Saturday, 12 October 2024
ޝެއިޚް ޒައިދު އިސްލާމީ މަރުކަޒުގައި ޙުޠުބާ ވިދާޅުވަނީ، ފައިލް ފޮޓޯ

ޒައިދުގެ ކަންބޮޑުވުން: މުއްސަނދިންނާ ޖެހުނީމާ ބިލިއަނުން ބިލިއަނުން މާފުކުރަނީ ކީއްވެ؟

މުއްސަނދިންނާ ޖެހުނީމަ ބިލިއަނުން ބިލިއަނުން މާފުކުރާއިރު، ނިކަމެތިން ދައްކަންޖެހޭ ބައިސެންޓް އޮވެގެން އެމީހުން ގޮވައިގެން ކޯޓަށް ދަނީ ކީއްވެތޯ ވިދާޅުވެ، މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް ޢަލީ ޒައިދު ސުވާލު އުފައްދަވައިފިއެވެ.

ޝައިޚް މިގޮތަށް ވިދާޅުވެފައިވަނީ ދެންމެ ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

"ސުބްޙާނަ ﷲ! ކީއްވެހޭ މުއްސަނދިންނާ ޖެހުނީމާ ބިލިއަނުން ބިލިއަނުން މާފުކުރާއިރު، ނިކަމެތިން ދައްކަންޖެހޭ ބައިސެންޓް އޮވެގެން އެމީހުން ގޮވައިގެން ކޯޓަށް ދަނީ؟ އަޅެ މީހަކު އަޖާޢިބު ނުވާނެހޭ! ބައިތުލްމާލަށް ވަންނަންޖެހޭ ލާރި މިގޮތަށް މާފުކުރުމަކީ ޢަދުލުވެރިކަން ނެތުން!"

ޝައިޚް ޒައިދު ވިދާޅުވިއެވެ.

ޝައިޚް މިހެން ވިދާޅުވިއިރު، ރާއްޖޭގައި އޮޕަރޭޓު ކުރަމުންދާ ބައެއް ރިސޯޓުތަކާއި ހަދަމުންދާ ބައެއް ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރެގެން އަރާފައިވާ ޖޫރިމަނާތައް ރައީސް އިބްރާހީމްގެ އެންގުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއިން ވަނީ މާފުކޮށްދީފައެވެ.

މިގޮތުން ޖޫރިމަނާ މާފުކޮށްފައިވަނީ މިވަގުތު ހިންގަމުންދާ 13 ރިސޯޓަކުންނާއި, ހަދަމުންދާ 10 ރިސޯޓަކުންނާއި, ރިސޯޓު ހެދުމުގެ އެއްބަސްވުންތައް ބާތިލު ކުރެވިފައިވާ 13 ރަށަކުންނެވެ. މިހުރިހާތަނަކުން މާފުކޮށްފައިވާ ޖުމްލަ ޖޫރިމަނާގެ އަދަދު 4 ބިލިއަނަށްވުރެ އިތުރެވެ.

ހިންގަމުންދާ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ޔޮޓް ޓުއަރސްއިންނެވެ. އެ ކުންފުނިން 47 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ދެން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހިފައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ކުންފުނި 3 އޭގެ ރިސޯޓުތަކުންނެވެ. ޖުމްލަ 11.3 މިލިއަން ޑޮލަރު (175 މިލިއަން ރުފިޔާ) އެ ކުންފުނީގެ ރިސޯޓުތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެއެވެ.

މިނިސްޓަރު އަލީ ޝިޔާމްގެ ކުންފުނިތަކުން ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި 2022 ވަނަ އަހަރުގެ އޭޕްރިލްގެ ނިޔަލަށް 500 މިލިއަނެއްހާ ރުފިޔާ ނުދައްކާ ހުއްޓެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ހިފެހެއްޓުމަކީ މިނިސްޓަރު ޝިޔާމްގެ އާއިލީ ކުންފުނިތަކުން ހިންގާ ރިސޯޓުތަކުން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއްކަމަށްވެއެވެ. މިގޮތުން ދައުލަތުގެ ޓެކްސް އިދާރާ އިން ހަމައެކަނި އޭ.އޭ.އޭ ކުންފުންޏާއި ދެކޮޅަށްވެސް ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކައިގެން މިހާތަނަށް 6 ދައުވާކޮށްފައި އެބައޮތެވެ. އެހެން ނަމަވެސް އެންމެ ފަހުން އެ ކުންފުންޏާއި ދެކޮޅަށް 3 މިލިއަން ޑޮލަރު ހޯދަން މީރާއިން ހުށަހެޅި މައްސަލަ މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. މިގޮތަށް ކަންތައް ކޮށްފައިވަނީ ރައީސް އޮފީހުން ކުއްޔާއި ޖޫރިމަނާދެއްކުން ފަސްކޮށްދިނުމުން ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު