16 ފެބުރުވަރީ 2025

އިންތިޚާބު ބޯމަތިވުމުން، މިފްކޯއަށް މަސް ގަންނަ އަގު 25ރ. އަށް ބޮޑުކޮށްފި

މި ހިނގާ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަ ތަން ވެފައިވަނިކޮށް، މަސްވެރިން އަތުން މަސް ކިލޯއެއް ގަންނަ އަގު މާދަމާ އިން ފެށިގެން 25ރ. އަށް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ހާމަކުރައްވައިފިއެވެ.

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާތައް ފެށިގެން ކުރިއަށްދާއިރު، ރާއްޖެއިން ޔޫރަޕުގެ ގައުމުތަކަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލެވޭނެ މަގެއް ހޯދައި އެކަމާ ގުޅޭ ގޮތުން ރާއްޖެ އާއި އީޔޫއާ ދެމެދު ޖޫން މަހުން ފެށިގެން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރެވޭނެ މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ،

ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބުމާއި އައިސް ލިބުމުގައި ދަތިތައް ކުރިމަތިވުމާއި ބާނާ މަސް ކިރޭނެ ކެޕޭސިޓީ ރާއްޖޭގައި ނެތުމަކީ މަސްވެރިންގެ ފަރާތުން އާންމުކޮށް އިވޭ ޝަކުވާތަކެކެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެކި ކެންޑިޑޭޓުން ތަކުރާރު ކުރައްވާފައިވާ ވައުދެކެވެ. ދެވަނަ ބުރުގައި ރައީސް ޞާލިހާ ވާދަކުރައްވާ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކިލޯއެއް ދަށްވެގެން 20ރ. އަށް ހަދާނެ ކަމަށެވެ.

ދިވެހިރާއްޖެއިން މަސް ބޭރުކުރާ އެންމެ ބޮޑު ދެ މާކެޓު ކަމަށްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތުން މަހަށް ނަގަމުންދާ ޑިއުޓީ ކަނޑާލަން ނިންމައި އެ ގައުމުތަކުން އެކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު