މުޢިއްޒު ދަމަހައްޓަވާނީ މެދުމިން ކަމުގެ ދީނީ ހަމަތައް: ޑރ. ޝަހީމް

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބު ކުރެވިއްޖެނަމަ މެދުމިންކަމުގައިވާ އިސްލާމީ ހަމަތަކާ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޤާއިމްކުރުމަށް ހަރުދަނާ ސްޓްރެޓަޖީއެއްގެ ދަށުން އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޑރ. މުއިއްޒުގެ ކެމްޕޭނަށް އއ. ފެރިދޫއަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ. ޝަހީމް ވިދާޅުވީ، މުއިއްޒުއާ ގުޅުވައިގެން ހަރުކަށި ފިކުރުގެ ވާހަކަ ސަރުކާރުން ދައްކަނީ އެންޓި ކެމްޕޭންގެ ގޮތުގައި ކަމަށެވެ.

"ބައްލަވާ މި އަތޮޅާ ކައިރީގަ އޮތް ރަށެއްގަ ހިނގާދިޔަ ދީނީ ހަމަނުޖެހުންތަކާ އެކިއެކި ހިޔާލު ތަފާތުވުމުގެ ސަބަބުން އެރަށުގެ ތެރޭގަ އުފެދުނު އިޖްތިމާއީ ނުރައްކާތެރި ކަންތައްތައް ހައްލުކުރީ ކޮންބައެއްތޯ؟ އާދެ، ރައީސް ޔާމީންގެ ސަރުކާރުން، ދީނީ ގޮތުން ހައްލުކޮށް އެއްބައިވަންތަކަން ގާއިމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން މިއަދު މުއިއްޒު އަރިހުގަ މި ތިބީ، އާދެ އެއީ އަޅުގަނޑުމެން"

ޝަހީމް ވިދާޅުވިއެވެ.

މާލޭގައިވެސް ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި، ތަފާތު ފިކުރުތަކުން މުޖްތަމަޢު އޮތީ ބައިބައިވެފައި ކަމަށާއި، ނަަމަވެސް އެކަން ހައްލުކުރި މީހުން މުއިއްޒު އަރިހުގައި މިހާރުވެސް އެބަ ތިބި ކަމަށް ޝަހީމް ވިދާޅުވިއެވެ. މިހާރު ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ މިސްކިތްތަކެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައެއް ނުހުންނާނެ ކަމަށާއި އެކަންކަން ހައްލުކުރި ކުރީގެ ސަރުކާރުން ކަން ފަހުރުވެރިކަމާއެކު ވިދާޅުވާން ކެރޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެހެންވެ، މެދުމިންކަމުގައިވާ އިސްލާމީ ހަމަތަކާ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމްކުރުމަށް ހަރުދަނާ ސްޓްރެޓަޖީއެއްގެ ދަށުން ޑރ. މުއިއްޒު މަސައްކަތް ކުރައްވާނެ ވާހަކަ އެމަނިކުފާނު މެނިފެސްޓޯގައި ބަޔާންކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ، ޑރ. މުއިއްޒު އިންތިޚާބު ކޮށްދެއްވުމަށް ޑރ.ޝަހީމް އެދިވަޑައިގަތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު