ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހިގެން، އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އަނެއްކާވެސް މާދަމާއަށް އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ އެޖެންޑާގައިވަނީ، މާދަމާ އޮންނާނީ ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމުމެވެ. ނަޝީދުގެ މައްސަލަ 5.1 ނަމްބަރުގެ ގޮތުގައި ހިމަނާފައި އޮތީ އެންމެ ފުރަތަމަ ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އެއަށްފަހު ވޯޓަށް އަހަންޖެހޭ ކަންކަމަށް ވޯޓަށް އެހުމަށް އެޖެންޑާގައިވެއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލަތަކާއެކު ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރަން އެމްޑީޕީން ޖޫން ހަ ވަނަ ދުވަހު ހުށަހެޅީ 50 މެމްބަރުންގެ ސޮއި އާއެކުއެވެ. އޭރު ނަޝީދު ހުންނެވީ އެ ޕާޓީގެ ރައީސް ކަމުގަ އެވެ. ފަހުން އެމަނިކުފާނު ވަނީ އެމްޑީޕީ ދޫކޮށް އަލަށް އުފެއްދެވި ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފަ އެވެ.
އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 45.1 އިންސައްތަ ވޯޓުންނެވެ. ނުވަތަ 100،322 ވޯޓެވެ.
މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 38.2 ޕަސެންޓް ނުވަތަ 85،045 ވޯޓެވެ.
އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.
މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.
ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އެޖެންޑާ ކުރުމަކީ ސަރުކާރުން ކުރާކަމެއް ނޫން.. އެ މިޖިލިސް ރައީސްކުރާކަމެއް.. ހޭދެބައިވިޔަސް ބޮޑުވަަރު