18 ޖަނަވަރީ 2025

ކިޔަވަން އައި އެތައް ކުދިންނަކަށް ހިޔާވަހިކަން ދެއްވި ކޮއްޓަފަރު ދޮންތުއްތު ނިޔާވެއްޖެ

ރަށްރަށުން މާލެއަށް ކިޔަވަން އައި އެތަކެއް ކުދިންނެއް ބައިތިއްބައިގެން ބެލެހެއްޓުމުގެ ޒިންމާ އަދާކުރެއްވި، މއ. ކޮއްޓަފަރު އިބްރާހިމް އަބޫބަކުރު (ކޮއްޓަފަރު ދޮންތުއްތު) މިއަދު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައިވަނީ އުމުރުން 70 އަހަރުގައެވެ.

1994 ވަނަ އަހަރުން ފެށިގެން އެކި ރަށްރަށުން މާލެއަށް ކިޔަވަން އަންނަ ކުދިން ކޮއްޓަފަރު ގޭގައި ބަލަހައްޓަމުން އޭނާ ގެންދެވީ އެޚިދުމަތް ފުޅާ ކުރުމުގެ ގޮތުން އޭނާ ވަނީ ކޮއްޓަފަރުގައި "ކޮއްޓަފަރު ބޯޑިން ހޯމް" ގެ ނަމުގައި ތަނެއް ރަޖިސްޓަރީ ކޮށްގެންނެވެ. ކުދިންގެ ހިތްހަމަޖެހުމަށްޓަކައި، އެ ތަނުގައި ކުޅިވަރު ކުޅެވޭނެ ގޮތްތައް ހަމަޖައްސާފައިވެއެވެ. ޓީވީ ބެލުމާއި ރޭޑިޔޯ އަޑުއެހުމާއި، ނޫސް މަޖައްލާ ކިޔޭނެ ގޮތް ހަމަޖެހި އަދި އިންޓަރނެޓްގެ ޚިދުމަތްވެސް މިތަނުން ލިބެން ހުރެއެވެ. އަދި އެކި ކުޅިވަރުތައް މިތަނުގައި ކުޅެވެއެވެ. މީގެއިތުރުން، "އޮރޭކަލް ލައިބްރަރީ"ގެ ނަމުގައި ލައިބްރަރީއެއް ހުރެއެވެ. މިތަނުގެ ޚިދުމަތް އެއްވެސް ފީއެއްނެތި ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށްވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ

ކޮއްޓަފަރު ބޯޑިން ހޯމްގައި އެތައް ސަތޭކަ ކުދިންނެއް ބަލަހައްޓާފައިވާއިރު، 1300 އަށްވުރެ ގިނަ ކުދިން މުޖުތަމަޢަށް ނެރެދީފައިވާކަން ފާހަގަކުރަމެވެ.

ކޮއްޓަފަރު ދޮންތު އާއި އަނބިކަނބަލުން އަމީނާ އިބްރާހިމް ވަނީ ޖަމާއަތަށް ފައިދާ ހުރި ހާއްސަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން 2007 ވަނަ އަހަރު ސަރުކާރުންވަނީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމްވެސް ވަނީ ލިބިލައްވާފައެވެ.

ސާދާ ދިިރިއުޅުމެއް އުޅުއްވި ކޮއްޓަފަރު ދޮންތުއްތުއަށް، ކޮއްޓަފަރުގައި ދިރިއުޅުނު ކުދިން މުޚާތަބު ކުރީ ބޭބެގެ ނަމުންނެވެ.

މާތްﷲ މަރްޙޫމްގެ ފުރާނައަށް ރަޙުމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން

މާތްﷲ އެމަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު