16 ފެބުރުވަރީ 2025

ޑިމޮކްރެޓުންގެ 15000 ވޯޓު ކަށަވަރުކުރަން، އެންމެފަހުން އެމްޑީޕީގެ މިސްރާބު ނިޒާމީ ވޯޓަށް

ނިޒާމީ ބަދަލުގެ ވޯޓު ނެގުމާމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާ އެކު މަޝްވަރާކުރެއްވުމަށް، މާފުށީ ޖަލަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވިއެވެ. އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަދައްކަވާފައިވަނީ، މާލޭގެ ކާނިވަލު ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވިއު ރެސްޓޯރެންޓުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައެވެ. އެވަގުތު އެމަނިކުފާނުގެ އަރިހުގައި، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ އިތުރުން ޑިމޮކްރެޓްސްގެ ރަނިންމޭޓު ހުސެއިން އަމްރު ހުންނެވިއެވެ.

އެދުވަހު ނަޝީދު ވިދާޅުވީ، މާފުށްޓަށް ދިޔުމަށް މަޖިލީހުގެ އަމީންޢާންމުގެ އަރިހުގައި ދަންނަވައިފައިވާނެ ކަމަށާއި، ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތް އެ ބައްދަލުވުމުގައި އޮޅުންފިލުއްވާނޭ ކަމަށެވެ.

"ރައީސް ޔާމީނުގެ އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި، އެ ވޯޓު ނެގުމުގައި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކަށް އަދި އަޅުގަނޑުމެންނަށް އެހީތެރިވެދެވެން އޮތް ގޮތެއް އޮތް ނަމަ އެ ވާހަކަ،"

ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ އިން ގޮތެއް ނިންމަންދެން މަޑުކޮށްގެން ތިބުމަކީ ހައްލެއް ނޫން ކަމަށާއި ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި، އެކަމުގައި ޕީޕީއެމްއާ ވެސް މަޝްވަރާ ކުރެވުނު ނަމަވެސް އެ ޕާޓީއާއެކު ކުރެވުނު މަޝްވަރާތައް ހުއްޓުމަކަށް އައީ އެއްބަސްވުމުގައި ސޮއިކުރަން އެ ޕާޓީއިން އިއުތިރާޒުކުރާތީ ކަމަށެވެ.

އަނެއްކޮޅުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް މިއަދު އޮތް އެންމެ ރަނގަޅު ގޮތަކީ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ޑިމޮކްރެޓްސްއާ އެކު މަސައްކަތް ކުރުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

"އެކަން ރައީސް ޞާލިޙް ބަލައިގަންނަވައި ދެން ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް އިސްލާހުކުރަން އަޅުގަނޑުމެންނާ އެކީގައި ގެނައުމަށް މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް."

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މި އިންތިހާބުން މޮޅު ނުވެވޭނެކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން، އެދުވަހު ނަޝީދު ވިދާޅުވީ ރައީސް ޞާލިހު 2 ވަނައިގައި އޮތީ ބޮޑު ތަފާތަކުން ކަމަށާއި އެހެންކަމުން މި އިންތިހާބުން ކާމިޔާބު ކުރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.

މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީންއާ ބައްދަލުކުރައްވަން ރައީސް ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް، ރައީސް ޔާމީން އެކަމަށް އިޢުތިރާޒްކުރެއްވުމުން، އެކަން ނާކާމިޔާބު ވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ބެލުމަށްޓަކައި ވޯޓެއް ނެގުމަށް މިދިޔަ ހަފްތާގައި ރައްޔިތުން މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅޭ ގޮތުން ރައީސް ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވިދާޅުވީ އެ ޤަރާރުގެ މަސައްކަތް އަވަސް ކުރަން ޑިމޮކްރެޓުންގެ ޕީީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންނެވުމުން އެކަމާ އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމްއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.  އެ ޤަރާރުގައިވާ ގޮތުން ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިންނެވެ.

އަދި އެ މަޝްވަރާތަކަށްފަހު އެ ޤަރާރުގެ މަސައްކަތް އަވަސްކުރަން އަސްލަމް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނެގުނު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ފާސްކޮށްފައިވެއެވެ. އެހެންނަމަވެސް މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް އިލްޔާސްގެ ޤަރާރުގައި ވަނީ ހުށަހަޅާފައެވެ.

މިހާރު މަންޒަރު ފެންނަގޮތުން، އެތައް މަޝްވަރާތަކަކަށްފަހު، ޑިމޮކްރެޓުންގެ 15000 ވޯޓު ކަށަވަރުކުރަން، އެންމެފަހުން އެމްޑީޕީން ނިޒާމީ ވޯޓަށް މިސްރާބު ޖަހައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ވެރިކަން ކުރާނެ ނިޒާމަކާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ބާއްވަން އެމްޑީޕީން ތާޢީދު ކުރާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،839 ވޯޓު ލިބިގެން ތިން ވަނައަށް ގޮސްފައިވާ ޑިމޮކްރެޓުން، މި މަހު 25 ގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީ އާއި ޕީޕީއެމްއަށް ހުށަހެޅިއެވެ.

ޑިމޮކްރެޓުން ހުށަހަޅާފައިވާ ނިޒާމީ ވޯޓާ ބެހޭގޮތުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ ނިޒާމް ބަދަލު ކުރުމާ ގުޅޭ ވޯޓެއް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ދެވަނަ ބުރުގެ އިންތިހާބަށް ވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރާނެ ކަމަށެވެ.

އެކަމަކު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު ޑިމޮކްރެޓުން ހުށަހަޅާ ތާރީޚެއްގައި ނިޒާމީ ވޯޓެއް ބާއްވަން ތާއީދު ކުރައްވާނެ ކަމަށް ފައްޔާޒް އިސްމާޢީލް ވިދާޅުވެފައިވެއެވެ. އަދި އެ ޖަވާބު ޑިމޮކްރެޓުންނަށް ދެއްވާފައިވާ ކަމަށްވެސް ފައްޔާޒް ވިދާޅުވެއެވެ.

މިކަން ނިންމިކަމުގައިވިޔަސް ފައްޔާޒް ވިދާޅުވާ ގޮތުގައި ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން އެ ޕާޓީއަށް ތާއީދު ކުރާނެކަން ނުވަތަ ނޫންކަން އަދިވެސް އެނގިވަޑައި ނުގަންނަވައެވެ. އެހެންނަމަވެސް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި މެދު ގޮތެއް ނިންމުމަށް ދަ ޑިމޮކްރެޓްސް ޕާޓީން މިރޭ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ފައްޔާޒު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކާމިޔާބު ކުރައްވާނެ ކަމަށާއި ނަމަވެސް ޑިމޮކްރެޓުން އެކުގައި ތިބެއްޖެނަމަ އިންތިޚާބު ކާމިޔާބުކުރަން ފަސޭހަވެގެން ދާނެ ކަމަށެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވި، 15000 ވޯޓް ކަށަވަރުކުރުމަށް އެމްޑީޕީން މިވަގުތު ބޭނުންވާނެއެވެ. އަދި ޑިމޮކްރެޓުންގެ ވިސްނުން ހުރީ ބަރުލަމާނީ ނިޒާމަކަށް ޤައުމު ފުރޮޅާލަން ކަމަށްވާއިރު، ބަރުލަމާނީ ނިޒާމަށް އެމްޑީޕީން ސިއްރިޔާތުގައި ތާޢީދު ކުރައްވާނެ ކަމަށް ބެލެވެއެވެ. އެހެނީ މިދަނޑިވަޅުގައި އެކަން ހާމަކޮށްފިނަމަ، އިބްރާހީމް މުޙައްމަދު ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އެއީ އެމަނިކުފާނު ތަކުރާރުކޮށް، ނިޒާމީ ވޯޓު ނެގުމަށް އެމަނިކުފާނުގެ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެމްޑީޕީގެ ކޯލިޝަން ބައިވެރިޔާ އަދާލަތު ޕާޓީންވެސް ބަރުލަމާނީ ނިޒާމު ގެނައުމަށް ދެކޮޅު ހައްދަވަމުން ގެންދަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު