ބަކުރާއި ނަފީސާގެ ހިތް ޖަޒުބާތުގައިޖެހި އޮޔެގައި ބެހެމުންދިޔައިރު ލޮލުކުރިމަތީގައި ކަޝްފުވަމުންދިޔަ މަންޒަރުތައް ބަލާކަށް ރާޝިދުގެ ލޮލަކަށް ކުޅަދާނައެއްނުވިއެވެ. ހިތުގައި އުތުރިއަރަމުންދިޔަ ރުޅިވެރިކަން އިންތިހާއެވެ. އަތުގައި އޮތް ކަތިވަޅީގެ މުއްގަނޑުގައި ހިފާލާފައި ހުރިލެއް ބާރުކަމުން މަންޒަރު ފެނުނު މީހަކުވީޔާ ބިރުން މޭގަނޑު އަތައް އަންނާނެއެވެ. ރާޝިދުގެ އަތުގައި އުފެދިފައިވާ ޒަޙަމުން އޭނާގެ އަތުން ހޯސްލާފައި ލޭތައް ބިންމައްޗަށް ފައިބަމުންދިޔަ އިރު އޭނާގެ މޫނުމައްޗަށް އަނދިރި ވާހެންވެސް އޭނާއަށް ހީވަމުންދިޔައެވެ. ގޭތެރޭގައި އެލުވާފައިހުރި ފުޅިބައްތީގެ ފަނޑުއަލިން މުޅި ގޭތެރެ ހުޅުދާންވެފައި ހުރިއިރު އޭގައި އަނދަމުން ދިޔަ އަލިފާނުގެ ހޫނުކަމަށްވެސް ރާޝިދުގެ ލޭގެ ހޫނުކަމާއި ހަމަހަމަ ނުކުރެވޭނެއެވެ. އޭނާގެ ހިތްވަނީ ކުދިކުދިވެފައެވެ. އަދި އޭނާގެ ޖިސްމުގައި އަނދަމުންދިޔަ އަލިފާނުގެ ހުޅުކޮޅު ދުވަހަކުވެސް ނިއްވާނުލެވޭނޭހާ ވަނީ ވަރުގަދަވެފައެވެ.
ނަފީސާއަށް ހިލަމެއްވީ، ރާޝިދު ބާރުބާރަށް މައިނޭވާ ލަމުންދިޔަ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކުއެވެ. އެއާއެކު އޭނާއަށް ބޭއިޙްތިޔާރުގައި ފަހަތަށް އެނބުރި ބަލާލެވުނެވެ. އަސްތާއެވެ. ކަމަކުދާކަށް ނެތެވެ. ބަކުރުގެ ޒަމާން ދުއްވާލަން، އަތަށް ކަތިވަޅި ހެޔޮވަރުކޮށްލައިގެން ރާޝިދު އެހުރީ އައިހެވެ. މިފަހަރު ރާޝިދު ކިބައިން ބަކުރު ސަލާމަތްވުން އެއީ ނެތްގޮތެކެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނަފީސާގެ ހިތަށް ވެރިކޮށްލި ނުތަނަވަސްކަމުން އޭނާގެ ހިތް ކިލަނބު ކޮށްލައިފިއެވެ. މިއީ ބަކުރާއެކު މަށަށް ހޭދަކުރެވޭނެ ފަހު ވަގުތު ކޮޅުބާއެވެ. މިއީ ބަކުރުގެ ފަހުނޭވާގެ ކުރިން އަހަރެންނަށް ބަކުރުގެ އުނގުތެރޭގައި އޮވެވޭނެ ފަހު ފަހަރު ބާއެވެ. ނަފީސާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ނޫނެކޭ އަހަރެމެންނަށް ހަމްދަރުދީވާށޭ ބުނާ ކަހަލަ ނަޒަރަކުން ނަފީސާ ރާޝިދުގެ ލޮލަށް ބަލަމުންދިޔަ އިރު ރާޝިދުގެ ލޭ އިތުރަށް ހޫނުވަމުންދިޔައެވެ. ނަފީސާގެ ލޮލުން ވެއްޓުނު ކަރުނަތިކި ބަކުރުގެ މޫނުމައްޗައް ވެއްޓުމާއެކު ބަކުރަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އިހުސާސް ކުރެވުނެވެ. އަނެއްކާ ކިހިނެއްވީބާއެވެ. ނަފީސާގެ ގައިން ހީބިހިނަގަންފަށާފައި، އަޅަންފެށި ތުރުތުރެއްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކީޔާއެވެ.
ރާޝިދު އޭނާ ހިފައިގެން ހުރި ކަތިވަޅިން ބަކުރު މޫނު މަތީގައި ޖަހަން އެދިމާލަށް ކަތިވަޅި ހެޔޮވަރުކޮށްލި ހިނދު ބަކުރުގެ ލޮލުކުރިމަތީގައި އޭނާގެ މުޅި މާޒީ ސިފަވާންފެށިއެވެ. ހަމައެންމެ ހިނދުކޮޅެއްގެ ތެރޭގައެވެ. ބަކުރު ޝަހާދަތުގެ ދެކަލިމަ ކިޔޭތޯ މަސައްކަތްކޮށްލިއެވެ. އެހެނަސް އޭނާގެ ދުލުގައި ހީވަނީ ގޮށެއްޖެހިފައި ވާހެނެވެ. އޭނާގެ ދުލުގެ ހަރަކާތް ވަނީ ހުއްޓިފައެވެ. ޔާ ﷲ އެވެ. މި އަޅާ ތައުބާވެއްޖައީމެވެ. މިއަޅާއަށް ކުރެވިފައިވާ އެންމެހާ ކުށްފާފަތައް މިއަޅާ ކިބައިން އަފޫކޮށްދެއްވާށިއެވެ. ނަރަކައިގެ ވޭންދެނިވި ޢަޒާބުން މިއަޅާ ދިންނަވާށިއެވެ. ބަކުރު ހިތާހިތުން ބުނަމުން ދިޔައެވެ. އޭނާގެ ފުރާނަވެސް އެކަމަށް އެދި އާދޭސްކުރަމުން ދިޔަފަދައެވެ.
ކުއްލިއަކަށް ނަފީސާ އަޑުގެނެއްތަނަށް ހަޅޭއްލަވައިގަތެވެ. ބިރުންނެވެ. ހަދާނެ ގޮތްހުސްވެގެންނެވެ. ރާޝިދު ބަލާކަށް ނުހުރެ ބަކުރު މޫނުމަތީގައި ޖަހަން ކަތިވަޅި ހޫރުވާލިއެވެ. ބަކުރު ލޯ މަރާލީ އޭނާ ސަލާމަތްވާނެ ކަމުގެ ހުރިހާ އުންމީދެއް ކަނޑާލާފައެވެ.
* * * *
"ދަލޭކާ!" ވައިއަޑަކުން މީހަކު ދަލޭކައަށް ގޮވާލި އަޑު އިވުނެވެ. ދަލޭކަ ހާސްވެއްޖެއެވެ. ކާކުބާއެވެ. ހާދަ ބީރައްޓެހި އަޑެކެވެ. ދަލޭކަ ކުޑަ ދޮރުން ބޭރަށް ބޯދިއްކޮށްލާފައި ބަލައިލި ހިނދު ފެނުނު މަންޒަރަކުން ދަލޭކަގެ ފުރާނަ އޭނާގެ ހަށިގަނޑުން ނިކުމެގެންދިޔަ ފަދަ އިހުސާސް އޭނައަށް ކުރެވުނެވެ. އެއާއެކު އޭނާއަށް ބޭއިޙްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. އަނެއްކާ ދަލޭކައަށް އެ ފެނުނީ ކޮން މަންޒަރެއްބާއެވެ؟
މަންމާއޭ ކިޔާފައި އަޑުގެނެއްތަނަށް ހަޅޭއްލަވައިގަނެފައި ދަލޭކަ މޫނު މަތީގައި އަތްއަޅާލުމަށްފަހު ބިންމަތީގައި އިށީނެވެ. އޭރުވެސް މީހާ ބިރުން ރޫރޫއަޅަމުން ދިޔައެވެ. ދަލޭކައަށް ވީގޮތުން އާދަނުވެސް، ކުޑަދޮރުން ބޭރުން ދަލޭކައަށް އެ ފެނުނީ ކޮން މަންޒަރެއްކަން ބަލާލަން ވަރަށް ބޭނުންވެއްޖެއެވެ. ބަލާކަށްނުހުރެ އާދަނުވެސް ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލައިފިއެވެ. ފެނުނު މަންޒަރަކުން، ދަލޭކައަށްވުރެ ބޮޑަށް ބިރުގަތީ އާދަނެވެ. އާދަނު ދަލޭކައަށްވުރެ ބާރަށް ހަޅޭއްލަވައި ގަތުމަށްފަހު ކުޑަދޮރުވެސް ލައްޕައިފިއެވެ. އާދަނު ހަޅޭއްލަވައިގަތް އަޑު ބާރުކަމުން ހަލީމައާއި ފާތުމަވެސް ދުވެފައި އެދިމާލަށް އައެވެ. އެދެމީހުންވެސް ތިބީ ވަރަށް ހާސްވެފައެވެ. ވީގޮތެއް ނޭނގޭތީއެވެ. އަނެއްކާ ބޭރުގައި ކޮން އެއްޗެއް ހުރީބާއެވެ. ފުރޭތައެއްބާއެވެ. ރަންނަމާރި ބާއެވެ.
އާދަނު ބިރުން ދުލުން ކިޔުނުހާ ހެޔޮއެއްޗެއް ކިޔަންފަށައިފިއެވެ. އާދަނާއި ދަލޭކަގެ ހަރަކާތްތައް ހުރިގޮތުން ވާނުވާ އަރާފައި ހުރި ފާތުމަހުރީ ހަމަ ހައިރާންވެ އަންތަރީސްވެފައެވެ. ހަލީމައަށް އާދަނު އުޅެންފެށިގޮތް ފެނުމާއެކެ އޭނާ ގާތަށް ހިނިއައި ނަމަވެސް ހިނިގަނޑު ފަޅާލަން ނުކެރިފައި އެތެރެއަށް އޮއްބާލައިގެން ހުރެވޭތޯ ބެލީއެވެ.
ފާތުމަ ބިރުކަނޑާލާފައިގޮސް ދޮރު ހުޅުވުމަށްފަހު ބިސްމި ކިޔާފައި ދެލޯހުޅުވާލިއެވެ. ކުރިމަތީގައި ފެންނަން ހުރީ ހުރީ އަންހެނެކެވެ. ލޭރަތްކުލައިގެ ލިބާހެއް ލާފައިހުރި އެ އަންހެނާގެ މޫނުހުރީ އޭނާގެ ދިގު އަދި ބޯ އިސްތަށިގަނޑުން ފަރުދާކޮށްލާފައެވެ. މޫނުމައްޗާއި، ކަރާއި، މޭމަތި ހުރީ ކަޅުކުލައިގައެވެ. ހީވަނީ މުޅިގައިގައި ދެލިވަށައިން އައިސްފައިހުރި މީހެއްހެންނެވެ. އެއީ އިންސާނެއްބާއެވެ. ހަންޑިއެއްބާއެވެ. އަވައްޓިއަކަށްވެސް ވެދާނެއެވެ. ފެންނަ ފެނުމަށް އެންމެ ވައްތަރީ ސަންތި މަރިޔަނބާއެވެ.
ފާތުމަ ދޮރު ހުޅުވުމާއެކު ހަލީމަވެސް އައިސް ބޭރަށް ނިކުތެވެ. އެދެމީހުން ފަހަތުން އާދަނާއި ދަލޭކަވެސް ނިކުތެވެ. އާދަނު އަދިވެސް ހުރީ ވަރަށް ބިރުގަންފައެވެ. އާދަނު އޭރުވެސް ދިޔައީ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުންނެވެ. އޭނާ ބިރުން ހުއްޓި ހުރީވެސް ފާތުމަގެ ނިވަލުގައެވެ.
"ކަލޭ ތިޔައީ ކާކު؟" ފާތުމަ ވަރަށް ހައިރާންވެފައި އަހާލިއެވެ. މިހާރު ފާތުމަވެސް ހުރީ ބިރުންނެވެ. އެކަން އޭނާގެ ތުރުތުރުއަޅަމުންދިޔަ އަޑުން އެނގިހާމަވިއެވެ.
"އަހަރެން މިއީ ސަންތިމަރިޔަނބު".. އެ އަންހެންމީހާ ވަރަށް ބަރު، ބިރުވެރި އަޑަކުން ބުނެލިއެވެ.
"ނޫންނޫން. މިގެއިން ހަމަ މިހާރު ދޭ.. މިގެއަކު މިރޭ މާފުށެއް ނުވެސް މޮޑެން. މިގެއަކު ނެތް ސަންތިއަށް ދަތް ގެންދެވޭނެ ކަހަލަ މީހެއް. އަހަރެން މިއަދު ހެނދުނުވެސް ދަތް އުނގުޅިން. ނިކަން ބަލާބަލަ ހުދުކަންވެސް". އާދަނު އޭނާގެ ދަތްތައް ދައްކާލަމުން ބުންޏެވެ. އޭނާ ހުރީ ރޮވޭ ނުރޮވޭ ވަރުވެފައެވެ. ފައިކޮޅުން ވަރުދާން އުޅޭހެންވެސް ހީވެއެވެ. މޫނުމައްޗަށް ބަލާލާފައި ހީވަނީ ކުރިމަތީގައި އަރާކާ ފުރޭތައެއް ހުރީމައި ބިރުން ފިއްކަޑައިގެންގޮސް ހުރިހެންނެވެ. އާދަނުގެ ފިނޑިކަން ފެނިފައި ފާތުމަ ހުރީ ދަތްކުނޑި ވިކަވިކައެވެ. އާދަނު ގައިގައި އެތިފަހަރެއް އަޅަންވީއޭވެސް ފާތުމަ ހިތަށްއެރިއެވެ. ވާނީވެސް އެހެންތާއެވެ. ފުރާފުރިހަމަވެފައިހުރި ފިރިހެނަކު ބިރުގަތަސް އެފާޑަށް އުޅެން ހެޔޮވާނެ ހެއްޔެވެ.
"އެކަމަކު އަހަރެމެން ކިހިނެއް ގަބޫލުކުރާނީ. ކަލޭ ހަމަ ހަޤީޤަތުގަވެސް ތިޔައީ ސަންތި މަރިޔަނބުކަމެއް؟…" ހަލީމަގެ މޫނުމަތީގައި ކުޑަކޮންވެސް ބިރުވެރިކަމުގެ ކުލަވަރު ފާޅުވާކަށް ނެތެވެ. ހަލީމަ ބެލީ ސަމާސާ ކުރެވޭތޯއެވެ.
"ސާބިތުކޮށްދޭން އަހަރެން ކަލޭގެ ދަތްކޮޅު ނަގައިން ގެންދަންތަ؟".. ސަންތިމަރިޔަނބު ކަމަށް ދައުވާ ކުރަމުންދިޔަ އެ އަންހެނާ ރައްދުގައި ހަލީމައަށް ޖަވާބުދިނެވެ.
"އާދޭ. ހަމަ މިހާރު އާދޭ.. ތިޔަހާ ކެރޭ މީހަކު ވެއްޖީޔާ އައިސްބަލަ. އައިސް މަގޭ ދަތްކޮޅު ނަގައިގެން ގެންގޮސްބަލަ. އާދޭ. އަވަހަށް އާދޭ.. މިރޭ ދާންވާނީ މަގޭ ދަތްކޮޅު ނަގައިގެން." ހަލީމައަށް އޭނާގެ ހުނުން ހުއްޓޭ ގޮތެއް ނުވިއެވެ. އެ އަންހެނާ ދައްކަމުން ދިޔަ ވާހަކަ ހަލީމައަށް ހަމަ އެއްވަރަކަށްވެސް ގަބޫލު ކުރެވޭގޮތެއް ނުވިއެވެ. ހަލީމައަށް ހަމަ ހެވެނީއެވެ. ހެވޭވަރުން ހަލީމަ އެ އަންހެން މީހާއަށް ނުބަލަން މޫނު އަނބުރާލި ހިނދުވެސް ހަލީމައަށް އެ އަންހެން މީހާގެ މޫނުމަތި ހުރިގޮތް ސިފަވެފައި ހަލީމަގެ ހިނިގަނޑު ފަޅައިގެން ހިންގައްޖެއެވެ. އެހެންނަމަވެސް، ހަލީމަ ހުނުން މައިތިރިކޮށްލާފައި އަނެއްކާވެސް އެ އަންހެން މީހާއާއި ދިމާލަށް ކުރިމަތިލިއެވެ.
"ނޫން. މި ފަހަރު މަގޭ ބޭނުމީ ހަމަ އާދަނުގެ ދަތްތައް. ގެނޭ!!! މިފަހަރު ހުރިހާ ދަތްކޮޅު އުފުރާލާނަން. އެންމެ ދަތެއްވެސް ނުބައިންދާނަން" އެ އަންހެންމީހާ އެހެން ކިޔާފައި އާދަނާ ދިމާލަށް ދުއްވައިގަތެވެ. އާދަނު ގަންނާކުރެއްވި ބިރުން ދުވެފައިގޮސް ގެއަށްވަދެ ބޮޑު ދޮރުގައި ތަޅު އަޅުވައިފިއެވެ. އެތަނުގައި ތިބި އެހެން މީހުން ކޮންމެ ހާލެއްގައި ޖެހުނަސް އެކަމަށް އާދަނުގެ އެއްވެސް ފަރުވާލެއް ނެތްފަދައެވެ. އާދަނު ބެލީ އޭނާގެ އަމިއްލަ ފުރާނަ ސަލާމަތްކުރެވޭތޯއެވެ. ސަހަރޯއެވެ. ރިހޭ ފައިމައްޗަށް ފޮއެވެސް ވެއްޓުނީތާއެވެ. ބިރުންގޮސް ހީސްލެވި އާދަނު ލައިގެންހުރި މުންޑުވެސް އެކަށް ފޯވެއްޖެއެވެ.
'ހައްހަހާހާހަހާ………." އާދަނަށް ވީގޮތް ފެނިފައި އެ އަންހެން މީހާވެސް ޗިޗީސްލާފައި ހޭންފަށައިފިއެވެ.
"ސަފިއްޔާ ދޯ".. ދަލޭކަ ޗުސްކަނޑާލަމުން ބުންޏެވެ. "ކިރިޔާއެއްނު މޭގަނޑު އަތައް ނައީ.. ތިޔަކަހަލަ ސަކަރާތް ގަންނަންވާނެތަ. އަދި މިއޮތްފަދަ ގަޑީގަ. ގަންނާ ކުރެއްވި ބިރުން މަރާތްޕޭ.." ބޯ ހޫރާލަމުން ދަލޭކަ ސަފިއްޔާއާއި ދިމާލަށް ކުދިކިޔަންފެށިއެވެ. ހަލީމައަށް ހެވޭވަރުން އޭނާ ބަނޑުގައި އަތް އަޅައިގެން ހުރެ ހުނުން ކޮންޓްރޯލް ނުކުރެވިގެން އުޅުނެވެ. ދަލޭކަ ޗުސްކެނޑުންވެސް ހުއްޓާލީ އިރުގަނޑެއް ވީފަހުންނެވެ. މޮޅުކަމެއް ކުރެވުނީމަ ސަފިއްޔާ ހުރީ އަރާ އާސުމާނުގައެވެ.
ސަފިއްޔާއަކީ ބަކުރުގެ ދޮށްޓަށް އެގޭގައި ހުންނަ އަންހެންދަރިއެވެ. އޭނާ އަބަދުވެސް އުޅޭނީ އެކަހަލަ ކޮންމެވެސް ކޫސަނި ކަމެއްގައެވެ. މީހުން ބިރުގެންނެވުމާއި މުގޯލި ހެއްދުމަކީ ވާޖިބެއް އަދާކުރާ ފަދައިން އޭނާ ވަރަށް ގަވާޔެގެން އަބަދުވެސް ކޮށްއުޅޭ ކަމެކެވެ. މިފަހަރު އޭނާގެ ސަމާސާގެ ޝިކާރައަކަށް އެ ހަދާލި ދަލޭކައާއި އާދަނެވެ. ފައްކާ ކަމަކީ، ސަފިއްޔާ ސަންތިމަރިޔަނބަށް ވެގެން އައީމަ އާދަނު ގަޅަހެދުނީމައެވެ.
ތިމަންނައަށްވާ ލިބިފައި މިހުރީ ވަރުގަދަ ފިރިއެކެވެ. ފިނޑީ ފިނޑި ކަމަކަށްނޫނެވެ. އަވަށުތެރޭ މީހަކަށް އެނގިއްޖީޔާ ކިހާ މަލާމާތެއް ކުރާނެހެއްޔެވެ. މާ ގައްޑާ މީހަކަށް ވެގަނެގެން އުޅުނަސް، ހަޤީޤަތް ކަޝްފުމިވަނީ ކަމަކަށް ވާވަރު ކަމެއް ޖެހުނީމަތާއެވެ. ފާތުމަ ހިތާހިތުން ބުނަމުންދިޔައެވެ.
"މަ ހީވެސް ނުކުރަން އާދަންބެ އެއީ އެހާ ބިރުގަންނަ މީހެއްކަމަކަށް. އެކަމަކުވާ.. މަ މަރައިފި. ދެން މަ އުމުރު ދުވަހަށްވެސް ހަނދާން ހުންނާނެ މިރޭ މި ހިނގި ހާދިސާ.. މިރޭ މިކަންތައް ހަނދާންކޮށްފަ ނިދުނީޔާވެސް ރަނގަޅު. ހައްހަހާހަހަހަހާ…." ސަފިއްޔާ ކުރަން އައި ކަންތައް މިފަހަރު ނިމިގެން މިދިޔައީ އޭނާ ބޭނުންވީ ވަރަށްވުރެވެސް ފުރިހަމަކޮށެވެ.
"ދެން ތިޔަކަހަލަ ސަމާސާނުކުރާތި." ފާތުމަ ހުރީ ފާޑަކަށް ހިތްހަމަނުޖެހިފައެވެ. އޭނާގެ މޫނުމަތިން ފާޅުވާންހުރި ކުލަވަރު ފެނިފައި ސަފިއްޔާވެސް ގަންނާކުރެއްވި ބިރުން ހުނުން ހުއްޓާލިއެވެ. އެހެނަސް އޭނާ އަދިވެސް ހުރީ އޭނައަށް ކުރެވުނު މޮޅުކަމެއްގެ ސަބަބުން އެކަމާ ނިކަން ފަޙުރުވެރިވެފައެވެ. މިރޭގެ ޑްރާމާގަނޑުވެސް ކާމިޔާބުވީތާއެވެ. ފަޙުރުވެރި ނުވާންވީ ސަބަބެއްވެސް ނެތްތާއެވެ.
"ސާބަސް ސަފިއްޔާއަށް. ދުނިޔެ މަތިން ތިޔަނޫން ކަމެއް ނުފެނުނީތަ. ތިޔަހެން އެހެން މީހުން ބިރުގަންނަވަން އުޅެނިކޮށް ސަފިއްޔާ ކާލަން ބޭރިއެއް އައިސްފީޔާ ދެނޯ؟" ހަލީމަ ނިތްއަރުވާލަމުން ސަފިއްޔާއާއި ސަމާސާ ކޮށްލިއެވެ.
"މަ ފެނިފަ ބޭރިއެއް ކީއްކުރަން. ރަންނަމާރިވެސް ދުވެ ފިލާނެ ބިރުން. ކަލޭމެން ބަލަން ތިބޭތި. ދެން ރެއަކުން އަވަށު އެހެން ގެއަކު މީހުން ފިއްކަންޑުވާލާނަން. ހަމަ ސީދާ ސަފަރުކަތްދަ ހެދިގެން ދާނީ. މީހުން ނިދާފަ ތިއްބަ ދަންވަރު ދޮރުގަ ތަޅާ ކުޅިދައްކާލާނަން. ހަމަ ރީއްޗަށް ފިއްކަނޑުވާލާފަ ދޫކޮށްލާނީ… ހާދަ މަޖާ ކަމެކޭ މިއީ… ކަލޭމެންވެސް މިކަން ތަޖުރިބާކޮށްލީމަ ވިސްނޭނެ މިއީ ކިހާ މަޖާ ކަމެއްކަން…" ސަފިއްޔާ ބެލީ ފުރުސަތުގެ ބޭނުންހިފާފައި ފޮނިކަނޑާލާށެވެ. އެކަން އޭނާއަށް މިރޭ ކިތަންމެހާވެސް ރަނގަޅަކަށް ހާސިލުކުރެވިއްޖެއެވެ.
* * * *
ގިނަ ޒަމާންތަކަކަށްފަހު އުސްމާނާއި ބައްދަލުވުމުން ފަރީދާހުރީ އުފަލުން ފޮޅިފައެވެ. އޭނާގެ މޫނުމަތީގައިވާ ފަރި ހިނިތުންވުމުން އެކަން ރަމްޒުކޮށްދެމުންދިޔައެވެ. ފަރިދާގެ ސިކުންޑީގައި އޭރުވެސް ދައުރުވަމުން ދިޔައީ އެދެމީހުންގެ މެދުގައި ހިއްސާ ކުރެވުނު ވާހަކަތަކެވެ. އެކުގައި ހޭދަކުރެވުނު މަދު ވަގުތުކޮޅެވެ.
މަޑު ހިނގުމެއްގައި އައިސް ގެއަށް ވަންނަން، ފަރީދާ އޭނާގެ ކަނާތުފައި ގޭ އޮޅިގަނޑުން އެތެރެއަށް އެޅި ހިނދު ފެނުނު މަންޒަރަކުން އޭނާގެ މޫނުމަތީގައި ޖަރީކޮށްފައިހުރި ހިނިތުންވުން ފަނޑުވެއްޖެއެވެ. ފަރީދާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ އޭނާހުރީ ދެލޯ ބޮޑު ވެފައެވެ. އެއްފައި ގޭ އޮޅިގަނޑުން ގިރާކުރުމަށްފަހު އަނެއްފައި ގޭ އޮޅިގަނޑުން ބޭރުގައި ބަހައްޓައިގެން ގެއަށް ނުވަދެ ހުއްޓުން އަރާފައި ފަރީދާއަށް ހުރެވުނީ އޭނާގެ ލޮލުކުރިމަށްޗަށް ފާޅުވި މަންޒަރަކުންނެވެ. ފަރީދާގެ ސިކުންޑި ސުމަކަށްދިޔައެވެ. އަނެއްކާ މިއީ ކޮންފަދަ ކަންތައްގަނޑެއްބާއެވެ.
ފަރީދާ ދިރިއުޅެމުން އައީ އޭނާގެ މައިންބަފައިންނާއެކު އެމީހުންގެ މުސްކުޅި ގޭގައެވެ. މެދުގޭގައި ތަޅަންގަނޑުގެ ބަދަލުގައި އޮންނަނީ ދޮންވެލި ލާފައެވެ. ދިއްލާފައިހުރި ފުޅިބައްތީގައި ހުރި ސާފުތެޔޮފޮދުވެސް ހުރީ ހުސްވާން ގާތްވެފައެވެ. ފުޅިބައްތީގެ ފަނޑުއަލިން މެދުގޭތެރެ ހުޅުދާންކޮށްލާފައި ހުރިއިރު ގޭތެރޭގައި ވެރިވެފައި އޮތީ ހަމަހިމޭންކަމުގެ ސާލެކެވެ. އެއްވެސް މީހެއްގެ އަޑެއްބަޑެއް ނީވެއެވެ. ފަރީދާގެ މަންމަ، ހަބީބާ އަދި ބައްޕަ ޖައުފަރުގެ ހިލަމެއްވެސް ގޭތެރެއަކުން ފެންނާކަށް ނެތެވެ. ދަންވެފައި ހުރުމުން އަނެއްކާ ނިދީބާއެވެ. ފަރީދާ ހިތާހިތުން ބުނިލިއެވެ.
އިރުގަނޑެއްގައި ގެއަށް ނުވަދެ ފުން ވިސްނުމެއްގެ ތެރޭގައި ފަރީދާއަށް ހުއްޓުން އަރާފައި ހުރެވުނެވެ. ސުވާލުތަކުން އޭނާގެ ސިކުނޑިވަނީ ފުނިޖެހިފައެވެ. ފަރީދާ ސިއްސައިގެން ދިޔައީ ފުޅިބައްތި ނިވުނުއިރަށެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފަރީދާ ގޭތެރެއަށް ވަނެވެ.
ފަރީދާ ބެލީ ވީ އެންމެ އަވަހަކަށް ފުޅިބައްތީގައި އަލިފާން ރޯކުރެވޭތޯއެވެ. އަނދިރިކަމުން ގޭތެރޭގައި ތަނެއްދޮރެއް ވަކިވާވަރެއް ނޫނެވެ. ފާރުގައި އަތްކާތަމުން ކާތަމުންގޮސް ފަރީދާއަށް ބަނޑަހަގެއާއި އަރާ ހަމަނުކުރެވި އުޅެނިކޮށް އެތަނުގައި ބަހައްޓާފައިހުރި ފޮށްޓެއްގައި އަޅައިގަނެ ފަރީދާ ވެއްޓި ކަކޫވެސް މަށައިން ހިނގައްޖެއެވެ. ކަކުލުން ނަގަންފެށި ދިލައިގެ ވާހަކަ ރަނގަޅުވާނީ ނުދެއްކީޔާއެވެ. އައްދިއްޔޯއޭ މަ މަރައިފިއޭ ކިޔާފައި ހިތްވަރުކޮށްލާފައި ފަރީދާ ތެދުވިއެވެ. މިފަހަރު ހުރެވުނީ ބަނޑަހަގެއާއި މާ ދުރަކުއެއް ނޫނެވެ. އަނދިރިކަމުން އެއްޗެއް ވަކިކުރަން ނޭނގުނަސް މާ ގިނަ ތުރާލަކާނުލާ ފަރީދާއަށް ސާފުތެޔޮފުޅި ފެނުނެވެ. އެއާއެކު އޭނާ އަވަސްވެގަތީ އަވަހަށް ފުޅިބައްތީގައި އަލިފާން ރޯކުރެވޭތޯއެވެ. ފަރީދާ ބޭނުންވީ އޭނާއަށް ގޭތެރެއިން ފެނުނު މަންޒަރު ރަނގަޅަށް ބަލައި ދިރާސާކޮށްލާށެވެ. އެކަމުގެ އެންމެ ފުނަށް ފީނާށެވެ. ވެގެންއުޅޭގޮތެއް ބަލަން ފަރީދާ ހުރީ ވަރަށް ކެތްމަދުވެފައެވެ. އޭނާގެ ލޮލުގައި އަޅައިގަތް މަންޒަރު ފެނުމުން ފަރީދާ ލޮލުކުރިމަތީގައި އެ މަންޒަރު މިހާރު ފެންނަން ނެތަސް އޭނާއަށް އެވަގުތުވެސް އެ މަންޒަރު ހަމަ ފުރަތަމަ ފެނުނުގޮތަށް ސިފަވަމުންދިޔައެވެ.
ފަރިދާއަށް ފުޅިބައްތީގައި އަލިފާން ރޯކުރެވުނީވެސް ވަރަށް މަސައްކަތުންނެވެ. މާ ހިތް އަވަސް ވީމައިވެސް ވާނީ އެހެންތާއެވެ. ގިނަފަހަރަށް، ކަންތައްތައް މާ އަވަސް އަރުވާލައިގެން ކުރަން އުޅެންޏާ ވާނީ ހައްތަހާ ލަހެވެ.
* * * *
"ކަލޭ ހީކުރީ އަހަރެން ކަލޭ އެހާ ފަސޭހަ މަރަކުން މަރާލާނެކަމަށްތަ." ބަކުރު މޫނުމަތީގައި ކަތިވަޅިން ޖަހަން ހޫރާލި ކަތިވަޅި އަމާރުން ކަތިކޮށްލަމުން ރާޝިދު ބުންޏެވެ. ބިރުން ފިއްކަޑައިގެންގޮސް އޮތް ބަކުރު ދެލޯ ހުޅުވާލީ އޭނާއަށް އަލުން އައު ހަޔާތެއް ލިބުނީ ކަމަށް ބަލާފައެވެ.
"ކަލޭ ކީކޭ ކިޔާނަމޭ ހިތާތަ ތިޔަ އުޅެނީ ޖަނަވާރާ". ނަފީސާ ރާޝިދު ބުރިކަށީގައި ފައިން ޖަހަމުން ހަޅޭއްލަވައިގަތެވެ.
"ހަޔާތްކުޑަ އަންހެނާ.. ކަލޭ ތިޔައުޅެނީ ދުނިޔެއަށް ގިނަވާނެ ގޮތެއް ނޭނގިގެންތަ އޭން. މަގޭ އަތުން މީހަކު މަރުވީޔާ ފުރަތަމަވެސް މަރުވާނީ ކަލޭ. ކަލޭ މަށަށް ލައްކަ އަހުވަ ދައްކައިފީމެއްނު. އެކިގޮތްގޮތުން. މަގޭ މުޅި ދިރިއުޅުން ސުއްނާފަތިކޮށްފިޔޭ. ވިހަގަދަ ނާގަ ހަރުފަ. ކަލޭ މަށަށް ތިޔަދިން ދޯކާގެ ސަޒާ ކަލެއަށް މަގޭ މިދުނިޔެއަށް ނޭވާލާ ކޮންމެ ދުވަހަކު ދޭނަން. ކަލޭ ދުނިޔޭގައި ނޫޅެވޭ ވަރުކޮށްލާނަން. ކަލެއަށް މަގޭ މިއީ ނުބައި މީހެއްކަން އަންގާލާނަން. ދެވަނަ ފަހަރަށް މަގޭ ގައިގައި ނުޖަހާއްޗޭ. ޖަހައިފިއްޔާ މި ބަކުރަށްވެސް ދެން ފެންނާނީ ކަލޭގެ މަރުވެފައޮތް މަސްގަނޑު." ރާޝިދު ހުރީ ރުޅިއައިސް ދުނިޔެރަންވެފައެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ ހަމަ ދެންމެ ދެންމެ ނަފީސާ ގައިގައި ކަތިވަޅިން ޖަހާފައި ކަތިލަފާނެ ހެންނެވެ.
"ކަލެއަށް ކީއްކުރެވޭނީ. ކަލޭ ތިއީ އެއްވެސް މީހެއް ނޫނޭ. ދުނިޔެއަށް ގިނަވެ ބާކީވެފަ ކަލޭ ތިޔަހުރީ. ކަލޭ ބަލަން ހުންނާތި. މަށާ ބަކުރާ އުފަލުގައި އުޅޭ މަންޒަރު. އެ މަންޒަރު ކަލޭ ލޮލަށް ތާ އަބަދު ފެނިފެނި އެކަމުގެ ހިތާމައިގަ އެ ވޭނުގަ ކަލޭ މި ދުނިއިން ނެތިދާވަރު ކޮށްލާނަން. ނުލަފައީ ކަލޭކަން ނޫނީ މަގޭކަން އޭރަށް ކަލެއަށް ސާބިތުވެފަ އޮންނާނީ. ހަމަ މިހާރު ކަލޭ އަހަރެން ވަރިކުރޭ. މިބުނީ އެންނު ވަރިކުރާށޭ" ނަފީސާގެ އަޑުން މުޅި ގޭތެރެވަނީ ގުގުމާލާފައެވެ. ބަކުރު ހަދާނެގޮތެއް ނޭނގިފައި ބިރުން ނުތެދުވެ ބިންމަތީގައި އޮތީއެވެ.
ރާޝިދާއި ދިމާލަށް ނަފީސާ ގޮވަމުން ދިޔަ އެއްޗެހި އަޑު އަހާފައި ރާޝިދު ގާތަށް އިތުރަށް ރުޅިއައިސް އޭނަ ނަފީސާއަށް އަނިޔާކުރަންދާން އެދިމާލަށް ދުއްވައިގަތެވެ. ނަމަވެސް އޭނާ ނާކާމިޔާބުވީ ބަކުރު އޭނާގެ ފައިގައި ހިފައި ވައްޓާލުމުންނެވެ. ބަކުރު ބިންމަތީގައި ވެއްޓިފައި އޮތުމުން ރާޝިދު ފަޔަށް ދަމައިގަތުން ފިޔަވާ ނަފީސާގެ ހިމާޔަތުގައި ކުރެވޭނެ އެހެން ކަމެއް ބަކުރުގެ ހިޔާލަކަށް އެވަގުތަކު ނައެވެ.
ރާޝިދު ފަޔަށް ބަކުރު ދަމައިގަތުމާއެކު ރާޝިދު ބަނޑުވަތަށް ވެއްޓިއްޖެއެވެ. އެވަގުތު އޭނާގެ ވެއްޓުނު ދިމައިން ލޭގެ ކޯރެއް ފާއްދާލިއެވެ. ނަފީސާ ބިރުން އަންގަ މަތީގައި އަތް އަޅާފައި ހަޅޭއްލަވައިގަތެވެ. ބަކުރު މޫނުމައްޗައްވެސް އެއްޗެއް ބުރައިގެން އައިސް އެޅުނުފަދަ އިހުސާސެއް ކުރެވުމުން ބަކުރުވެސް ތެދުވެ މޫނުމައްޗަށް ބުރައިގެން އެދިޔައީ ކޮން އެއްޗެއްކަން ޔަގީންކޮށްލިއެވެ. އެއީ އޮލަކަންގަދަ ލެޔެކެވެ.
* * * *
އުސްމާނު ގެއަށް އައި މަގުމަތީގައި އެއްޗެއް ވެއްޓުނު އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު އުސްމާނު ހުއްޓުނެވެ. އަދި ވެއްޓުނު އަޑު އެ އިވުނީ ކޮން އެއްޗެއްކަން ޔަޤީންކޮށްލުމުގެ ގޮތުން ފަހަތަށް އެނބުރި ނަޒަރު ހިންގާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނެއްކާ އެ އިވުނީ ކޮން އަޑެއްބާއެވެ. އުސްމާނުގެ ކަންފަތަށް އެވަގުތު އޭގެ ތަންކޮޅެއް ކުރިން ފަރީދާ ދެއްކި ވާހަކަތައް އިވެންފެށިއެވެ.
"އިނގޭތަ އަނދިރި މަގުތަކުން މެންދަންވާން ކައިރިވީމަ އެކަނި ހިނގާފަ ދިއުމަކީ ކިހާ ނާމާން ކަމެއްކަން.."
"ނޭނގި ހުއްޓާ ޙަޔާތަށް ކޮންމެފަދަ ޒަލްޒަލާއެއްވެސް އަތުވެދާނެ. އުސްމާނަށް ހަމަ އެއްވެސް ހިލަމެއް ނުވަނީތަ؟.."
"ވަގުތު ފާއިތުވެދާނެ. ކަމެއް ވުމަށްފަހުގައި އެކަމެއް ބަދަލު ކުރުމަކީ ވަރަށް ނާދިރުކަމެއް. ސަމާލުވެ ހުންނާތި. ކައިރީގައި ވަމުންދާ ކަންތައްތައް ދެނެގަންނަ މީހަކަށް ވާތި. އަހަރެން ބުނީތީވެސް ބަލާތި."
ފަރީދާ ދެއްކި ވާހަކަތައް ލަފުޒުން ލަފުޒަށް، ރަނުން ރަނަށް އުސްމާނުގެ ކަންފަތުގައި އަދިވެސް ހަރުލާފައި އެބަހުއްޓެވެ. ފަރީދާ އެ ބީދައިން ވާހަކަ އެދެއްކީ ކޮން ސަބަބަކަށްޓަކާބާއެވެ. ފަރީދާ ދެއްކި ވާހަކަތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވަނީބާއެވެ. ސިއްރުތަކެއްވާނަމަ އެއީ ކޮން ސިއްރުތަކެއްބާއެވެ. އިންސާނާގެ ހަޔާތުގެ ކުރިއަށް އަންނަން އޮތްތަނުގައި އޭނާ ކުރިމަތިލާންޖެހޭ ކަންތައްތަކަކީ ކުރިންބައިން އެމީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ. ވީއިރު ފަރީދާ އެދެއްކި ވާހަކަތައް އެދެއްކީ ކޮން މާނައެއްގަބާއެވެ. އަހަރެންނަށް އަނެއްކާ މިކަމާމެދު މި ވިސްނެނީ ވިސްނަން ވާވަރަށްވުރެ ބޮޑަށް ކަމަށްވެސް ވެދާނެއެވެ.
* * * *
"އަހަރެން ވަރަށް ކަރުހިއްކައި ގަނެއްޖެ. ފެންފޮދެއް ލިބިދާނެތަ؟". ހަމްދީ ގެއަށް ވަންނަ މަންޒަރު ބަލަންހުރި ސައްތާރު ބެލީ ކޮންމެވެސް އެއްޗެކޭ ކިޔާފައި ހަމްދީ ދިރިއުޅޭ ގެއަށް ވަންނާނެ ގޮތެއް ހޯދާށެވެ.
ސައްތާރު މިފަހަކަށް އައިސް އަހަރެންނާއި މާ ގުޅާލައިން މި އުޅެނީ ކޮން ބޭނުމެއްގަބާއެވެ. ސައްތާރަކީ އަހަރެންނާ މީގެ ކުރިން މާ ގާތް ގުޅުމެއް ބާއްވައިގެން އުޅުނު މީހެއް ނޫނެވެ. ވީއިރު ކުއްލިއަކަށް އަހަރެންނަކީ ސައްތާރުގެ މާ ގާތް އައުވާނަކަށް މިވީ ކިހިނަކުންބާއެވެ. އަނެއްކާ އަހަރެންނާއި މެދު ސައްތާރުގެ ނިޔަތް ރަނގަޅުބާއެވެ. ސައްތާރުގެ ފަރާތުން އަދި މިހާތަނަށް ޝައްކު އުފެދޭފަދަ އެއްވެސް ކަމެއް ފެނިފަކާއެއް ނެތެވެ. ޙަމްދީ ހިތާހިތުން ބުނެލިއެވެ.
"ހާދަ ވަރަކަށް ތިޔަ ވިސްނަނީ.. މަށަށް ފެންފޮދެއް ދޭންވެސް އެހާ ފަސްޖެހޭތަ ހަމަ؟" ހަމްދީ ވަރަށް ފުން ވިސްނުމެއްގައި ހުރި މަންޒަރު ފެނިފައި ސައްތާރު ހަމްދީއާއި ސަމާސާކޮށްލިއެވެ. އެއްވެސް ގޮތަކުން ސައްތާރާއި މެދު ޙަމްދީގެ ހިތުގައި ޝައްކެއް އުފެދޭކަށް ސައްތާރު ބޭނުމެއް ނުވެއެވެ. ސައްތާރުގެ ފުށުން ހަމްދީއަށް އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ސައްތާރާއި ކަތީބު ހަވާލުކުރި މަސައްކަތް ދާނީ ފަނުފުލުންނެވެ.
"ނޫނޭ.. އެއްގޮތަކަށްވެސް އެހެންނެއް ނޫން.. ސައްތާރު އެހަށް މިތާ ބޭރުގަ މަޑުކޮށްލަންވީނު. އަހަރެން އެބަ އަންނަން ހަމަ އިޝާހިތެއްގެ ތެރޭގަ.. މާ ލަސްތަކެއް ނުވާނެ.." އުޑުގައި ދައުރުވަމުންދިޔަ ކަޅު ވިލާތަކަށް ކަޅިއެއްލާލަމުން ޙަމްދީ ބުންޏެވެ. އެއާއެކު ސައްތާރުވެސް އެ ކަޅު ވިލާތަކަށް ނަޒަރު ހިންގާލިއެވެ. "އާން.. އަހަރެން މިތާ މަޑުކޮށްގެން ހުރެދާނަން.. މިރޭ މިގެއިން ފެން ފޮދެއް ބޮއެގެން އަހަރެންނަށް ދެން ގެއަށް ދެވޭނީ.. ހާދަ ބޮޑަކަށޭ ކަރުހިއްކަނީ.. މިއަދު އެއޮއްވަރަށް ފެން ބޮއުނީމަވެސް… ވާނީވެސް އެހެންތާ.. އަމަށަކު ވަރަކަށް ނޫންވީޔަ ހޫނުގަދައީ.. މުޅި މީހާ އެކަށް ހަންވެއްޖެ.. ހަމްދީ ތިޔަހަރަ ދޮން މީހަވެސް ތިޔަހުރީ އެކަށް އަނދާފައެއްނު.."
ހަމްދީ ހީލާފައިގޮސް ގެއަށް ވަނެވެ. އަދި ދޮރުޖެހިއެވެ. ސައްތާރަށް އެވަގުތުވެސް ހަމްދީ އެ އުޅުނީ ކޮންމެވެސް ކަމެއް ވަންހަނާކުރަންކަން ހަމަ ޔަޤީނަށްވެސް އެނގެއެވެ. ކުރިން ހީކުރި ވަރަށްވުރެ ހަމްދީ މާ ގަމާރުހެންވެސް ސައްތާރަށް ހީވިއެވެ. އެކަމަކުވެސް ހެވެ. ގަމާރު މީހަކު އެހާ ޖާހިލެއް ނުވާނެއެވެ. އެހެންވީމާ ގަމާރަކީއެއް ނޫނެވެ. ހަމަ ޖާހިލުވެފައި ނުލަފައީއެވެ.
ހަމްދީ ގެއަށް ވަނުމާއެކު ސައްތާރުގޮސް އެގޭގެ ދޮރުދާރައާއި ކައިރިވެލިއެވެ. އަދި ދޮރުދާރައިން ޙަމްދީއަށް ފާރަލެވޭތޯ މަސައްކަތްކުރިއެވެ. ސައްތާރު ބަލައިލިއިރު ހަމްދީ މެދުގޭ ތެރޭގައި ހުއްޓި ހުރީއެވެ. އެއްވެސް ހަރަކާތެއްނެތެވެ. ހީވަނީ ކޮންމެވެސް ކަމަކާ ވިސްނަން މަޑުކޮށްގެން ހުރީ ހެންނެވެ. ހަމްދީއަށް ކޮންމެވެސް މީހަކު އޭނާގެ ފަހަތުގައި ހުރިހެން ހީވާތީ ހަމްދީ ކުއްލިއަކަށް ފަހަތަށް އެނބުރިފައި ބަލައިލިއެވެ. ދޮރުދާރަ ކައިރީގައި ފާރަލާންހުރި ސައްތާރު ހަމްދީގެ ލޮލުގައި އަޅައިގަތުމުގެ ކުރިން ފަހަތަށް ޖެހިލާފައި، ހަމްދީއަށް ނުފެންނަ ވަރަށް ތިރިވެލިއެވެ. އަނެއްކާވެސް ހަމްދީ ބިއްދޮށު ފަރާތަށް އެނބުރިލާހާ ވަރު ކޮށްލާފައި ސައްތާރު ހަމައިސްކޮޅަށް ތެދުވިއެވެ. އަދި ފާރަލުން ކުރިއަށް ގެންދިޔައެވެ.
* * * *
"އެކަމަކުވާ ފާތުމާ.. ތިޔަވަރަށް ދެކޮޅަށް ބޯ ހޫރުވާއިރު އެނބުރުމެއް ނާރާތަ".. ހަލީމަ އަނގަމަތީގައި އަތް އަޅައިގެންހުރެ ޗިޗީސްލާފައި ހޭންފަށާފައި ބުންޏެވެ. ފާތުމަ ހުރީ އިންތިހާއަށް ނުރުހުންވެފައެވެ. އެހެން މީހަކު ދެކެއެއް ނޫނެވެ. އާދަނު ދެކެއެވެ. މިރޭ އާދަނު އުޅުން ފާޑުން ފާތުމަ ލޭ މައްޗަށް ނުގޮސްވެސް އެހުރީ ހަމަކިރިޔާއެވެ.
އަޅެފަހެ ސަންތިމަރިޔަނބަކީ ހިޔާލީ ވާހަކައެއްގައި އެކުލެވޭ ޙިޔާލީ ޝަހްހިއްޔަތެއް ނޫންހެއްޔެވެ. މީހަކު މާއްޔެއް ހެދިގެން ސަންތިމަރިޔަނބު ނަކަލުކޮށްގެން އަޔަސް އެއީ ހަޤީޤަތަކަށް ހަދައިގެން އެކަން ޤަބޫލުކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ. އާދަނު އުޅުން ވައްތަރު ސިފަވެފައި ފާތުމަގެ މޭވެސް ކަރަން ފަށައިފިއެވެ. އައި ރުޅިން ފާތުމަގޮސް ދޮރުގައި ތަޅަންފެށިއެވެ. އާދަނު ހުރީ އަދިވެސް ދޮރުގައި ބޮޑުތަޅު އަޅުވައިންނެވެ. ފާތުމަ ދޮރުގައި ތަޅަމުންދިޔައިރު ހީވަނީ ދޮރުވައްޓާލަފާނެހެންނެވެ.
"މަންމާ ދެން ތިޔަ ރުޅި މަޑުކޮށްބަލަ. ލޭ މައްޗައް ގޮސްފީޔާއީ އަނެއްކާ އަނެއް ހަކަންތައް އެ ލައިގަތީ" ފާތުމަ އައިސްހުރި ރުޅި މަޑުކުރެވޭތޯ ދަލޭކަ ބެލިއެވެ. އެހެނަސް ދަލޭކަ ބުނިބަހަށްވެސް ފާތުމަ ދިނީ ބީރުކަންފަތެކެވެ.
"އަދި ކިރިޔާ މި އެނގުނީ މިގޭގައި މިހާ ގިނައިން ފާގަ ހައްދާފަ ހުންނަ ސަބަބު".. ގޯތިތެރޭގައި ހައްދާފައިހުރި ފާގަވެޔޮތަކަށް ބަލާލަމުން ހަލީމަ ބުންޏެވެ.
އާނއެކެވެ. ފާތުމައަކީ ނިކަން ރުޅިގަދަ މީހެކެވެ. ގިނަ ފަހަރަށް ފާތުމަގެ ރުޅި ކޮންޓްރޯލުން ނައްޓައިގެން ދަނީ އާދަނުގެ ސަބަބުންނެވެ. ކުރާނީ ކީއްހެއްޔެވެ. އާދަނާއި އެކު އުޅުން ނޫން ގޮތެއްވެސް ނެތެވެ. އެނޫން ގޮތެއް އޭނާ ހަޤީޤަތުގައި ބޭނުމެއްވެސް ނުވެއެވެ.
* * * *
ސައްތާރު ފާރަލާން ހުއްޓައި ޙަމްދީގޮސް އެތެރިގެއަށް ވަދުނެވެ. އެތެރިގޭގައި ބޮޑު ފޮއްޓެއް ހުއްޓެވެ. އެ ފޮށީގައި ހުރީ ކޮންތަކެއްޗެއް ކަމެއް ބަލާލާފައި ބުނާކަށް ނޭނގެއެވެ. ކޮންމެއަކަސް ވަރަށް ބަރު ފޮއްޓެއްކަން ޔަޤީނެވެ. ޙަމްދީ ވަރަށް ބާރުލާފައި އެ ފޮށި ދަމާފައި ގެންގޮސް، އެ ފޮށި ކުރިން އިން ތަނުން އެހެން ތަނަކަށް ބަދަލުކުރިއެވެ. އެ ފޮށި އެ ބެހެއްޓި ތަނުގައި ބިމުގެ އަޑިއަށް ދެވޭގޮތަށް ކަނޑާފައިވާ ބާގަނޑެއް ފެންނަން ހުއްޓެވެ. ނަމަވެސް އެފޮށި ބެހެއްޓުމުން އެ ބާގަނޑު ނިވާވެއެވެ. އެ ބާގަނޑުގެ އަޑީގައިވާ ސިއްރަކީ ކޮބައިބާއެވެ. އެ ސިއްރުގެ ހަޤީޤަތް ބަލާ ދިރާސާ ކުރުމަކީ ސައްތާރުގެ މަޤްސަދެވެ. މިހާތަނަށް ހޯދިހޯދުމުން އެނގުނު އެނގުމުން އެ ބާގަނޑުން ތިރިއަށް ފައިބާއިރު ވަދެވޭނީ ބިންގަރާހެއްގެ ތެރެއަށެވެ. އެ ބިންގަރާހަކީ ޙަމްދީ ސިހުރު ހެދުމުގެ ހުރިހާ މަސައްކަތެއްހެން ކޮށްއުޅޭ މައިގަނޑު އައްޑާއެވެ. އެގެއަކީ މީހުން ވަދެއުޅޭ ގެއެއް ނޫނަސް އެ ބިންގަރާސް އެހާ ބޮޑަށް ވަންހަނާކޮށްގެން ޙަމްދީ އެ އުޅެނީ އެތަނުގައި އޭނާ ކުރާ ނުބައި އަމަލުތައް މީސްތަކުންގެ ކުރިމަތީގައި ކަޝްފުވެދާނެތީވެ އެކަމާ ޖެހިލުންވާތީ ކަމަށްވެސް ވެދާނެއެވެ.
އެކަމަކު އެހާ ނުބައިނުލަފާ ޖާހިލުން މީހަކަށް އެމީހުންގެ ހަޤީޤަތް އެނގިދާނެތީ ފަސްޖެހޭނެ ހެއްޔެވެ؟ ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެޔޭ ބުނާ ބަހުގައި ސައްތާރު ވަރަށް ބޮޑަށް ހިފައެވެ. ހަމައެހެންމެ، ހަމްދީ ފަދަ ނުބައި މީހުންގެ ހަޤީޤަތް އެހެން މީހަކަށް ފަޅާއެރިޔަސް އެފަދަ މީހުންނާއި ދެކޮޅަށް އަޑު އުފުލާނޭ ކެރުންތެރިކަމެއް ގިނަމީހުންގެ ކިބަޔަކު ނުވެއެވެ. ބޭނުންވިޔަސް އެތެރެއަށް ފިއްތާލައިގެން ތިބެން ޖެހެނީ ހަމްދީ އެމީހުންނަށް ދީފާނޭ ގެއްލުމެއްގެ ބިރަށްޓަކައެވެ.
* * * *
ކަތީބު މާ ވަރަކަށް ދެކޮޅު ދެކޮޅަށް ހިނގާތީ ކަތީބު އަންހެނުން ހާޖަރާ ހުރީ ކަތީބަށް ވެގެން އުޅޭ ގޮތެއް އެނގެން ބޭނުންވެފައެވެ. އެހެނަސް އެއްވެސް އަސާސެއްނެތި ކަތީބު ކައިރީގައި ވެގެން އުޅޭގޮތެއް އަހާލަން ނުކެރިފައި ހާޖަރާ ދުރުގައި އެ މަންޒަރު ބަލަހައްޓައިގެން ހުއްޓެވެ.
ކަތީބު އައިސް ފާރުގައި ހަރުކޮށްފައިހުރި ކަލަންޑަރު ނަގާފައި އޭގައި އަތް ހިންގަން ފެށިއެވެ. ހީވަނީ ކޮންމެވެސް ތާރީޙެއް ހޯދަން އުޅޭހެންނެވެ. ކަތީބަށް ހާޖަރާ ފެނުމާއެކު ކަތީބު ސިއްސައިގެންގޮސް ކަލަންޑަރުން އަތްނެގިއެވެ.
"ހާޖަރާ ނިދަންދާކަށް ނުވޭތަ. މިހާރު 12 ޖަހާ ބޮޑުވެއްޖެ. އަދި ދަމު ނަމާދަށްވެސް ހޭލަންޖެހޭނެންނު." ހާޖަރާ ނުނިދާ ހުރިކަމެއް ކަތީބަކަށް ކުރިއަކުން ނޭނގެއެވެ.
"އަހަރެން ނިދަން އުޅެއުޅެވެސް ނުނިދުން. ވަރަށް މަސައްކަތްކުރިން. މިހާރު ދުވަސްކޮޅެއްވެއްޖެ. ހަމަނިދި ނުލިބޭ.. އަބަދު ހިތްނުތަނަވަސްވެފަ ހުންނަނީ.." އާފުރިލަމުން ހާޖަރާ ބުންޏެވެ.
"ދޮގު ނަހަދާ. އަހަރެން މިތާ ހުރީމަ އަހަރެން ކުރާކަމެއް ބަލާކަށްނު ތިޔަ ހިނގަނީ.. އަހަރެން ފަސްފަހަތުން" ކަތީބު ސަމާސާކޮށްލިއެވެ.
"އާން ދެން ތިޔަހެން ބުންޏަސް އެއީ ދޮގަކަށް ނުވާނެ… އޭ.. އަހަރެން ސުވާލެއް ކުރަންތަ.." ކަތީބުގޮސް މެދުގޭގައި އެލުވާފައިހުރި އުނދޯލީގައި އިށީންދެލި ހިނދު ހާޖަރާ ކަތީބާއި ސުވާލުކޮށްލިއެވެ.
"އާން.. ކޮށްބަލަ.. މަށަށް ހީވަނީ ތިޔަ ސުވާލަކަށް ޖަވާބު ލިބުނީމަހެން ދެން ހާޖަރައަށް ލޮލުފިޔައެއް ޖެހޭނީ.." ކަތީބުވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ހާޖަރާ ކުރަން އުޅެނީ ކޮން ސުވާލެއްތޯ ބަލާށެވެ.
"އަހަރެން އަޑުއެހިން ސައްތާރު ކައިރީގަ އިބްރާޙީމް (ކަތީބު) ދެއްކި ވާހަކަތައް. އަނެއްކާ އަހަރެން ފާރަލައިގެން ކަލޭމެން ދެއްކި ވާހަކަ އަޑުއަހަން ތަނަކު ފިލާ ހުރީޔަކީއެއްނޫން. އަހަރެން އިބްރާޙީމް ކައިރީގައި ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުންވެގެން އެގަޑީ ދިޔައިރުގަ ކަލޭމެން ދެމީހުން ވަރަށް އޮލަ ވާހަކައެއްގައި ތިބީމަ އަހަރެން ބޭނުންނުވީ ކަލޭމެން ދެމީހުންގެ ވާހަކަ މެދުކަނޑާލާފަ ކަލޭމެންނަށް އުނދަގޫކުރަން"..
ކަތީބުގެ އަންހެނުން ހާޖަރާއަށް ސައްތާރު ކައިރީގައި ކަތީބުދެއްކި ވާހަކަ އެނގުމުން ކަތީބު އެކަމާ ވަރަށް ކަންބޮޑުވިއެވެ. އެއީ، ސައްތާރާއި ކަތީބު ހަވާލުކުރި މަސައްކަތަކީ އެދެމީހުންގެ މެދުގައި ފޮރުވިފައިއޮތް ސިއްރެއް ކަމުގައި ވާތީއެވެ. ކަތީބު ބޮލުގެ އިޝާރާތަކުން ހާޖަރާ ކުރަން ބޭނުންވަފައި ހުރި ސުވާލު ކުރުމުގެ އިޖާޒާތުދިނުމުން ލަސްތަކެއްނުވެ ހާޖަރާ ފަތިފައްޗަށް ބޮޑު ދަރުސެއް އަމުނާލިއެވެ.
"އަހަރެން ދައްކަން މިއުޅޭ ވާހަކަ އަޑުއަހާފައި އިބްރާހީމް ހިތްހަމަވެސް ނުޖެހިދާނެ. އެކަމަކު އަހަރެން ވަރަށް ދުވަހު ކެތްކޮށްލައިގެން ހުރެފިން. މިވާހަކަ ނުދައްކަންވެސް. އެކަމަކު ދެނެއް އަހަރެން ބޭނުމެއް ނޫން މިވާހަކަ އަހަރެންގެ ހިތުތެރޭގައި ފޮރުވާފަ ބާއްވާކަށް. އިބްރާހީމްވެސް ބުނަމެއްނު. އަހަރެން އެއްވެސް ވާހަކައެއް ހިތުތެރޭގައި ފޮރުވާފައި ނުބާއްވަޗޭ.. ދައްކަން ބޭނުންވާ ކޮންމެ ވާހަކައެއްވެސް ފަސްޖެހުމެއްތި ހިއްސާ ކުރައްޗޭ.. އިބްރާޙީމް ސައްތާރާއި އެވަރުގެ ބޮޑު މަސްއޫލިއްޔަތެއް، އެވަރުގެ އުނދަގޫ އަދި ނުރައްކާތެރި ޒިންމާއެއް އޭނަގެ ބޮލުގައި އެޅުވިއިރު ދުވަހަކުވެސް ވިސްނާލިންތަ އެކަމުން އެ އާޢިލާއަށް ލިބިދާނެ ގެއްލުމަކާއި މެދު؟ އިބްރާޙީމަށް ހަމަ ރަނގަޅަށް އެނގެއްނު އެ ޢާއިލާއަކީ ކިހާ ހާލެއްގައި ކިހާ ނިކަމެތިކޮށް ދިރިއުޅެމުން އަންނަ ބައެއްކަން.. ޙަމްދީއަށް ސައްތާރާއި މެދު ކުޑަވެސް ޝައްކެއް އުފެދިއްޖެނަމަ ޙަމްދީ ސައްތާރުގެ ދުވަސް ދުއްވާލާނެ… ސައްތާރަށް ކޮންމެ ފަދަ ގޮތެއް ހަދަންވެސް އޭނަ ފަހަތަކަށް ނުޖެހޭނެ. ޙަމްދީއަކީ ހައުދަހާ ނުލަފާ މީހެކޭ.. ހަމްދީގެ ޝިކާރައަކަށް ސައްތާރުވެއްޖެ ނަމަ އެ ޢާއިލާ ކިހިނެއް މި ދުނިޔޭގައި އުޅޭނީ.. އެމީހުންނަށް ކާކު ކާންބޯންދޭނީ.. ކާކު އެމީހުންގެ ޒިންމާތަކުގައި ބޮލުއަޅާނީ.. އިބްރާޙީމަށް ދުވަހަކުވެސް އޭރުން އަމިއްލަ ނަފްސަށް މާފުކުރެވޭނެތަ؟ އާއިލާއެއް ދުނިޔެއަށް ބިކަވެ ބާކީވީމާ އެއީ އަހަރެމެންގެ ސަބަބުން އެބަޔަކަށް ލިބޭނެ ކިހާ ބޮޑު ހިތާމައެއް؟… އަޅެ އަހަރެން މި ބުނީ ދޮގެއްތަ؟"
ހާޖަރާ ދެއްކި ވާހަކައިގައި ވަރަށް އޮއްޓަރު އެބަހުއްޓެވެ. ހާޖަރާ ދެއްކި ވާހަކައިން ކަތީބުގެ ހިތުގައި ނުހަނު ފުން ޒަޙަމެއް އުފެދުނު ފަދައެވެ. ކަތީބު އެކަމާމެދު ވަރަށް ފުންކޮށް ވިސްނަން މަޖުބޫރުކުރުވައިފިއެވެ. އަހަރެންނަށް ނިންމުނު ނިންމުމަކީ ހަމަ އެންމެ ރަނގަޅު ނިންމުން ބާއެވެ. އަހަރެންގެ ސަބަބުން ބައެއްގެ ދިރިއުޅުން ބަނަވެގެންދާތަން ބަލަން އަހަރެންގެ މި ދެލޮލަށް ކެތްވާނެބާއެވެ. ނޫނެކެވެ. އެހެނަސް މިހާރު މާލަސްވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ. ދެން ﷲގެ ހަޒްރަތުގައި ސައްތާރާއި އޭނާގެ ޢާއިލާގެ ހައްޤުޤައި ދުޢާކުރުން ނޫން އިތުރުކަމެއް ކަތީބަކަށްވެސް ކުރެވޭކަށް ނެތެވެ. އެދުވަސް އެނބުރި ގެނެވޭނޭ ނަމަ ކިހާ ރަނގަޅުވީސްހޭ ކިޔާފައި ކަތީބު ނިކުތީ ބޭރަށެވެ. ހާޖަރާ ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހުގައި މެދުގޭގައި ހުރި އުނދޯލީގައި އޮށޯވެލިއެވެ. ހާޖަރާގެ ލޮލަށް އަދިވެސް ނިދިއަންނަ ގޮތެއް ނުވިއެވެ. އޭނައަކީ ކަންކަމާއިމެދު ވަރަށް ފުންކޮށް، އެކި ގޮތްގޮތުން ވިސްނާ މީހެއްކަމުން، އޭނާގެ ހިތް ނުތަނަވަސް ކުރުވާފަދަ ޙިޔާލުތަކުން އޭނާގެ ނިދި އެތަކެއް ރެއަކު ނަގާލައި ނިދިން މަޙްރޫމްކޮށްލައެވެ.
* * * *
ރާޝިދު ބަނޑުވަތަށް ވެއްޓިފައި އޮތް ދިމައިން އޭނާގެ ބަނޑުދަށުން ލޭގެ ކޯރެއް ތަޅުންގަނޑުމަތީގައި ފޫދެމުން ދިޔައިރު އެ މަންޒަރުބަލަން ދެލޯ ބޮޑުވެފައި އަނގަމަތީގައި އަތް އަޅާލައިގެން، ފާރުގައި ލެނގިގަނެގެން ހުރި ނަފީސާގެ ދެއަތް ދިޔައީ ތުރުތުރުއަޅަމުންނެވެ. ސުބުހާނަﷲ އެވެ. އަނެއްކާ މިވީ ކިހިނެއްބާއެވެ. ރާޝިދު ވެއްޓުމުން އޭނާ ނުތެދުވެ އެ އޮންނަނީ ކިހިނެއްވެގެންބާއެވެ. އޭނާގެ ގައިގައި ތެދުވާނެހާ ވަރުނެތީބާއެވެ. ނޫނީ އެއީ އޭނާ ނަފީސާއަށާއި ބަކުރަށް ހަމަލާއެއްދޭން ބޭނުންކުރާ އުކުޅެއްބާއެވެ. ފަހަރެއްގައި އޭނާ އެއޮތީ މަކަރުހަދައިގެން ކަމަށްވެސް ވެދާނެއެވެ. ނުބައި ރޭވުމެއް ރާވަނީކަމަށްވެސް ވެދާނެއެވެ.
ނަފީސާއަށް އަނގައިން ބުނަންވެސް ނުކެރިފައި ހުއްޓުން އަރާފައި ހުއްޓެވެ. ބަކުރުވެސް ތެދުވެފައި، ކޮޅަކަށް ގުޑިލާން ނުކެރިފައި އިނެވެ. އަދި ނަފީސާގެ މޫނަށް ބަލާލިއެވެ. ނަފީސާގެ ދެލޮލުން ބަކުރާއި މުހާތަބުކުރަމުން ދިޔަހެން ބަކުރަށް ހީވިއެވެ.
ބަކުރު މަޑުމަޑުން ތެދުވެ ވެއްޓިފައި އޮތް ރާޝިދުގެ ކައިރިއަށް ގުދުވެލިއެވެ. އަދި ރާޝިދު އޮތްފުށް ނޫން އަނެއް ފަރާތަށް އަނބުރާލަން ރާޝިދުގެ ބުރިކަށި މަތީގައި ހިފަހައްޓާލަން އަތް ހަދާލިއެވެ. ނަމަވެސް ނަފީސާއެކޭ އެއްފަދައިން ބަކުރުގެ ދެއަތުންވެސް ތުރުތުރުއަޅަމުން ދާތީ ބަކުރުވެސް ރާޝިދު ގައިގައި އަތްލާން ފަސްޖެހޭކަން ބަކުރުގެ މޫނުމައްޗަށް ބަލާލުމުން އެނގޭނެއެވެ. އެހެންނަމަވެސް، ބަކުރު ހިތްވަރުކޮށްފައި، ބިރުކަނޑާލާއި ރާޝިދު ކުރިމަތިފުށަށް އަނބުރާލިއެވެ.
"ﷲ އަކްބަރް.." ބަކުރު ރޮއެގަތެވެ.
"މަންމާ………" ނަފީސާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ގަނބައިގަނެގެން ދިޔަހެނެވެ.
ބަކުރުވެސް ނަފީސާވެސް ބޭނުންވީ ރާޝިދު މަރާލާށެވެ. ނަމަވެސް އެއީ އެދެމީހުންގެ ހިތުގެ އެދުމެކެވެ. ހަޤީޤަތުގައި އެމީހުން އެގޮތް ކިތޭ ބޭނުންވެފައި ތިބި ނަމަވެސް އެދެމީހުންކުރެ އެކަކަށްވެސް މީހަކު މަރާލާކަށް ނުކެރޭނެއެވެ. އެވަރުގެ ކެރުންތެރިކަމެއް އެދެމީހުންކުރެ އެކަކު ކިބައިގައިވެސް ނެތެވެ. ހުރިނަމަ، ރާޝިދު މަރާލީހީ އިއްޔެއަކު މިއަދަކު ނޫނެވެ.
ރާޝިދު އޭނާގެ އަތުގައި އޮތް ކަތިވަޅި މައްޗަށް ވެއްޓި، އެ ކަތިވަޅި އޭނާގެ މެއަށް ވަނުމުގެ ސަބަބުން، އޭނާގެ މޭމަތި އޮތީ ވަރަށް ދިގުކޮށް އަދި އެހާމެ ފުންކޮށް ކަފައިންގޮސްފައެވެ.
ބަކުރު ރާޝިދުގެ ނޭފަތް ކައިރީގައި އިނގިލިކުރި ޖައްސާލީ ރާޝިދު ނޭވާލާތޯ ބަލާލާށެވެ. ސަހަރޯއެވެ. ރާޝިދުގެ ހައްޓަކު ވިންދެއް ނެތެވެ. އޭނާގެ ނޭވާވެސް އޮތީ ހުއްޓިފިއެވެ. ރާޝިދުގެ ފުރާނަ މި ފަނާވަނިވި ދުނިޔެއަށް އަބަދުގެ އަބަދަށް އަލްވަދާއު ކިޔައިފިއެވެ.
ބަކުރަށް ބޭއިޙްތިޔާރުގައި ނަފީސާގެ މޫނަށް ބަލާލެވުނެވެ. ނަފީސާގެ މޫނުމަތިހުރީ އެކީއެކަށް މިލާމޯޅިވެފައެވެ. އޭނާގެ ދެލޯ ބޮޑުވެ ދެލޮލުންވެސް ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. އެއީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އެ ކަރުނައިގެ ފަހަތުގައި ފޮރުވިފައިވަނީ ބިރުވެރިކަމެވެ. ޖެހިލުންވުމެވެ. ރާޝިދު އެފަދަ ގޮތަކަށް މަރުވެފައި އޮށްވާ މީހަކަށް ފެނިއްޖެނަމަ ކޮންމެ މީހަކުވުސް ހީކުރާނީ ބަޔަކު ނުވަތަ މީހަކު އެއްވެސް ރަޙުމެއްނެތި ރާޝިދު މަރާލީ ކަމަށެވެ.
ރާޝިދު މަރުވީ ޙުދު ރާޝިދުގެ އަތުގައި އޮތް ކަތިވަޅިއަކުންކަން ގަބޫލުކުރާނީ ފަހެ ކާކުހެއްޔެވެ؟ ލޮލަށް މަންޒަރު ފެނުނު މީހަކު ނޫނީ ޤަބޫލެއް ނުކުރާނެއެވެ. ރާޝިދުގެ މަރުވެފައިވާ މަސްގަނޑުން ލޭގެ ކޯރެއް ފޫދެމުން ދިޔައިރު އެ މަންޒަރު ބަލަން ގަބުވެފައި ބަކުރަށާއި ނަފީސާއަށް އިރުގަނޑަކު ތިބެވުނެވެ.
"ނޫން. ނޫން. ނޫން ނޫން ނޫން." ނަފީސާއަށް ލިބުނު ސިހުމެއްގެ ބޮޑުކަމުން އޭނާ ދުވެފައި އައިސް މަރުވެފައި އޮތް ރާޝިދުގެ މޫނު މަތީގައި ތަޅަންފެށިއެވެ.
"ރާޝިދޫ ހޭއަރާބަލަ.. ރާޝިދަށް ތިޔަހެނެއް ނުދެވޭނެ. ހޭއަރާބަލަ. ބުނެބަލަ ތިޔައޮތީ މަކަރު ހަދައިގެންނޭ.. ބުނެބަލަ އަދި ފުރާނަ އެބަހުއްޓޭ" ނަފީސާ ހީވަނީ ދުނިޔެއިން މޮޔަވެފައިވާ މީހެއް ހެންނެވެ.
"ބަކުރާ.. ކީއްވެތަ ބަލަން ތިޔަ ހުންނަނީ. ކޮންމެސް ކަމެއް ކޮށްބަލަ. ރާޝިދު މަގޭ ވަރިނުކޮށް މި ދުނިޔެއާއި ވަތްކެއް ނުވެވޭނެ. އެހެން ނޫނީ އަހަރެން އަނެއްކާ އިއްދައިގަ ދުވަސްތަކެއް ހޭދަކުރަން ޖެހޭނެ. އޭރަށް އަހަރެން އަނެއްކާ ބަކުރުގެ އިންތިޒާރުގައި އެތަކެއް ދުވަސްތަކެއް ހޭދަކުރަން ޖެހޭނެ. ރާޝިދް. ހޭއަރާބަލަ. ހެޔޮނުވާނެ… ބަކުރާ ކޮންމެސް ކަމެއް ކޮށްބަލަ ތިޔަހެން ނުހުރެ" ނަފީސާ ހުއްޓުމެއް ނެތި މޮޔައެއްހެން މަސައްކަތްކުރަމުން ދިޔައީ ރާޝިދު ހޭއެރުވޭތޯއެވެ. ނަމަވެސް ރާޝިދުގެ ހަށްޓަކު ފުރާނައެއް ނެތެވެ. އެކަން ނަފީސާއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ.
ރާޝިދުގެ އަނގައިންވެސް ހޯސްލާފައި ލޭ ފައިބަމުންދިޔައެވެ. ނަފީސާވެސް ދިޔައީ ލެޔާއި ތަތްތެޅެމުންނެވެ.
"ނަފީސާ ހަމަޖެހިބަލަ. މޮޔަވީތަ. ދެލޯ ކަނީތަ؟ ރާޝިދު އެއޮތީ މަރުވެފައޭ.. ރާޝިދު ދެނެއް އެނބުރިއެއް ނާންނާނެ. ޤަބޫލުކޮށްބަލަ. އޭނަ އެއޮތީ މަކަރުހަދައިގެނެއްނޫނޭ… ރާޝިދު އެއޮތީ ހަމަ އަސްލުގަވެސް މަރުވެފަ."
ބަކުރު ދެއްކި އެއްވެސް ވާހަކައަކަށް ނަފީސާގެ އެއްވެސް ފަރުވާލެއްނެތެވެ. އޭނާ ހުއްޓުމެއްނެތި މަސައްކަތްކުރަމުން ދިޔައީ ރާޝިދު ހޭއަރާތޯއެވެ. އެންމެ ފުރަތަމަ ރާޝިދު ނޭވާ ނުލާތީ އޭނާ ނޭވާ ލައްވަން ވެގެން ރާޝިދުގެ އަނގަމަތީގައި އަނގަޖަހާފައި އެތެރެއަށް ވައި ދައުރުކުރުވަން ވެގެން ފުމެން ފެށިއެވެ. އެކަމުން އެއްވެސް ރާހަތެއް ނުކުރާކަން އެނގުމުން ދުވެފައިގޮސް ރޯނުގައި ހިއްކަން އަޅާފައި ހުރި އުސްމާނުގެ މުންޑެއް ނަގައިގެން އައިސް، ރާޝިދުގެ މޭމަތީގައި ކަފައިގެން ގޮސްފައިވާ ބައިގައި ބާރުކޮށް އައްސައިފިއެވެ. ނަމަވެސް އެ އެކަމުންވެސް ރާޝިދުގެ ގައިން ލޭމަނާވާ ގޮތެއް ނުވިއެވެ. ނަފީސާ ކުރި އެއްވެސް ކަމަކުން ރާޝިދު ހޭނޭރުމުން ހަދާނޭގޮތް ހުސްވެގެން ނަފީސާ ބޮލުގައި އަތްއަޅާފައި އިސްތަށިގަނޑަށް ދަމަދަމާފައި ހަޅޭއްލަވަންފެށިއެވެ. ބަކުރު ދުވެފައިގޮސް ނަފީސާގެ އަނގަމަތީގައި އަތްއަޅާފައި ނަފީސާ ހަމައަކަށް އަޅުވަން ކުރުވި މަސައްކަތްވެސް ވީ ނާކާމިޔާބެވެ. ނަފީސާ ހުރީ ލިބުނު ސިހުމެއްގެ ބޮޑުކަމުން އެކަށް ސަކަރާތްވެފައެވެ. ބަކުރު ނަފީސާ މަތަކުރަން އުޅެން ހަދައިގެން ބަކުރުވެސް އެކަށް ލޮޑުކޮށްލައިފިއެވެ.
"ނަފީސާ". ބަކުރު އަޑުގައިހުރި ބާރެއް ލާފައި ނަފީސާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. "ނަފީސާ ކޮންފާޑަކަށްތަ ތިޔަ އުޅެނީ… ތިޔަ ހަމަޖެހިބަލަ. ނަފީސާ ތިޔަހެން ކަންތައްކުރީމަ ދެން ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށް. ހިނގާބަލަ ދެމީހުން ހަމަޖެހިލައިގެން މިކަމުން ސަލާމަތްވާނެ މަގެއް ހޯދަން. މީހަކަށް މިކަންތައްގަނޑު ފަޅާއަރައިފިނަމަ އެންމެންވެސް އިނގިލި ދިއްކުރާނީ އަހަރެމެން ދެމީހުންނަށް. އެންމެންވެސް ޝައްކުކުރާނީ އަހަރެމެން ދެމީހުންނަށް. ރާޝިދުގެ މަރުގެ ޒިންމާ ނަގާކަށް އަހަރެން ބޭނުމެއް ނޫން. މިކަމުގައި އަހަރެމެން ދެމީހުން ބެދިއްޖީޔާ ކަތީބު އަހަރެމެން ދެމީހުންނަށްވެސް އެކަމުގެ އަދަބު ދޭނެ. އެހެން ރަށަކަށް އަރުވާލާނެ.. އެހެންވާން ނަފީސާ ބޭނުންތަ؟ ބޭނުމެއް ނުވެއެއްނު ދޯ؟ އެގޮތަށް ކަންތައް ވެއްޖީޔާ އަހަރެމެން ދެމީހުން އެކުގައި އުޅެން މި ދެކެމުންދާ ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިވެ ވެއްޔާއި މޮޑެވިގެން ހިނގައިދާނެ. އެހެންވީމަ މި ބުނަނީ.. ތިޔަ ހަމަޖެހޭށޭ…" ބަކުރު މަސައްކަތްކުރީ ނަފީސާ ހަމައަކަށް އެޅުވޭތޯއެވެ. ނަމަވެސް ބަކުރުވެސް ހާސްވެފައި ހުރިވަރުން ބަކުރުގެ އަޑުވެސްހުރީ ކުރެހިފައެވެ.
ނަފީސާ ހުރީ ބަކުރު ދެއްކި ވާހަކަ ވަރަށް ކަނުލާ އަޑުއަހާށެވެ. ބަކުރު އޭނާ ދައްކަމުންދިޔަ ވާހަކަ ހުއްޓާލިއިރަށް ނަފީސާ އައިސް ބަކުރު ގައިގައި އޮޅުލައިގަތެވެ. އަދި ބާރުބާރަށް ރޮމުންދިޔައެވެ. އެވަގުތު އޭނާގެ ލޮލުން އެއްވެސް ހިހެއްޓުމެއްނެތި ނީރަމުންދިޔަ ކަރުނަތައް އޭނާގެ ކޯތާފަތް ތެތްމާލިއެވެ. "އަހަރެމެން މި ވެއްޓުނީ ކޮންފަދަ ނުރައްކާ އަނދަވަޅަކަށް. އަހަރެމެން ބޭނުން މި އަނދަވަޅުން ސަލާމަތްކަން މަތީގައި އަރައިގަންނަން. ބަކުރާ.. އަހަރެމެން ދެމީހުންގެ ފުރާނައާއި މުސްތަޤުބަލަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވެގެންވިޔަސް އެބަޖެހޭ އަހަރެމެން ވެއްޓިފައި މިތިބި އަނދަވަޅުން އަރައިގަނެ ސަލާމަތުގެ އައްސޭރިއަކަށް ހޭރިޔާ ކުރަން"….
* * * *
"ސާބަސް ސާބަސް ސާބަސް. އާދަނަށްވާ ސާބަސް." ދޮރު ބަޑިއަކަށް ޖަހަމުން ގޭ އޮޅިގަނޑުން ފައި ގިރާކޮށްލަމުން ފާތުމަ އާދަނާއި ދިމާލަށް ކުދިކިޔަން ފެށިއެވެ.
"ދެކެދެކެވެސް ތިޔަވަރު މީހަކު ނުދެކެން"…
"އާން. މަވަރުގެ މީހަކު ނުފެނީމަތާ ފާތުމަ ބައްޕަ ފާތުމަ މަށާ ދެވީ" އާދަނު އަނގައިން ދެރަވާކަށް ބޭނުމެއް ނުވިއެވެ.
އާދަނު ބުނިއެތިން ހަލީމަ ގާތަށްއައީ ވަގުހިންޏެކެވެ. ފާތުމަ އައީ އިތުރަށް ރުޅިއެވެ.
"އާން. އަނގައިން ދެރަނުވާތި. މީހަ އުޅުން ވައްތަރުން ހީވީ ރަނޑު އަންހެނެއް ހެންވީޔަ. ލަދުން ބޯހަލާކޭ.. އާދަނަށްވުރެ ސަހަލަވާނެ ކަންނޭގެ ތިއޮތް ގާސިމްވެސް. އެކުއްޖާ ފަކީރުވެސް ނުގަންނާނެ އާދަނު ގަންނަހާ ބިރެއް. އެކުއްޖަވެސް އާދަނަށްވުރެ ކެރުންތެރިވާނެ. އާންފަހެ. މީނަ މިއީ ކުއްޖާގެ ކާފަ. މިސާލު ދައްކާފަ ނަމޫނާއަކަށް ބަލަންވީ މީހާގެ ހާލަތު މިހުރީ ހުރިގޮތް".. ފާތުމަ އާދަނާއި ދިމާލަށް ބަލާލާފައި ތުންފަތް އަނބުރާލަމުން ބުންޏެވެ.
"ދެން އަދި މުންޑު ކީއްވެ ތިޔަހުރީ އެކަށް ތެމިފޯވެފަ؟ މިހާރު މަގޭ މިއަދު އިރުއޮއްސޭއިރު ގެނައި ފެން ބަންޑިޔާ ވަރާލީދޯ؟" އާދަނު ލައިގެންހުރި މުންޑު ތެމިފައިހުރުމުން ފާތުމަ ސުވާލުކޮށްލިއެވެ. އެހެންނަމަވެސް، ހަލީމަ ހުރުމުން އާދަނަށް ފާތުމަކުރި ސުވާލަށް ޖަވާބުދޭކަށް ނުކެރުނެވެ. އާދަނު އަނގަމަޑުންލައިގެން ހުރީވެސް އެހެންވެގެންނެވެ.
"މިރޭ އެޅި ބޭސްގަނޑުވެސް އަނެއްކާ އަލުންބަލުން އަޅާކަށްނު މިޖެހުނީ.. މިހާރު އެ ނުހިކެނީސް އޭގައި ފެންޖެހުނީމަ އޭގެ ރާހަތް ކެނޑިފަ ހުންނާނީ.." އާދަނު ފައިގައި އެޅި ބޭސްގަނޑުމަތިން ހަނދާންވެގެން ހަލީމަ ބުންޏެވެ.
"ހޫން. ހުރިހާ މަސައްކަތެއް ފެނަކަށްނު މިދިޔައީ.. ދެންވެސް ދޭބަލަ ގިފިއްޔަށްގޮސް ތިޔަ ބޭސްގަނޑު ތާހިރުކޮށްގެން އަންނަން. އަހަރެން އެބަ އަންނަން މުންޑެއް ހިފައިގެން…" ފާތުމަ އެތެރިގެއާއި ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.
ހަލީމަވެސް ބެލީ ގެއަށް ދެވޭތޯއެވެ. "އޭ.. ދެން އަހަރެންވެސް ގޮސްލީ އިނގޭ.. މާދަމާ އައިސްލާނަން އިނގޭ… މިހާރު އުސްމާނުވެސް ގެއަށް އައިސްދާނެ.. ނަފީސާ ގޮތެއް ނޭންގެ.. ހުރެބަލަ މިރޭ ކަމާކުޅިދައްކާލާނަން"..
"ނޫނޭ ދައިތާ.. އެއްޗެހި ނުގޮވާ ރީއްޗަށް ވާހަކަ ދައްކައިގެން ނަފީސާއަށް ވިސްނައިދެވޭތޯ ބަލާ.. އޭރަށް ނަފީސާއަށްވެސް ރަނގަޅަށް ވިސްނޭނީ.. ޒުވާބުކޮށްގެން ނިކުންނާނެ އެއްވެސް ރަނގަޅު ނަތީޖާއެއް ނޯންނާނެ.." ދަލޭކަ ހާސްވެފައިހުރީ ހަލީމަގޮސް ނަފީސާއާއި ދިމާލަށް އެއްޗެހިގޮވާފާނެތީއެވެ. އެއީ ދަލޭކައަށް ނަފީސާގެ ގޮތް ރަނގަޅަށް އެނގޭތީއެވެ. ނަފީސާގެ ބޮލަށް ސަވާރުވެވޭނީ ވަރަށް އޯގާތެރިވެގެންކަން ދަލޭކައަށް ވިސްނެއެވެ.
* * * *
"ހޫން. މިއޮށް އައީއެއްނު މިގޯތި މަހާރާނީ.." ސަފިއްޔާ އައިސް ގެއަށް ވަދުންތަން ފެނިގެން ނޫރުބީނާ ބުންޏެވެ.
ނޫރުބީނާއަކީ ބަކުރާއި ސަފިއްޔާގެ މަންމައެވެ.
"މިރޭ ކޮންތާކު ކޮންކާއްބައެއް ގަނެފަ ތިއައީ؟ މަންޖައް މި ދުނިޔެމަތީގައި ނާޗަރަންގީކުޅުން ފިޔަވާ އިތުރުކަމެއް ނޯންނަނީތަ އޭން؟؟" ސަފިއްޔާގެ މޫނުމަތީގައި އުނގުޅާފައިވާ ދެލިތަކަށް ބަލާލާފައި ނުރުހުންވެފައިވާ ރާގަކަށް ނޫރުބީނާ ބުންޏެވެ.
"މިރޭ މިއީ ވަރަށް ކާމިޔާބު ރެއެއް. އަހަރެން ހިތްފުރޭވަރުވީމަ މިއައީ".. ސަމިއްޔާ މޫނުމަތީގައި ފެންފޮދެއް ކާތާލަމުން ބުންޏެވެ.
"ހަސަނާވާ ބުނާކަށް މަށަށް މިތިބީ ދަރިންތަކެއް ލިބިފަ. މިއީއޭ ބުނެލާނެ މީހަކު ނެތީއޭ ހަމަ. މިއަދު އިރުއެރީންސުރެން މަގޭ މިއުޅެނީ ހޭބޯނުލާ މަސައްކަތުގަ. ހަސަނަށާ ބަކުރަށާވެސް ފުދުނީވީޔަ މަހުން ލަފައިގެން އަންނަ ގޮތަށް ގޭތެރެއަށް މަސްތައް އުކާލެވުނީމަ. ދެން އެ މަސްތައް ކަނޑަންވީވެސް މަ. އޭގެން ގަރުދިޔަ ކައްކާފަ ރިހާކުރަށް ވަންދެން އޮލަކުރަން ހުންނަންވީވެސް މަ. މިގޭގައި ކުރާހާ މަސައްކަތެއް ކުރަންވީ މަ. ނޭވާ ނޭފަތުންނުލާ ރެޔާއި ދުވާލު މަސައްކަތުގައި އުޅުނަސް މަގޭ ކުރާ މަސައްކަތެއްގައި އަތްގާތް ކޮށްލަދޭނެ މީހަކުވެސް މިގެއަކު ނޫޅޭ.. މި ސަފިއްޔާވެސް މިއީ ހަމަ ނަމެއްގަ ހުންނަ މީހެއް. އަތުންފައިން މަސައްކަތެއް ކުރަނީޔަކީ ނޫން. ކަމެއް ހަވާލުކުރިއަސް އެކަމެއް ކުރާނެ ގޮތެއް އެނގޭކަމަކަށް ނުވޭ.. ދެން މީނަ ލައްވާ ކަމެއް ކުރުވައިފީޔާ އަނެއް ފަސް ގަޑިއިރު މަ އުޅެންޖެހޭނީ އެކަމަކުން ކުށްފިލުވަން. ނޫނޭވާ މަގޭ ނޫން އެހެން އަންހެނަކުނަމަ ބޯހަލާކު ވެއްޖައީސް މިތާ ތެރޭގަ. މިއަދުވެސް ގުދަށް އޮވެއޮވެ އުނަގަނޑުގަ ރިއްސާވަރުން މީހާ ބީތާވާވަރުވޭ އެބަ."
ނޫރުބީނާ ބުރަކޮށް މަސައްކަތުގައި އެކަނިމައި އެކަނި އުޅެނިކޮށް އޭނައަށް އެހީއެއްވުމުގެ ބަދަލުގައި ސަފިއްޔާ ގެއިން ބޭރަށްގޮސް އެހާ ގިނައިރު އުޅެފައި އައީމައި އެކަމާ ނޫރުބީނާހުރީ ރުޅިއައިސް ރަތްވެފައެވެ. ނޫރުބީނާގެ ފިރިމީހާ ހަސަނުވެސް އޭނާ ދެއްކި ވާހަކަ އަޑުއަހާކަމަށް ހަދައިގެން އެތަނުގައި އިނެވެ. ނަމަވެސް ނޫރުބީނާ ދެއްކި ވާހަކަތައް ހަސަނުގެ އެއް ކަންފަތުން ވަދެފައި އަނެއް ކަންފަތުން ބޭރުވެގެން ދިޔަފަދައެވެ. ވާނީވެސް އެހެންތާއެވެ. ނޫރުބީނާއަކީ ރުންކުރުވެފައި އަބަދުވެސް ކޮންމެވެސް ކަމަކާ ކުދި ކިޔަކިޔާ ހުންނަ މީހެކެވެ. އެއްވެސް މީހަކަށް އެއްވެސް ކަމެއް އޭނާ ބޭނުންވާ ގޮތަކަށް ކުރެވޭކަމެއް ނުވެއެވެ. ހަސަނު ކަމެއް ކުރިއަސް، ބަކުރު ކަމެއް ކުރިއަސް، ސަފިއްޔާ ކަމެއް ކުރިއަސް، އަބަދުވެސް ކޮންމެވެސް ކުށެއް ދައްކާނެއެވެ. ކޮންމެވެސް ޝަކުވާއެއް އަބަދުވެސް އޮންނާނެއެވެ. އެއްވެސް މީހަކަށް ނޫރުބީނާ ހިތްހަމަޖެހޭ ގޮތަށް އެއްވެސް ގޮތަކަށް އެއްވެސް އިރަކު އެއްވެސް ކަމެއް މާޒީވެ ދިޔަތަނުގައިވެސް ކޮށްދެވިފައެއްނެތެވެ. ނޫރުބީނާގެ ޝަކުވާތައް އަޑުއަހާފައި ހަސަނުގެ ބޯ ގޮށްވާކަށް ހަސަނު ބޭނުމެއް ނުވެއެވެ. އެހެންކަމުން ނޫރުބީނާ ކުދިކިޔާ ތަންތަނުގައި އިންނަ އިރު އެ އަޑުތައް އޭނާގެ ކަންފަތުގައި ޖެހުނަސް އެ އަޑުތަކަށް އޭނާ އެއްވެސް ސަމާލުކަމެއް ނުދެއެވެ.
"ބީނާ ދެންތިޔަ ރުޅި މަޑުކޮށްލަބަލަ. މިއަދު ހަތަރުދަމު ސަފިއްޔާ އުޅުނީ ހަމަ ބީނާއަށް އެހީވާން ދޯ.. އޭނާ މިރޭ ތިޔަ ރިހާކުރަށް ވާން ގާތްކޮށްފަ ބޭރަށްވެސް އެދިޔައީ.. ސަފިއްޔާ ދިޔައިންސުރެން އަހަރެންވެސް ހަމަ ބީނާ ކައިރީގައި މިތާދޯ މި އެނބުރެނީ.. ކަމެއް ކޮށްދިނަސް ކޮށްދޭހިތް ނުވަނީ ކުރާކަންކަން ބަލައި ނުގަންނާތީ.. މިއޮތީވާ ދިރިއުޅުމެއް"… ހަސަނު ބޯ ކަހާލަމުން ބުނެލިއެވެ.
"ބުނަން. ދެންވެސް މަގޭ ރުޅިއަރުވަން ނޫޅޭ އިނގޭ. މަގޭ އަތުގައި މިއޮތް ހޫނު ދޭފަތުގެ ވަރުދައްކާ ނުލަނީސް ދާންއުޅޭ ގޮސް ބަކުރު އުޅޭ ތަނަކުން އޭނަ ހޯދައިގެން އަންނަން ދޭ.. ރޭގަނޑު އެއްދަން ހުސްވާންދެން ނުޖެހޭނެ ބަކުރެއް ކަމަކު ގެއިން ބޭރުގަ އުޅޭކަށެއް. އަދި މި ސަފިއްޔާވެސް ބޭރުގަ ތެޅިތެޅިފަ އިއިސްފިއެއްނު ބަކުރު ވީތަނެއްވެސް ބަލައިނުލާ.." ސަފިއްޔާއާއި ދިމާލަށް ދެލޯއަޅާލަމުން ނޫރުބީނާ ބުންޏެވެ.
"ބަލަ މަށަށް ކިހިނެއްތަ އެނގެނީ ބަކުރު ގެއަށް ނާންނަ ކަމެއް. އެހެން ނޫނަސް ބަކުރު މިހާރު އެއީ ތިގޮތަށް ހިފަހައްޓައިން ގެންގުޅޭވަރުގެ ކުޑަކުއްޖެއް ނޫންދޯ… ބަކުރު ދާހާ ތަނަކާ، އުޅެނީ ކާކާ އެކީ ކަމާ، ކުރަނީ ކޮންކަމެއްކަން އަހަރެމެން ކޮންމެހެން ބަލާކަށް ނުޖެހެއެއްނު. އަހަރެމެން ކޮންމެހެން އެކަންކަން ބަލަން ބަކުރު ފަހަތުން ފާރަލަމުން ދުވާކަށް އަހަރުންނަކަށް ނުޖެހޭނެ އެންނު.." ބަކުރު ފުރާފުރިހަމަ ފިރިހެނަކަށްވީނަމަވެސް ނޫރުބީނާ ބަކުރާއިމެދު ޢަމަލުތައް ބަހައްޓާގޮތުން ސަފިއްޔާހުރީ އެކަމާ ހިތްހަމަނުޖެހިފައެވެ.
"ބުނަން ސަފިއްޔާ.. މަގޭ ރުޅިއައިސް ހުއްޓާ އިތުރަށް ރުޅިއަރުވަން ނަހަދާ އިނގޭ… މަގޭ ބުނާ އެއްޗެއްސަށް ރައްދުނުދެއްޗޭ މީގެ ފަހުން. ދީފީޔާ މަގޭ އަތުގައި މިއޮތް ދޭފަތުގެ ހުރިވަރު ދައްކާލާނަން." ނޫރުބީނާ އޭނާ އަތުގައި އޮތް ދޭފަތް ދައްކާލަމުން ސަފިއްޔާއާއި ދިމާލަށް ބުންޏެވެ. ނޫރުބީނާ ދެއްކި ވާހަކައަށް ސަފިއްޔާ ރައްދު ދިނުމުން އެކަން ނޫރުބީނާއަށް ބަލައިގަނެވޭފަދަ ކަމަކަށް ނުވިއެވެ. ސަފިއްޔާ ގެއަށްއައީ ހިތްފުރޭވަރަށް އުފާހޯދައިގެން ނަމަވެސް ނޫރުބީނާ އޭނައާއި ދިމާލަށް ކުދިކިޔުމުން ސަފިއްޔާގެ މޫޑު އެކަށް ސަކަރާތްވިއެވެ.
"ދެންވެސް ދޭބަލަ ތިޔަ ގައިންތާހިރުވެގެން އަންނަން. ދުމަށިމަތީގައި ހުރި މަސްތައް ބަލާލަން".. ހަސަނުބެލީ އަވަހަށް ސަފިއްޔާ އެތަނުން ފޮނުވާލެވޭނޭ ގޮތެކެވެ.
— ނުނިމޭ —
ކުރިއަށް އޮތްބައި ވަރަށް އަވަހަށް ހިއްސާކޮށްލާނަން، އިން ޝާ ﷲ
ކުރީގެ އެޕިސޯޑް ކިޔާލަން: