގެން ވޯޓު ދިނުމުގެ ޒިންމާ އަދާކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހަބީބު ވަނީ ވޯޓުލުމުގައި އެއްވެސް ނުފޫޒަކަށް ބެލުމެއް ނެތި، އަމިއްލަ ވިސްނުމާ ފިކުރަށް ވޯޓުލުމަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ވޯޓުގެ ސިއްރުކަން އިލެކްޝަންސްއިން ކަށަވަރުކޮށްދޭނެ ކަމަށެވެ.
ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖަހާއިރު ވަނީ ވޯޓުލުން ފަށާފައެވެ. ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރެސީ ތަޢާރަފްވިފަހުން 2008 ވަނަ އަހަރުން ފެށިގެން ބާއްވާ 4 ވަނަ ރިޔާސީ (މިއަހަރުގެ) އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއެވެ.
މިއަހަރުގެ އިންތިޚާބުގައި، 5 ސިޔާސީ ޕާޓީއަކުން ވާދަކުރައްވާ ކެންޑިޑޭޓުންނާއި، އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން:
• ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / ޢުމަރު ނަޞީރު
• ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް
• ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)
• ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު
• ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް
• ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / އަޙްމަދު ފާރިސް މައުމޫން
• ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)
• ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)
ޕާޓީތަކާއި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑުޑޭޓުން ތާޢީދު ހޯދުމަށް ބޭއްވި އެންމެހާ ކެމްޕެއިން ހަރަކާތްތައް އިއްޔެ އިރުއޮއްސި 06:00 ޖެހުމާއެކު ވަނީ ނިންމާލާފައެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ދޮޅުގަޑިއިރަށް ވެފައިވާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ކުރިން ކޮންމެ މީހަކަށް ވެސް އެނގުން މުހިއްމު ކަންތައްތަކެއް އެބަހުއްޓެވެ.
ވޯޓުލާން ދާންވީ ގަޑި:
-
ވޯޓުލުން ފަށާނީ ހެނދުނު 8 ގައި
-
ކިއު ބަންދުކުރާނީ ހަވީރު 4ގައި؛ ކިއު ބަންދުކުރާއިރު ކިއުގައި ތިބޭ އެންމެންނަށް ވޯޓު ލެވޭނެ
ވޯޓުލާއިރު ސަމާލުވާންވީ ކަންކަން:
-
ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން؛ އިލެކްޝަންސް ކޮމިޝަނުން ހަމައެކަނި ގަބޫލުކުރާނީ މުއްދަތު ހަމަނުވާ އައިޑީ ކާޑާއި ޕާސްޕޯޓާއި ޕާސްޕޯޓު ކާޑު އަދި ލައިސަންސް؛ ނަމަވެސް ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެ
-
ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް؛ އެއީ އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް
-
ވޯޓުލާ މަރުކަޒަށް އަމިއްލަ ގަލަމެއް ހިފައިގެން ދާ މީހާގެ ގަލަން އިލެކްޝަންސް ކޮމިޝަންސްގެ އޮފިޝަލުން ބަލާނެ؛ އެހެން ކުލައެއްގެ ގަލަަމެއް ހިފައިގެން ހިނގައްޖެ ނަމަ، އެ ގަަލަން ވޯޓުލާ ބޫތަށް ވެއްދުމުގެ ހުއްދައެއް ނުދޭނެ
-
ވޯޓު ކަރުދާހުގައި ޖަހާނީ އެންމެ ފާހަަގައެއް؛ ކަރުދާހުގައި އިތުރު އެއްވެސް ފާހަގައެއް ނުވަތަ ކުރެހުމެއް ކުރަހާފައިވާ ނަމަ، އެއީ ބާތިލު ވޯޓެއް
މަނާ ކަންކަން:
-
ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ނުލުމަށް ކެމްޕޭން ކުރުން؛ ނުވަތަ ރިޝްވަތުގެ ގޮތުގައި ފައިސާ ނުވަތަ ހަދިޔާ ދިނުން
-
ވޯޓު ކަރުދާހުގެ ފޮޓޯ އަދި ވީޑިއޯ ނެގުން
-
ވޯޓު ކަރުދާސް ދެއްކުން
-
ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިޝަލުންގެ ވާޖިބަށް ހުރަސްއެޅުން
-
ވޯޓުލާ މަރުކަޒުގައި އަޑުގަދަކޮށް ހަމަނުޖެހުން އުފެއްދުން
-
އެހެން މީހެއްގެ ނަމުގައި ވޯޓުލުން
-
ވަކި މީހެއްގެ ކެމްޕޭނާ ގުޅޭ ބެޖާއި ޕޯސްޓަރު ނުވަތަ އެ ނޫން ވެސް އެއްވެސް އެއްޗެއް ބޭނުންކުރުން
ވޯޓުލާން ދާން ޖެހޭ ތަން ބެލުން
އެ މީހަކު ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮށި އީސީގެ ވެބްސައިޓުން ބަލާލެވޭނެ އެވެ. އޭގެ އިތުރުން:
-
އެސްއެމްއެސްކޮށްގެން – ވީއާރު (ސްޕޭސް) އައިޑީ ކާޑު ނަންބަރު؛ ފޮނުވާނީ 1414އަށް
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ، ވޯޓުލުމުގެ އެންމެހާ ކަންކަން ހުރިހާ މަރުކަޒުތަކުގައިވެސް ހެނދުނު 08:00 ގައި ފަށާނެކަމަށެވެ. އަދި ހަވީރު 04:00 ގައި ފޮށިތައް ބަންދުކުރާނެކަމަށެވެ. ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ، 30 މިނެޓު ފަހުންނެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލި ބިފައިވަނީ 282،395 މީހަކަށެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ބަހައްޓައެވެ. ވޯޓު ލމުގެ ކަންކަން ހަވީރު 4 ގެ ފަހުން ނިމި ވޯޓު ފޮށިތައް ގުނަމުންދާ ވަރަކަށް، ނަތީޖާ އިޢުުލާންކުރަން ފަށާނެއެވެ. މާދަމާ ރޭ އިންތިޚާބުގެ ވަގުތީ ނަތީޖާއަކާ ހަމައަށް ދެވޭނެއެވެ.
އިންތިޚާބުގައި ދެވަނަބުރަކަށް ދާންޖެހޭނަމަ، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވެއެވެ.