"ކިންގް މޭކާ"އަކަށް މިފަހަރު ނަޝީދު

ރާއްޖޭގައި ފެހި ޤާނޫނު އަސާސީގެ ދަށުން، ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ޑިމޮކްރެޓިކް ނިޒާމް ތަޢާރަފުވި ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުތަކުގައި، 2018 ފިޔަވައި ގިނަ ކެންޑިޑޭޓުން ވާދަކުރި ކޮންމެ ފަހަރެއްގައި ރިޔާސަތަކަށް ބޭފުޅަކު ކަނޑައެޅިފައިވަނީ ދެވަނަ ބުރަކަަށް ގޮސްގެންނެވެ. 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރު ބޭއްވި އިންތިޚާބުގައިވެސް ރައީސަކު ހޮވިގެން ދިޔައީ ދެވަނަ ބުރަށް ގޮސްގެންނެވެ. އެ ދެ ފަހަރުވެސް އިންތިޚާބު ކާމިޔާބު ކުރަން ކޯލިޝަންތަކެއް ހެދިގެން ދިޔައެވެ.

އެ ދެ އިންތިހާބުގައި ކާމިޔާބު ކުރި ކެންޑިޑޭޓުން ބައިޢަތު ހިފާފައިވަނީ ޖޭޕީގެ ލީޑަރ އަދި ފުރަތަމަ ބުރުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމްއާއެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ނުކުމެވަޑައިގެން 2008 ގައި ޤާސިމަށް ލިބިވަޑައިގަތީ 15.32 ޕަސެންޓް ވޯޓެވެ. 2008 ގައި ދެވަނަ ބުރުގައި، ޤާސިމު ކޯލިޝަން ހެއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުއާއެކުއެވެ. އަދި ދެވަނަ ބުރުގައި ރިޔާސީ އިންތިޚާބު ރައީސް ނަޝީދަށް ކާމިޔާބު ކުރެވުނީ، ޤާސިމުގެ ބޮޑު ޙިއްސާއެއް އޮވެގެންނެވެ.

2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާސިމަށް 23 އިންސައްތަ ވޯޓު ލިބިވަޑައިގަތެވެ. އަދި ދެވަނަ ބުރަށްފަހު ތިންވަނަ ބުރުގައި ޤާސިމް ތާޢީދު ކުރެއްވީ ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީންއަށެވެ. އެއަހަރު 3 ވަނަ ބުރެއް ބާއްވަން ޖެހުނު ސަބަބަކީ، ޤާސިމު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން، ފުރަތަމަ ބުރުގެ ބަދަލުގައި އަލުން ވޯޓެއް ނަގަންޖެހުމުންނެވެ.

2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު އެއްބުރުން ނިމިފައިވަނީ އޭރު ޕީޕީއެމް ސަރުކާރާ އިދިކޮޅަށް ތިބި ހުރިހާ ޕާޓީތައް، ރައީސް މައުމޫން ހިމެނޭހެން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދު ކުރެއްވުމުންނެވެ.

2008 ގެ ފަހުން، މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވީ މިއަހަރުގެ އިންތިހާބުގައެވެ.

2008 އާއި، 2013 އާއި 2018 ގެ "ކިންގމޭކާ" ކަމަށް ދައުވާ ކުރަމުން ވަޑައިގަންނަވާ، ޤާސިމް އިބްރާހީމަށް މި އިންތިޚާބުގައި ލިބިވަޑައިގަތީ ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އަދި އިންތިޚާބުން ތިންވަނަ ލިބިވަޑައިގެންފައިވަނީ، ދާދީ ފަހުން އެމްޑީޕީން ވަކިވެވަޑައިގެންނެވި ރައީސް ނަޝީދު އުފެއްދެވި "ޑިމޮކްރެސްޓް" ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. އެއީ އިންތިޚާބުން 7 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.

މި އިންތިޚާބުގައި ޤާސިމަށް ލިބިވަޑައިގެންނެވީ އެންމެ 2.55  އިންސައްތަ ވޯޓެވެ. އެހެންކަމުން، މި ނަތީޖާއިން ފެންނަ މަންޒަރަކީ، 2 ވަނަ ބުރުގައި ޤާސިމުގެ މާ ބޮޑު ޙިއްސާއެއް އޮތުން މުހިއްމު ނޫން ކަމެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ ހިންގެވި، ވަރުގަދަ އަދި ޙިކުމަތްތެރި ކެމްޕެއިނުގެ ސަބަބުން، ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ހަތް ޕަސެންޓް ވޯޓު،  15،000 ވޯޓު ލިބިވަޑައިގެންނެވުމުން، ދެވަނަ ބުރުގައި ކާމިޔާބު ކުރުމަށްޓަކައި، ދެ ވަނަ ބުރަށް ވަޑައިގެންނެވި ދެ ކެންޑިޑޭޓުން ކަމުގައިވާ މޭޔަރ މުޢިއްޒުއާއި ރައީސް ޞާލިޙް ދެން ވަޑައިގަންނަވަނީ، ރައީސް ނަޝީދުގެ ތާޢީދު ހޯއްދެވުމަށް ކަމަށް ބެލެވެއެެވެ. އެހެންކަމުން، ރައީސް ނަޝީދު ދެން ވެވަޑައިގަންނަވާނީ، ރިޔާސީ އިންތިޚާބުގެ މިފަހަރުގެ "ކިންގް މޭކާ" އަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު