11 ފެބުރުވަރީ 2026

މުއިއްޒުގެ ވެރިކަމެއްގައި، ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް މީޑިޔާތަކަށް

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ވަކި އިންސައްތައެއް ދޭގޮތަށް ހުށަހަޅުއްވާނެ ކަމަށް އިިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، މީޑިއާއަކީ ޑިމޮކްރަސީ ވަރުގަދަ ކުރުމުގައި އެންމެ މުހިންމު އެއް ފަރާތްކަމަށެވެ. އަދި ސަރުކާރެއް ޖަވާބުދާރީ ކުރުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކަމަށެވެ. މީޑިއާއަކީ ހަގީގަތުގައި ވެސް ޑިމޮކްރަސީގެ ހަތަރުވަނަ ތަނބު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް މިހާރު ނޫސްވެރިކަމުގެ ދާއިރާ އަޅުވެތި ކޮށްފައިވާ ކަމަށާއި ނޫސްވެރިންނަށް ތަމްރީން ދިނުމުގެ ފުރުސަތު ވެސް ނޯންނަ ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.  މިހާރު ސަރުކާރުގެ ކޮންމެ ވެސް ކުންފުންޏަކުން ބައެއް ފަހަރު އަދި ރައީސް އޮފީހުން ބައެއް ފަހަރު ފައިސާ ދޭ ވާހަކަ އަޑުއިވޭކަމަށް މުއިއްޒު ވިދާޅުވިއެވެ. 

"މިހާރު ނޫސްވެރިކަމުގައި ދާއިރާ އަޅުވެތިކުރެވިފައި މި އޮންނަނީ. ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން ބައެއް ފަހަރު ފައިސާ ދޭ ވާހަކައަޑު އިވޭ. މިހާރު ރައީސް އޮފީހުން ފައިސާ ދޭ ވާހަކަ ވެސް އަޑުއިވޭ. އެގޮތަަށް އެކަންވީމަ، ސަރުކާރުގެ ބާރުގެ ތެރޭގައި ނޫސްވެރިކަމަށް ނުފޫޒު ފޯރުވާ ގޮތަށް އޮތީމަ ކުރިއަށް ނާރަ." މުއިއްޒު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން މިހާރު ސީޔާސީ ޕާޓީތަކަށް ވަކި އިންސައްތައެއް ދޭ ގޮތަށް އޮންނައިރު، ގާނޫނަށް ބަދަލު ގެނެސްގެން އެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށާއި ނޫސްވެރިކަމުގެ މަސައްކަތް ކުރާ އެކި ފަރާތްތަކަށް ފައިދާވާ ގޮތަށް ދިނުމަށް ހުށަހަޅާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ދައުލަތުގެ ބަޖެޓުން މިހާރު ސިޔާސި ޕާޓީތަކަށް ވަކި އިންސައްތައެއްދޭ ގޮތަށް މި އޮންނަނީ. އެހެންވީމަ ގާނޫނަށް ބަދަލު ގެނެސްގެން އޮންނަ އުސޫލަކަށް ބަދަލު ގެނެސްގެން ދައުލަގެ ބަޖެޓުން ވަކި އިންސައްތައެއް އެއީ ނޫސްވެރިކަމުގެ ތެރޭގައި މަސައްކަތްކުރާ އެކި ކަހަލަ މީޑިއާ ތަކަށާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި ފަރާތްތަކަށް ފައިދާވާގޮތަށް ދިނުމަށް ހުށަހަޅާނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭރުން މިނިވަންކަމާއެކު ނޫސްވެރިކަމުގެ ދާއިރާ ތަރައްގީވެގެންދާތަން ފެންނާނެ ކަމަށެވެ. އެއްވެސް ފަރާތެއްގެ ނުފޫޒު ނުހިނގާ ހުިރހާ ރައްޔިތުންގެ އެހީތެރިކަމުގެ ހިނގާ ކުރިއަރައިގެން ދާނެ ދާއިރާއަކަށް ނޫސްވެރިކަން ވެގެންދާނެ ކަމަށެވެ.

ކަންކަން ވާނީ ވަކި އޮފީހަކުން ވަކި ކުންފުންޏަކުން އެއްޗެއް ދިނީމަ ކަމަށް ބުނާނެ ޖާގައެއް ނެތި ނޫސްވެރިކަމުގެ ދާއިރާ ކުރިއަރާ މީޑިއާ ވަރުގަދަވެ ދެފުށް ފެންނަ ޗެއިން ބެލެންސް ނިޒާމެއް މި ގައުމުގައި ގާއިމްކުރުމަށް ބޮޑު އެހީތެރިކަމެއް ދޭ ބަޔަކަށް ނޫސްވެރިންކަން ވެގެންދާތަން އޭރުން ފެންނާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު