11 ފެބުރުވަރީ 2026

ހިޔާ ފްލެޓްގެ ކުލި 5،600 އަށް ކުޑަކޮށްދޭނަން: މުޢިއްޒު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ކުލި 5،600 އަށް ކުޑަކޮށްދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ، މިސަރުކާރުން ހިޔާ ފްލެޓްގެ ކުލި ކުޑަކުރާ ވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެކަމެއް ވެސް ނުފެންނަ ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީން ނިންމާފައިވާ ގޮތަށް ހިޔާ ފްލެޓްގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ނިންމަވާފައިވާ ގޮތަށް 5،600ރ. އަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުޑަ ކޮށްދޭނަމޭ. ދެން ކޮންމެ ޓަވަރެއްގައި އިރާދަކުރެއްވިއްޔާ އިތުރު އެއް ލިފްޓް ބަހައްޓައިދޭނަން." ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ކުލީގެ ގޮތުގައި ދައްކަމުން އައީ 7،500ރ. އެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،000ރ. އާ އެކު، ޖުމްލަ މަހެއްގެ މައްޗަށް 8،500ރ. ދެއްކިއެވެ. ނަމަވެސް މިދިޔަ މެއި މަހުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރަށް ހިޔާގައި ދިރިއުޅޭ މީހުން މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1،000ރ. އާއެކު ޖުމްލަ 6،300ރ. ދައްކަން ޖެހޭ ގޮތަށް ސަރުކާރުން ވަނީ ފްލެޓުތަކުގެ ކުއްޔަށް ބަދަލު ގެނެސްފައެވެ.

ހަތް އަހަރު ފަހުން، މިހާރު ވެސް ކުލި ދައްކާ ގޮތަށް މެއިންޓަނަންސް ފީގެ ގޮތުގައި ދައްކާ 1،000ރ. އާ އެކު، މަހަކު 8،500ރ. ދައްކަން ޖެހޭނެއެވެ. މިއާ އެކު، ފްލެޓަށް ލޯންގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުރިން 25 އަހަރަށް ބަހާލާފައި އޮތް ނަމަވެސް، މިހާރު އެ މުއްދަތު ވަނީ 27 އަހަރަށް ބަހާލައިފައެވެ. މިކަމާއި ގުޅިގެން އެތަނުގައި ދިރިއުޅެ ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންނާއި މިއަދު ހަވީރު ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ، މިސަރުކާރުން ވެރިކަމާއި ހަވާލުވެ މަސައްކަތް ކުރީ ހިޔާ ފްލެޓްތައް ތަޅާލަން ކަމަށެވެ. ނަމަވެސް އެކަން ނުކުރެވުމުން އެތަންތަން ހަވާލު ކުރަން ނިންމީ ވަރަށް އިހާނެތިކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން މީގެ ކުރިން ނިންމާފައިވަނީ އޮތީ ފަސް ޑިޒައިނެއް ރައްޔިތުންނަށް ދީފައި، އެރައްޔިތުން ބޭނުންވާ ޑިޒައިނެއް ހިޔާރު ކުރުމުން އެޗްޑީސީގެ އަމިއްލަ ހަރަދުގައި ލޯނެއް ނަގައިގެން ހަދައިދޭ ގޮތަށް ކަމަށެވެ. އެހެން ކަމުން އަލުން އެކަމަށް ރުޖޫއަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު