Thursday, 18 April 2024

ސިފައިން ލައްވާ ދޮގު މަޢުލޫމާތު ނުފަތުރާ: ޕީޕީއެމް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ ބޮޑުތަނުން ބަލިވުމާއެކު، ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަން ހާމަކުރުމަށް ދިވެހި ސިފައިން ލައްވާ ދޮގު މަޢުލޫމާތު ފެތުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ޕީޕީއެމް ކޯލިޝަނުން ގޮވާލައްވައިފިއެވެ.

ޕީޕީއެމް ކޯލިޝަނުން މިރޭ ނެރުއްވި ބަޔާނެއްގައި ވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ދެއްކުމުގެ ގޮތުން ސަރުކާރުގެ ޕްރެޝަރާއެކު، އެކި ފަންތީގެ ދިވެހި ސިފައިންނާއި ޖެނެރަލުން ފެންވަރުގެ އޮފިސަރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން އެބޭކަލުން ލައްވާ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މަޢުލޫމާތު ފަތުރަން މަސައްކަތް ކުރާކަން އެކޯލިޝަނަށް ހާމަވެފައިވާ ކަމަށާއި، އަދި ސިފައިންނަށް މަޖުބޫރުކުރުވައިގެން ދޮގު މަޢުލޫމާތު ފެތުރުމަށް ސަރުކާރުން ކުރާ މަސައްކަތް އެކޯލިޝަނުން ކުށްވެރިކުރާ ކުރާ ކަމަށެވެ.
"ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި، އިންޑިއާ ސަރުކާރާއެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި، އަދި ރާއްޖޭގެ ކަންކަމަށް އިންޑިއާއިން ބަސް ބުނުމަށް ދިވެހިން ނުރުހޭކަން އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިންވެސް ހާމަވެއެވެ."

ޕީޕީއެމް ކޯލިޝަންގެ ބަޔާނުގައިވެއެވެ.

އިންތިޚާބުގައި ދިވެހީން ތިބި ގޮތް ހާމަވެ، ބޮޑުތަނުން އެމްޑީޕީ ބަލިވުމާއިއެކު އިންޑިއާ އާއި ސަރުކާރު ގުޅިގެން ކަމުގެ ޙަޤީޤަތް ދިވެހީންނަށް އޮޅުވާލުމަށް ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލާ ޙަޤީޤަތާއި ކުރިމަތިލުމަށް ގޮވާލާކަމަށާއި، ސިފައިންނަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ހުވާކުރައްވައިގެން ތިއްބެވި ބޭކަލުންކަމަށްވާއިރު، ސަރުކާރުން ބިރުދައްކާ ނުފޫޒު ފޯރުވައިގެން ހިންގަންއުޅޭ މިފަދަ ކަންކަމަށް އެއްބާރުލުން ނުދިނުމަށާއި ދިވެހި ޤައުމާއި ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ތެދުވުމަށް ގޮވާލާކަމަށް އެބަޔާނުގައި ޕީޕީއެމް ކޯލިޝަނުން ވިދާޅުވެއެވެ.
އުތުރު ތިލަފަޅާއި، ހައިޑްރޯގްރަފީއާއި ހެލިކޮޕްޓަރާއި ޑޯނިއަރ އެއްބަސްވުންތަކުގެ އަސްލު ޢާންމުކޮށް އަދި މާލެ، ހަނިމާދޫ، އައްޑު ސިޓީ އާއި އެނޫންވެސް ތަންތާގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ތަކުރާރުކޮށް އެ ކޯލިޝަނުން ވަނީ ގޮވާލައްވާފައެވެ. އަދި ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންނަށް ހޯދައިދިނުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 45.1 އިންސައްތަ ވޯޓުންނެވެ. ނުވަތަ 100،322 ވޯޓެވެ.

މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 38.2 ޕަސެންޓް ނުވަތަ 85،045 ވޯޓެވެ.

އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *