ވައްޓަފާޅިއަަށް ބަދަލުގެނެސް، ދެވަނަ ބުރަށް މިނިކުންނަނީ ބުންވަރު ހުރި މީހުން ކުރިއަށް ނެރެގެން: ރައީސް ޞާލިޙް

30 ސެޕްޓެންބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނިކުންނަވަނީ ބުންވަރު ހުރި މީހުން ކުރިއަށް ނެރެގެން ކަމަށާއި ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރޭ ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން އިވެންްޓުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ހާފްއަށް ފަހު ކުޅުންތެރިންގެ ވައްޓަފާޅިއަށް ވެސް ބަދަލުތައް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި ބުންވަރު ހުރި މީހުން ކުރިއަށް ނެރެފައިވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

"މިހާރު މިދަނީ އެޓޭކް މޯޑުގައި. އިރާދަ ކުރެއްވިއްޔާ ގޯލު ދެން ޖަހާނީ، ގޯލަކަށް ފަހު ގޯލެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެންނެވީ މެޗަކަށް ކަމަށާއި އަދި ފުރަތަމަ ހާފް ނިމިއްޖެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުމެއް ނޫން ކަމަށެވެ.

"ބައެއް ފަހަރު ފުރަތަމަ ހާފް ހަތަރު ލަނޑު އެއް ލަނޑުން ތިން ލަނޑު އެއް ލަނޑުން އެއް ބަޔަކު މޮޅުވޭ. އަނެއް ބަޔަކު ބަލިވޭ. އަޅުގަނޑުމެން މިއަދު މިތިބީ ތިނެއް އެކެއްގެ ތަފާތުން. އިރާދަކުރެއްވިއްޔާ ދެވަނަ ހާފްގައި ނުކުމެ ދެވަނަ ހާފްގައި ނުކުމެ އިތުރަށް ޖަހާ ފަސް ލަނޑު ޖަހާ ކާމިޔާބު ކުރާނަން" ރައީސް ވިދާޅުވިއެވެ.

އަދި ފުރަތަމަ ބުރުގައި ރީ ރަޖިސްޓްރީ ނުކެރެވި ރަނގަޅަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ނުދާ ކަމަށް ވިދާޅުވެ، ރީ ރަޖިސްޓްރީކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދަން ރައީސް އިލްތިމާސް ކުރެއްވިއެވެ.

Image

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމު އިބްރާހީމްއާއެކު ކޯލިޝަން ހެއްދެވުމަށް ރައީސް ޞާލިޙް ކުރެއްވި މަސައްކަތްޕުޅު ވަނީ ނާކާމިޔާބު ވެވަޑައިގެންފައެވެ.

ޤާސިމު ވިދާޅުވީ ދެއްކެވި ހުރިހާ ޑޮކިޔުމެންޓަކުން ވެސް އިތުރަށް ޔަޤީންވީ އޭނާ ކެމްޕޭނުގައި ދެއްކެވި ވާހަކަތަކުގެ ތެދުކަން ކަމަށެވެ.

އޭނާ ކެމްޕޭނުގައި ދެއްކެވި ވާހަކަތަކުގެ ތެރޭގައި ވިދާޅުވި އެއް ވާހަކައަކީ ޤާނޫނު އަސާސީއާ ޚިލާފަށް ޤައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަމުގަައި ސިއްރު އެއްބަސްވުންތަކެއް އިންޑިއާއާ އެކު ހައްދަވައިފައިވާތީ ރައީސް އިބްރާހީމަކީ ޢަޒުލުކުރާން ޖެހިފައިވާ ރައީސެއް ކަމުގެ ވާހަކައެވެ.

ދެން ޤާސިމު ވިދާޅުވަމުން ގެންދެވީ، އަދި އެއް ދައުރު މި ސަރުކާރަށް ދީފިއްޔާ، މި ޤައުމުގެ މިނިވަންކަމެއް ނޯންނާނޭ ވާހަކައެވެ.

އެހެންކަމުން، ސަރުކާރުން ޤާސިމަށް ދެއްކެވި ޑޮކިޔުމެންޓުން މި ކަންކަން އިތުރަށް ޤާސިމަށް ޔަޤީންވެވަޑައިގެންފި ކަން މިހާރު އެ ވަނީ އިޢުލާނުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ވަނީ ނިންމާފައެވެ.

އެޕާޓީގެ ކައުންސިލްގެ ނިންމުމަކީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރ އަޙްމަދު ނިހާން ޙަސަން މަނިކު ދެންމެ ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިއަދު މެންދުރު 1 ޖެހިއިރު ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން ފަށައިިގެން 4 ގަޑިއިރަށް ދިގު ދެމިގެން ދިޔައިރު، ކައުންސިލްގެ މެންބަރުންގެ ޚިޔާލު ވަނީ މަޝްވަރާގެ ތެރޭގައި ތިން ކަފިވެފައެވެ.

ބައެއް މެންބަރުން ތާޢީދު ކުރައްވަނީ އެމްޑީޕީއާއެކު ކޯލިޝަން ހެއްދެވުމަށް ކަމަށްވާއިރު، އަނެއް ބައި މެންބަރުން ތާޢީދު ކުރައްވަނީ ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހެއްދެވުމަށެވެ. އަދި އެއްވެސް ބަޔަކާ ކޯލިޝަން ހައްދަވަން ތާޢީދު ނުކުރައްވާ މެންބަރުން ތިއްބެވިއިރު، އެ ޕާޓީގެ ކައުންސިލުން މި ނިންމެވީ ހުރިހާ ފަރާތްތަކުގެ މަސްލަޙަތަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް ބެލެވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޤާސިމް އިބްރާހިމްގެ ތާއީދު ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ސަން އައިލެންޑް ރިޒޯޓްގައި ޤާސިމް އާއި އެކު މަޝްވަރާ ކުރެއްވުމަށް 24 ގަޑިއިރަށްވުރެ އިތުރަށް ވަގުތު ހޭދަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޑރ. މުއިއްޒުގެ ފަރާތުންވެސް ޓީމެއް ވަނީ ޤާސިމް އާއި ބައްދަލުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން  އިޢުލާންކުރެއްވި ވަގުތީ ނަތީޖާއިން ދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތަ ލިބިފައިނުވާތީ ދެވަނަބުރެއް ބާއްވަން ޖެހެއެވެ.
މި އިންތިޚާބުގެ ޞައްޙަ ވޯޓުގެ ޢަދަދަކީ 220651 އެވެ. އަދި ބާޠިލު 4835 ވޯޓު ހިމެނެއެވެ. ބާޠިލުވެފައިވަނީ އިންތިޚާބުގައި ވޯޓުލުމަށް ނުކުތް މީހުންގެ ތެރެއިން %2.14 މީހުންގެ ވޯޓެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 46 އިންސައްތަ ވޯޓުންނެވެ. ނުވަތަ 101،635 ވޯޓެވެ.

މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 39 ޕަސެންޓް ނުވަތަ 86161 ވޯޓެވެ.

އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މިފަހަރުގެ އިންތިޚާބަކީ މީގެ ކުރީ ރިޔާސީ އިންތިޚާބުތަކާއި އަޅަބަލާއިރު ބާޠިލު ވޯޓު އެންމެ ގިނަ އިންތިޚާބެވެ.

1- ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު: 101635 ވޯޓު (%46)
2- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 86161 ވޯޓު (%39)
3- ދ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބް: 15839 ވޯޓު (%7)
4- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޢުމަރު ނަސީރު: 6343 ވޯޓު (%2)
5- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމް: 5460 ވޯޓު (%2)
6- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އަޙްމަދު ފާރިސް މައުމޫން: 2979 ވޯޓު (%1)
7- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: 1907 ވޯޓު (%0.86)
8- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލު: 327 ވޯޓު (%0.15)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު