ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޖޭޕީގެ ނައިބު ލީޑަރ ރިޔާސީ އިންތިޚާބުގައި ވޯޓު ނުލައްވާއިރު، އިއްޔެ އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލު ބައްދަލުވުމަށްވެސް އެކަމަނާ ޙާޟިރުވެވަޑައި ނުގަންނަވައެެވެ.
މިކަންކަމާ ގުޅިގެން ސުވާލުކުރެއްވުމުން، ޤާސިމު ވިދާޅުވެފައިވަނީ އައިޝަތު ނަހުލާއަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށާ އެކަމަނާ އަޅާ ކޮންމެ ފިޔަވަޅަކަށް ފާރަލައިގެން ބެލުމުގެ ޝައުގުވެރިކަން ނެތް ކަމަށެވެ.
އިއްޔެ ބޭއްވުނު ކައުންސިލު ބައްދަލުވުމަކީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް ބޭއްވި ބައްދަލްވުމެކެވެ.
ރިޔާސީ އިންތިހާބުގައި ޤާސިމަށް ތާއީދު ހޯދަން ނަހުލާ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރައްވާފައިވީނަމަވެސް އިންތިހާބުގައި އެކަމަނާ ވޯޓެއް ނުލައްވައެވެ. މިއާއެކު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލްވުމުގައި ވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އެކަމާއި ގުޅޭގޮތުން ޤާސިމަށް އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ އަތްބަކަށް ވީތީ ދަރިއަކަށް ވީތީ ވަކި ކަމެއް ކުރުން ލާޒިމު ނޫން ކަމަށާއި، އެމަނިކުފާނުގެ ހުރިހާ ވެސް ޝައުގެއް އޮތީ އިސްލާހީ މަސައްކަތަށް ކަަމަށެވެ. ޤާސިމް އިތުރަށް ވިދާޅުވީ، އަތްބަކަށް ވިޔަސް ނަހުލާއަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަަށެވެ.
ޤާސިމު ވިދާޅުވީ، އިންތިހާބުގައި ވޯޓް ނުލެއްވި ސަބަބާއި މިއަދުގެ ކައުންސިލް ބައްދަލްވުމުގައި ބައިވެރިވެވަޑައިނުގެންނެވި ސަބަބު އެނގިވަޑައިގަންނަވާނީ އެކަމަނާއަށް ކަމަށެވެ. އަދި ޤާސިމް އެދިވަޑައިގަތީ، އެ ސުވާލުތައް ނަހުލާއާ ކުރެއްވުމަށެވެ.
"އޭނާއަކީ [ނަހުލާއަކީ] މިނިވަނެއް. އަޅުގަނޑުގެ އިންޓްރެސްޓެއް ނެތް އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ބަލާ ފާރަލައިގެން އުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އޭނާގެ އަމިއްލަ އިހްތިޔާރުގަައި އޮންނާނީ އެބޭފުޅާ ކަންތައް ކުރައްވާ ގޮތެއް،"
ޤާސިމު ވިދާޅުވިއެވެ.
މި އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހާ ހަމައަށް ނަހުލާއަށް އެ މަޤާމުތަކުގައި ހުންނެވުމުގެ ޙައްޤު އޮންނާނެ ކަމަށްވެސް ޤާސިމު ވިދާޅުވިއެވެ.
އިއްޔެގެ ކައުންސިލު ޖަލްސާގައި، އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނުހެދުމަށް ނިންމި ސަބަބާ ގުޅޭ ގޮތުން ޤާސިމް ވިދާޅުވީ، އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ނިންމެވީ، ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ ވެސް ޖޭޕީގެ ތާއީދު އޮވެގެން އިންތިހާބުވެވަޑައިގެންނެވި ބޭފުޅެއް ކަމަށް އާންމުން ބުނުމުގެ ފުރުސަތު ދޭން ބޭނުން ނުވާތީ ކަމަށެވެ. އެގޮތަށް ކަންކަން ކުރުމުން ރައްޔިތުންގެ ތާއީދު ޖޭޕީއަށް ކުޑަވިކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، ސިޔާސީ މައިދާނުގައި ދެން "މާ ބޮޑު މީހަކަށް" ހެދިގެން އުޅެން ބޭނުން ނުވާ ކަމަށެވެ.
ޤާސިމު ކެމްޕެއިން ކުރައްވަމުން ގެންދެވި އިރު ވެސް ގާސިމް ވިދާޅުވަމުން ގެންދެވި މައިގަނޑު ވާހަކައަކީ، އެމްޑީޕީ އާއި ޕީޕީއެމްއަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވިފައިވާތީ ހިތާމަ ކުރައްވާ ކަމަށާއި، ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމަށް ފަހު ޖޭޕީ ނިކަމެތިކޮށް ބާކީ ކޮށްލާ ކަމަށާއި ރައްޔިތުންނަށް ހަރާންކޯރުވާ ކަމަށެވެ.
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ޖޭޕީގެ ފަރާތުން ވާދަކުރެއްވި ގާސިމަށް ލިބިވަޑައިގެންނެވީ 5،000 އެއްހާ ވޯޓެވެ. މިއީ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ލިބިވަޑައިގެން ވޯޓަށް ވުރެ ވެސް މަދު މިންވަރެކެވެ.
ޕީޕީއެމް އިން 2013 ވަނަ އަހަރު އިންތިހާބު ކާމިޔާބު ކުރިއިރު ވެސް ގާސިމަކީ ކޯލިޝަންގެ ބައިވެރި އެކެވެ. އަދި ޖެހިގެން އައި 2018 ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ ވެސް ޖޭޕީ ހިމެނޭ ކޯލިޝަނަކުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރެއްވި ވަގުތީ ނަތީޖާއިން ދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތަ ލިބިފައިނުވާތީ ދެވަނަބުރެއް ބާއްވަން ޖެހެއެވެ.
މި އިންތިޚާބުގެ ޞައްޙަ ވޯޓުގެ ޢަދަދަކީ 220651 އެވެ. އަދި ބާޠިލު 4835 ވޯޓު ހިމެނެއެވެ. ބާޠިލުވެފައިވަނީ އިންތިޚާބުގައި ވޯޓުލުމަށް ނުކުތް މީހުންގެ ތެރެއިން %2.14 މީހުންގެ ވޯޓެވެ.
އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 46 އިންސައްތަ ވޯޓުންނެވެ. ނުވަތަ 101،635 ވޯޓެވެ.
މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 39 ޕަސެންޓް ނުވަތަ 86161 ވޯޓެވެ.
އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.
މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.
ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މިފަހަރުގެ އިންތިޚާބަކީ މީގެ ކުރީ ރިޔާސީ އިންތިޚާބުތަކާއި އަޅަބަލާއިރު ބާޠިލު ވޯޓު އެންމެ ގިނަ އިންތިޚާބެވެ.
1- ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު: 101635 ވޯޓު (%46)
2- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 86161 ވޯޓު (%39)
3- ދ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބް: 15839 ވޯޓު (%7)
4- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޢުމަރު ނަސީރު: 6343 ވޯޓު (%2)
5- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމް: 5460 ވޯޓު (%2)
6- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އަޙްމަދު ފާރިސް މައުމޫން: 2979 ވޯޓު (%1)
7- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: 1907 ވޯޓު (%0.86)
8- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލު: 327 ވޯޓު (%0.15)