ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ގެ މައްސަލަ އެމްޑީޕީ ޕާލިއަމެންޓްރީ ގްރޫޕުން އަނބުރާ ގެންދިޔަ ކަމެއް ނާންގާ ކަމަށާއި އެޖެންޑާގައި އޮތް ގޮތަށް މިއަދުގެ ޖަލްސާ އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ސަރުކާރަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމުން، ނަސީދުގެ ތާޢީދު ހޯއްދެވުމުގެ ގޮތުން، އެމްޑީޕީގެ ޕާލިއަމެންޓްރީ ގްރޫޕުން ވަނީ ނަޝީދު އާއި އީވާގެ މައްސަލަ އަނބުރާ ގެންދިއުމަށް ނިންމާފައެވެ.
މިއަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި، މަޖިލީހުގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު، ހަސަން ޒިޔާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ އެ މައްސަލަތައް ހުށަހެޅުއްވި އެމްޑީޕީން އަނބުރާގެންދިޔަކަން އަދި ރައްޔިތުންގެ މަޖިލީހަށް އަނގަވާފައި ނުވާ ކަމަށެވެ. އަދި މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އެޖެންޑާއާއި އެއްގޮތަށް މަޖިލީސް ކުރިއަށްދާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
"މާދަމާ (މިއަދު) އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލުޖުމްހޫރިއްޔާ ހަމަޖެއްސެވިނަމަވެސް، މާދަމާ (މިއަދު) މަޖިލީހުގެ ޖަލްސާ މިހާރު އާންމުކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް ކުރިއަށްދާނެ ވާހަކަވެސް ދަންނަވަން" ޒިޔާއު ވިދާޅުވިއެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު، އަދި ރައީސް ޞާލިހުގެ ރަނިންމޭޓް، މުހައްމަދު އަސްލަމް ރޭ ބައެއް މީޑިޔާތަކުން ސުވާލުކުރުމުން ވިދާޅުވީ، އެމައްސަލަތައް އަނބުރާ ގެންދިއުމަށް ނިންމާފައިވަނީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހު ހުރި ގޮތުން ކަންކަން އޮމާންކޮށް ގެންދިއުމަށް ބޭނުންވާތީ ޕީޖީ ގްރޫޕުގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.