Saturday, 15 June 2024

ނިޒާމީ ވޯޓެއް ނެގުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ބެލުމަށްޓަކައި ވޯޓެއް ނެގުމަށް ރައްޔިތުން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

އެ ޤަރާރު މިއަދު ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އެ ޤަރާރުގެ ތަޢާރަފް، މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހަށް އިއްވާފައެވެ. އެ ޤަރާރުގައިވަނީ، ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިންނެވެ.

2008 ގައި ތަސްދީގުކުރެވުނު ޤާނޫނު އަސާސީއަށް 15 އަހަރުވެފައިވާއިރު އެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކަށް ބެލިކަމުގައި ވީ ނަމަވެސް އެއިން ކޮންމެ އިންތިހާބެއްވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ އެއިރެއްގެ ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އޭނާ ވެރިކަމުން ބާލައި ވެރިކަން ބަދަލުކުރުމަށް ކަމަށް ޤަރާރު އިއްވަމުން އިލްޔާސް ވިދާޅުވެފައިވެއެވެ.

ކޮންމެ އިންތިހާބަކާ ހަމައަށް އަންނައިރު ކޮންމެވެސް ބަޔަކު ސިޔާސީގޮތުން ބަންދުގައި ތިބޭކަމުން އެ ބައެއްގެ ސަޕޯޓަރުންނާއި އެ ބަޔަކަށް ނިސްބަތްވާ ޕާޓީތަކުންގެ ސަޕޯޓަރުން އަބަދުވެސް މަސައްކަތްކުރަން ޖެހިފައިވަނީ އަދި ވޯޓުލާންޖެހިފައިވަނީ އެ ބަޔަކު މިނިވަންކުރުމުގެ މަޤްޞަދުގައި ކަމަށާއި، ރައީސް ކަމަށް މީހަކު އިންތިހާބުވާނީ ވޯޓުދިން މީހުންގެ 50 ޕަސަންޓަށްވުރެ ގިނަ ވޯޓު އެ މީހަކަށް ލިބިގެން ކަމަށްވާއިރު، މިހާތަނަށް ރިޔާސީ އިިންތިހާބަށް ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން 50 ޕަސަންޓަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާ އެއްބަސްވުންތައް ހެދުމާއި ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި ގައުމަށް ގެންނަންޖެހޭ ތަރައްގީ އާއި ދިިމިގުރާތީ ނިޒާމެއްގައި މަސައްކަތްކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތް ކުރަމުން އައިސްފައިނުވާ ކަމަށާއި، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ޤާނޫނު ހެދުމުގެ އާންމު ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންތައްތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބޭކަމަށެވެ.

2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނެގުނު ރައްޔިތުން ހިޔާލު ހޯދުމުގެ އާންމު ވޯޓުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ވަނީ ފާސްވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އިލްޔާސް މެން ވެރިކަމަށް އަނަން އުޅުނީ ނިޒާމު ބަދަލު ނުކުރެވިގެން ވަކި މީހަކަށް ބޮޑު ވަޒީރުކަން ނުދެވިގެން ކަން މިހާރު އެދަނީ ރައްޔިތުންނަށް ކަޝަވަރު ވަމުން. ވެރިކަން ލިބުނު ނަމަ ކިހާވަރެއް ވާނެބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު