"ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުން"؛ ދެ ކެންޑިޑޭޓުންނަށް ފާރިސްގެ ހުށަހެޅުމެއް

މިއަހަރުގެ ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި އަޙްމަދު ފާރިސް މައުމޫން، "ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމަށް"، ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ހުށަހަޅުއްވަައިފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް އަމިއްލަގޮތުން ކުރިމަތިލެއްވި އަޙްމަދު ފާރިސް މައުމޫން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދު ކުރުމަށް ނިންމާ ފަރާތެއް ކަނޑައެޅުމުގެ ކުރިން އެ ދެ ފަރާތަށް ހިއްސާކޮށްފައިވާ ކަރުދާހުގެ ކޮޕީއެއް ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދާދި ދެންމެއަކު އެމަނިކުފާނު ޙިއްސާކުރައްވައިފިއެވެ.

ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކަށަވަރުކޮށް ދިނުމަށް ހުށަހަޅާފައިވާއިރު، ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ފާރިސް ވަނީ އެދިލައްވާފައެވެ. ހަމައެހެންމެ، ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންނާއި، ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބަލައި ނިންމައި އާއިލާތަކަށް އިންސާފު ހޯދައި ދިނުންމަށާއި، އެއްވެއުޅުމުގެ މިވަންކަން ހަނި ކުރުމަށް ރައީސް ޔާމީނުގެ ސަރުކާރުން ފާސްކޮށްފައިވާ ޤާނޫން ނަންބަރު 2016/20 ބާތިލްކުރުމަށް ވެރިކަން ލިބޭތާ 7 ދުވަސްތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ލިސްޓުގައި ހިމަނުއްވާފައިވެއެވެ.

ފާރިސް ސޯޝަލް މީޑިޔާގައި ޙިއްސާކުރައްވާފައިވާ ލިސްޓުގައި 24 ކަމެއް ފާހަގަކުރައްވާފައިވެއެވެ.

އެ ލިސްޓުގައި، އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، "ދިވެހި ޤައުމުގެ ބިންގާ ކަމުގައިވާ، އިސްލާމްދީނުގެ ތަރަޙައިގެ ތެރެއިން، ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޑިމޮކްރަސީގެ ހަރުދަނާ އުޞޫލުތަކާއި ހަމަތަކާއި ޚިލާފުނުވުން." މި ހުށަހެޅުމެވެ. އޭގެތެރޭގައި:

  • އިސްލާމް ދީންފިޔަވައި އެހެންދީންތަކަށް ރާއްޖޭގައި ފުރުސަތު ނުދިނުން
  • ދީނީގޮތުން ހަރުކަށި ފިކުރުފެތުރިގެން ދިޔަނުދިނުމަށްޓަކައި ހަރުދަނާފިޔަވަޅު ތަކެއް އެޅުން، ހިމެނެއެވެ.

ހަމައެހެންމެ، ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް ހެދުން ހިމެނިފައިވާއިރު އޭގެ ދަށުން ދެ ކަމެއް ފާހަގަކުރައްވާފައިވެއެވެ. އެއީ ސަރުކާރުގެ ސިޔާސަތުތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަކީ ޤައުމީ ތަރައްޤީގެ ޕްލޭނެއްގެ ލަނޑުދަނޑިތަކާ އެއްގޮތަށް ކުރެވޭކަންތަށްތަކަށް ހެދުމަށްޓަކައި ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި، ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުމާއި، މާލޭ ސަރަހައްދަށް މީހުން ޖަމާކުރުމުގެ ސިޔާސަތު ބަދުލުކޮށް ސަރަހައްދީ ތަރައްގީ އަށް އަމާޒުހިފުމެވެ.

ފާރިސް ހުށަހަޅުއްވާފައިވާ ކަންތައްތައް އަލަށް އުފެދޭ ސަރުކާރަކުން ޙާޞިލުކުރުމަށްޓަކައި، ޓައިމް ފުރޭމެއްވެސް ހުށަހަޅުއްވާފައިވެއެވެ. އެގޮތުން، މިހާރުން މިހާރަށް ތަންފީޒުކުރުމަށް ހުށަހަޅާ ކަންތައްތަކާއި، ވެރިކަމުގެ ފުރަތަަމަ އަހަރުގައި ކުރުމަށް ހުށަހަޅާ ކަންކަމާއި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާޞިލުކުރުމަށް ހުށަހަޅުއްވާ ކަންތައްތަކާއި، އެކި މަރުޙަލާތަކުގައި ކުރުމަށް ހުށަހަޅާ ކަންކަން ހިމެނިފައިވެއެވެ.

"ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަޅުގަނޑުމެންގެ ޓީމުން ތާއިދު ކުރުމަށް ނިންމާ ފަރާތެއް ކަނޑައެޅުމުގެ ކުރިން އެ ދެ ފަރާތަށް ހިއްސާކޮށްފައިވާ ކަރުދާހުގެ ކޮޕީއެއް ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ހިއްސާ ކުރަން."

ފާރިސް ވިދާޅުވިއެވެ.

https://x.com/afarismaumoon/status/1703366540853403981?s=20

ފާރިސް ކުރިން ވިދާޅުވެފައިވަނީ، މިއަދު (އާދިއްތަ ދުވަހު) ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "އެކްސް" ސްޕޭސްގައި މީގެ ދެދުވަސްކުރިން ކުރިއަަށް ގެންދެވި މަޝްވަރާ ސެޝަންގައި، ބައިވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ސެޝަންގައި 300 އަށްވުރެ ގިނަ ބައިވެރިން ތިއްބެވިއެވެ.

ފާރިސް ވިދާޅުވީ، ދެވަނަ ބުރަށް ގޮސްފައިވާ ދެ ކެންޑިޑޭޓުންނާއި، އަދި އެ ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީއާ މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ފާރިސްގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތައް، ދެ ޕާޓީއާވެސް މިހާތަނަށް ޙިއްސާކުރައްވާފައިވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

"ވަކި ގޮތެއް ނިންމާނީ، ޕާޓީއަކާ ގުޅޭނަމަ، މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން ތަންފީޒުކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނެ ޕާޓީއަކަށް، ނަމަވެސް ނިކުންނަ ނަތީޖާއަށް ބަލާފައި ވަކި ކެންޑިޑޭޓަކަށް ތާޢީދު ނުކޮށް ތިބެންޖެހޭ ޙާލަތެއްވެސް އައިސްދާނެ."

ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ، މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން ތަންފީޒުކުރުމަށް އެންމެ ބޮޑަށް ކޮމިޓްމަންޓް ދޭ ޕާޓީއަކަށް ބައްލަވާނެ ކަމަށާއި، އަދި ވަކި ކެންޑިޑޭޓަކަށް ތާޢީދުކުރައްވަން ވިސްނަވާނަމަ، އެންމެ ފަހުގެ ނިންމުމެއް ނިންމުމުގެ ކުރިން ސީދާ ދެ ކެންޑިޑޭޓުންނާވެސް ބައްދަލުކުރައްވާނެ ކުރައްވާނެ ކަމަށެވެ.

ގުޅުންހުރި:

ދެވަނަ ބުުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ހުށަހެޅި ކަރުދާސް ފާރިސް އާންމުކުރައްވައިފި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ