ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރަކަށް އަލީ އާޒިމް

ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރަކަށް، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިޚާބުކޮށްފިއެވެ.

ޑޮމޮރެޓުންގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރަކަށް އަލީ އާޒިމް އިންތިޚާބުކުރީ، މިއަދު ބޭއްވި އެޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ އިންތިޚާބުގައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 13 މެމްބަރަކަށް ލިބިވަޑައިގަންނަވާއިރު، ވޯޓުގައި ބައިވެރިވެވަޑައިގަތީ 11 މެމްބަރެކެވެ. މި އިންތިޚާބުގައި ލާފައިވަނީ ފެންނަނުފެންނަ ވޯޓެކެވެ.

އަދި ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރުއާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ.

އެ ޕާޓީގެ ޕީޖީ ގުރޫޕުގެ އަމީންއާއްމުގެ ގޮތުގައި އިންތިޚާބުކޮށްފައިވަނީ މަޖިލީހުގެ އުނގޫފާރު ދާއިރާ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑޭ) އެވެ. ޑިމޮކްރެޓުންގެ ޕީޖީ ގުރޫޕުގެ ވިޕުގެ ގޮތުގައި އިންތިޚާބުކުރީ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބޯދިގު) އެވެ.

ޑިމޮކްރެޓްސް އަކީ މިހާރު ވެރިކަން ހިންގާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އާއި، ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ޕާޓީގެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އޭރު ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި، ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ސިޔާސީ ޕާޓީއެކެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދާއި އެމަނިކުފާނަށް ވަފާތެރި މަޖިލިސް މެމްބަރުންތަކެއް އިސްވެ ތިއްބަވައި، އެމްޑީޕީގެ ތެރެއިން އުފެއްދި ފިކުރެއްގެ ދިރުން ހަރަކާތުން ކުރިފަޅައި އުފެއްދި ދަ ޑިމޮކްރެޓްސް، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ 13 މެމްބަރުންނެވެ. އެ ޕާޓީއަކީ މިވަގުތު މަޖިލީހުގައި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު