7 ފެބުރުވަރީ 2025

ޞަޙާބީ ބޭކަލުންނާއި ސަލަފުންގެ ބޭކަލުން ޖަމާޢަތުގެ ނަމާދަށް ބެހެއްޓެވި އަހައްމިއްޔަތު

ނަމާދަށް ރައްކާތެރިވެ، ނަމާދަށް އަވަހަށް މިސްކިތަށް ދިއުމަށް ހިއްވަރު ލިބޭ އެތަކެއް މިޘާލެއް އެތަކެއް ނަމޫނާއެއް ސަލަފުއްޞާލިޙުންގެ ޙަޔާތަށް ބަލައިލުމުން އަޅުގަނޑުމެންނަށް ފެނިގެންދެއެވެ.

އެގޮތުން:

  • ޢަދިއްޔު ބުން ޙާތިމް رَضِيَ اللهُ عَنْهُ ވިދާޅުވެފައިވެއެވެ: "ތިމަންކަލޭގެފާނު އެ ނަމާދަކަށް ޝައުޤުވެރިކަމާއެކު އިންތިޒާރު ކުރާ ޙާލުގައި ހުއްޓާ މެނުވީ އެއްވެސް ނަމާދު ވަގުތެއް ނުވަދެއެވެ. އަދި ތިމަންކަލޭގެފާނު އިސްލާމްވީއްސުރެ، ވުޟޫ މަތީގައި ހުއްޓައިމެނުވީ ބަންގި ގޮވާ މީހާ ބަންގި ނުގޮވައެވެ."
  • ސަޢީދު ބުން މުސައްޔިބު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ: "ވޭތުވެދިޔަ ތިރީސް އަހަރު ތިމަންކަލޭގެފާނު މިސްކިތުގައި ހުއްޓައި މެނުވީ، ބަންގި ގޮވާ މީހާ ބަންގި ނުގޮވައެވެ. އަދި ވޭތުވެ ދިޔަ ސާޅީސް އަހަރު ތިމަންކަލޭގެފާނު ޖަމާޢަތުގެ ނަމާދު ނާޅަމެވެ."
  • އަޙުމަދު ބިން ޢިމްރާން رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ: "މުޙައްމަދު ބުނުއް ތަމީމީ ވިދާޅުވިއެވެ: ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ތިމަންކަލޭގެފާނު ތަކްބީރަތުލް އިޙްރާމްނާޅަމެވެ. އެންމެ ދުވަހެއް ފިޔަވައެވެ. އެއީ ތިމަންކަލޭގެފާނުގެ މަންމަ ނިޔާވި ދުވަހެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި ތިމަންކަލޭގެފާނު އިތުރަށް 25 ނަމާދުކުރީމެވެ."
  • މުޙައްމަދު ބިން މުބާރަކު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ: "ސަޢީދު ބުން ޢަބްދުލް ޢަޒީޒަށް ޖަމާޢަތުގެ ނަމާދު އެޅިއްޖެނަމަ ކީރިތި ކުރައްވާކަމުގައިވެއެވެ." އެއީ ޖަމާޢަތުގައި ނަމާދު ކުރުމުން ލިބޭ ޘަވާބާއި ދަރުމައިން އެކަލޭގެފާނު މަޙްރޫމުވެގެން ދިޔައީތީއެވެ.

ބަޔާންވެދިޔަ ސަލަފުންގެ ވާހަކަތަކާއި ގުޅޭގޮތުން އިމާމް ޛަހަބީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ: "ހެޔޮކަންކަމަށް އަވަސްވެގަތުމުގައި ސަލަފުއްޞާލިހުންގެ ޙާލު ހުރި ގޮތަކީ މިއީއެވެ."

އެހެންކަމުން، އެންމެ ހެޔޮ ސަލަފުއްޞާލިޙުންގެ ބޭކަލުން ޖަމާޢަތުގެ ނަމާދަށް އަދި އެ ނަމާދުގެ ފުރަތަމަ ތަކުބީރުގައި ބައިވެރިވެވަޑައިގަތުމަށް މިހާބޮޑު އަހައްމިއްޔަތެއް ދެއްވާފައިވުމުންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ ނަމާދުގެ މުހިންމުކަމާއި ޖަމާޢަތުގެ ނަމާދުގެ މާތްކަމާއި މަތިވެރިކަމެވެ.

ވީމާ އަޅުގަނޑުމެންވެސް އެ ބޭކަލުން ނަމޫނާއަކަށް ބަލައި، ފަރުޟު ފަސް ނަމާދުގެ ޖަމާޢަތަށް މިފަދަ އަހައްމިއްޔަތެއް ދިނުމަށް ޢަޒުމް ކަނޑައަޅަންވާނެއެވެ.

 

•••✧•✧•✧•✧•✧•✧•✧•✧•••

އެޑިޓަރުގެ ނޯޓް:

މި ލިޔުމަކީ، މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެއް ކަމަށްވާ pathwaymv ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން "ފިޔަ އޮންލައިން" ގައި ޝާއިޢުކޮށްފައި މިވަނީ އެ ޗެނަލްގެ ހުއްދައާއެކުގައެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

https://t.me/pathway_mv

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު