29 އެޕްރީލް 2025

ރައީސް ޞާލިހް ނުގުޅޭނެ ކަމުގެ މޭރުމަކުން ރައީސް ނަޝީދުގެ މެސެޖެއް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްއާ އެކުގައި ކޯލިޝަން ނުހައްދަވާނެ ކަމުގެ މޭރުމަކުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޓްވީޓެއް ކުރައްވައިފިއެވެ.

ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ހަރުކަށި ފިކުރަށް ޖާގަދީ އަދި އެގޮތްތައް މިދިޔަ ފަސް އަހަރަށްވުރެ ވަކި ބޮޑަށް ތަންފީޒް ކުރާނެ ސަރުކާރެއް އަތުވެދާނެކަމުގެ ބިރުވެރިކަން އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވެފައިމިވަނީ، ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ހަރުކަށި ފިކުރެއްގެ ތެރެއަށް ގައުމު ގޮސްދާނެ ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 45.1 އިންސައްތަ ވޯޓުންނެވެ. ނުވަތަ 100،322 ވޯޓެވެ.

މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 38.2 ޕަސެންޓް ނުވަތަ 85،045 ވޯޓެވެ.

އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު