25 ޖަނަވަރީ 2025

ވޯޓުލީ މީހުންގެ އަދަދު މަދު، އަޅުގަނޑަށް ތާއީދުކުރާ ގިނަ ބަޔަކު ވޯޓުނުލާ: ރައީސް ޞާލިޙް

ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ އަދަދު މަދުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ވޯޓުލާން ނުދާ މީހުންގެ ތެރޭގައި އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކު ހިމެނޭ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖއެވެ.

ރައީސް ޞާލިހުގެ ކެމްޕޭނު ހަރަކާތްތެރިންނާ އެކު ދަނޑިކޮށި ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ވޯޓުލާން ނުދެވުނު ސަބަބުތައް ވަކިވަކި ފޮށިތަކަށް ބަލައިގެން ދެނެގަނެ، މިރެއިން ފެށިގެން އަނެއްކާވެސް ކެމްޕޭން ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން، އިރާދަކުރެއްވިއްޔާ، ބާކީ މި އޮތް 17 ދުވަހުގެ ތެރޭގައި މީތި މުޅިން އަނބުރާލާފައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ބޮޑު ތަފާތަކުން މި އިންތިހާބު ކާމިޔާބު ކުރެވޭނެ،"

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެމްޕޭނު ބައިވެރިންގެ މޫނުމަތިން އަދިވެސް ވަރުބަލިކަން ނުފެންނަ ކަމަށާއި ނަމަވެސް ވަކި ކަމެއް ހާސިލް ކުރަން ކުރާ މަސައްކަތެއް ކާމިޔާބުނުވުމަކީ މާޔޫސްވާނެ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފުރަތަމަ ބުރުން ނުކުތީ އެއްވެސް މީހަކު ބޭނުންވި ގޮތަށް ނޫން ކަމަށާއި އެއީ އިންތިހާބުތަކުގައި ބައެއް ފަހަރު ކަންހިނގާ ގޮތް ކަމަށެވެ.

ކެމްޕޭނު ޓީމުތަކާއެކު ރައީސް ޞާލިހު މިރޭ ބޭއްވެވި ބައްދަލުކުރެއްވުން (ފޮޓޯ/އެމްޑީޕީ)

"އަނެއްކާވެސް މި ފަށައިގަންނަނީ ބަދަލު ކުރަން ޖެހޭ ކަންތައް ދެނެގަނެގެން އަނެއްކާވެސް ފޯރި އާއި ޖޯޝާ އެކު،" އެމަނިކުފާނު ވިދާޅުވިއެވެ.

ފަހަތަށް ނުޖެހި އަނެއްކާވެސް އިންތިހާބު ކާމިޔާބު ކުރުމަށް ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރުމަށް ރައީސް ކެމްޕޭން ޓީމުތަކަށް އިލްތިމާސް ކުރެއްވިއެވެ.

އެމްޑީޕީ އިން އަބަދުވެސް ކެމްޕޭނު ކުރަނީ ވަރަށް ރޭވުންތެރިކަމާ އެކު ކަމަށާއި ކޮންމެ ރަށެއްގައި އަދިވެސް ޓީމުތައް އެގޮތުގައި ހުރި އިރު ބޭނުންވަނީ އެގޮތަށް މަސައްކަތް ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން  އިޢުލާންކުރެއްވި ވަގުތީ ނަތީޖާއިން ދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތަ ލިބިފައިނުވާތީ ދެވަނަބުރެއް ބާއްވަން ޖެހެއެވެ.
މި އިންތިޚާބުގެ ޞައްޙަ ވޯޓުގެ ޢަދަދަކީ 220651އެވެ. އަދި ބާޠިލު 4835 ވޯޓު ހިމެނެއެވެ. ބާޠިލުވެފައިވަނީ އިންތިޚާބުގައި ވޯޓުލުމަށް ނުކުތް މީހުންގެ ތެރެއިން %2.14 މީހުންގެ ވޯޓެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 46 އިންސައްތަ ވޯޓުންނެވެ. ނުވަތަ 101،635 ވޯޓެވެ.

މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 39 ޕަސެންޓް ނުވަތަ 86161 ވޯޓެވެ.

އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މިފަހަރުގެ އިންތިޚާބަކީ މީގެ ކުރީ ރިޔާސީ އިންތިޚާބުތަކާއި އަޅަބަލާއިރު ބާޠިލު ވޯޓު އެންމެ ގިނަ އިންތިޚާބެވެ.

1- ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު: 101635 ވޯޓު (%46)
2- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 86161 ވޯޓު (%39)
3- ދ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބް: 15839 ވޯޓު (%7)
4- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޢުމަރު ނަސީރު: 6343 ވޯޓު (%2)
5- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމް: 5460 ވޯޓު (%2)
6- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އަޙްމަދު ފާރިސް މައުމޫން: 2979 ވޯޓު (%1)
7- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: 1907 ވޯޓު (%0.86)
8- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލު: 327 ވޯޓު (%0.15)

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތާއީދުކުރާނަމަ ވޯޓުލާން ގޮސް، ވޯޓުލާ ހޮވަން މަސައްކަތްކުރާނެ. ނުދިޔައީ ތާއީދުނުކުރާތީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު