ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާތީ، ވާދަވެރި ޕާޓީތަކުން އިދިކޮޅު ޕީޕީއެމް ކޯލިޝަނާ ގުޅުމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރޭ ދައުވަތު ދެއްވައިފިއެވެ.
އެމަނިކުފާނު ދަޢުވަތު ދެއްވާފައިވަނީ، އިންތިހާބުން ލިބުނު ކާމިޔާބީގެ އުފާ ފާޅުކޮށް ޝުކުރު އަދާކުރުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި ބޭއްވި "ޝުކުރިއްޔާ، ދިވެހިން" ރެލީގައި ވާހަކަ ދައްކަވަމުންނެވެ.

މި ރެލީގައި މުއިއްޒު ވަނީ ރައްޔިތުންގެ އިތުބާރާއި ފުރިހަމަ އެހީތެރިކަމާއި އެކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މައްޗަށް ކުރި ހޯއްދަވައި ދެވަނަ ބުރަށް ދެވިފައިވާތީ ހިތުގެ އަޑިން ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
އަދި މުއިއްޒު ވަނީ އިދިކޮޅު ޕާޓީތަކުން ވެސް ޤައުމުގެ ސިޔާދަތާއި ހަމަޖެހުން ދެމެހެއްޓުމަށް އަންނަ މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ކޯލިޝަނާ ގުޅުމަށް ދައުވަތު އަރުވާފައެވެ.
އެގޮތުން މުއިއްޒު ވަނީ ދިއްކޮށްލަނީ ރަހުމަތްތެރި ކަމުގެ އަތެއް ކަމަށާއި ގައުމު ދެކެ ލޯބިވާ ކޮންމެ ޕާޓީއެއް އެބޭފުޅުންނާއި އެކީ ވަޑައިގަންނަވަން ދައުވަތު އަރުވާފައެވެ.
"އަޅުގަނޑު އިސްކުރާނީ ރަހްމަތްތެރިކަމުގެ އަތް. އަޅުގަނޑު މި ދިއްކުރާ އަތުގަ އަޅުގަނޑު އެދެން ގައުމު ދެކެ ލޯބިވާ ހުރިހާ ސިޔާސީ ވެރިން ހިތްޕެވުމަށް. އަޅުގަނޑު މިދޭ ޔަގީން ކަމަކީ ގައުމު އިސްކޮށް، ގައުމުގެ މިނިވަން ކަމަށް އިހުތިރާމު އަދާ ކުރާ، ގައުމުގެ ތަރައްގީ ކުރިއަށް ގެންދިއުމުގަ އެއް ވިސްނުމަކަށް އަންނަ، ގައުމުގެ ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއްކަން ދެކޭ ކޮންމެ ސިޔާސީ ވެރިއަކަށ،ް ސިޔާސީ ޕާޓީއާއި އެކީގަ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނޭ" މުއިއްޒު ވިދާޅުވިއެވެ.
އެކީގައި ކުރިއަށް ވަޑައިގަތުމަށް އެހެން ޕާޓީތަކަށް ދައުވަތު ދެއްވަމުން މުޢިއްޒު ވިދާޅުވީ، މިއީ ގައުމު އިސްކުރަންވީ ވަގުތު ކަަމަށާއި، ދިވެހީންގެ ރާއްޖެއަށް ދިއުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް، ކޮންމެ ސިޔާސީ ވެރިއަކަށް، ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް ހަމަ އެންމެ ރަނގަޅު ގޮތް ކަމަަށެވެ.
މުއިއްޒު ވިދާޅުވީ، މިމަހުގެ 30 ވަނަ ދުވަހަކީ އިއްޔެ އެބޭފުޅުން އެންމެން ނިންމި ނިންމުމަށް ތަބާވެ، އަދި މުޅިން ހިޔާލު އެއްގޮތް ނުވި ބޭފުޅުން ވެސް ހިޔާލު އެއްގޮތް ކުރައްވާ އެދުވަހަކީ ދިވެހި ގައުމުގަ އެންމެން އެކައްޗެއް ކިޔާ، ދިވެހިންގެ ރާއްޖެއަށް ދިއުމަށް ނިންމާނެ ދުވަހެއް ކަމަށެވެ.
މި ރެލީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އިންތިހާބުގެ ކުރިން ލިބުނު މަދު ދުވަސްކޮޅުގައި ރަށްރަށަށް ވަޑައިގެން ދެއްކެވި ވާހަކަތަކާއި ވެދެއްވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީން ކަން ވެސް ރައްޔިތުންނަށް ދެއްވާފައެވެ.