ރިޔާސީ އިންތިހާބަށްފަހު ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ހެންވޭރުގެ ބައެއް ގޭގެއަށް ކުރެއްވި ޒިޔާރަތަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިޙް، ވިދާޅުވީ ދަ ޑިމޮކްރެޓްސްއާއި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ރައީސް މުޙައްމަދު ނަޝީދާ ވާހަކަފުޅު ދައްކަވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބު ބާއްވަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް އޭގެ ފަހުން ވޯޓެއް ނެގިދާނެކަމަށް ރައީސް ނަޝީދަށް ދަންނަވާފައިވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުށައެޅުއްވުމަކީ އެންމެ ރަނގަޅަށް އަދި އިތުބާރާއެކު އެކަން ކުރެވޭނެ ގޮތްކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، މިހާރު މަންޒަރު ފެންނަގޮތުން، އެތައް މަޝްވަރާތަކަކަށްފަހު، ޑިމޮކްރެޓުންގެ 15000 ވޯޓު ކަށަވަރުކުރަން، އެންމެފަހުން އެމްޑީޕީން ނިޒާމީ ވޯޓަށް މިސްރާބު ޖަހައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ވެރިކަން ކުރާނެ ނިޒާމަކާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ބާއްވަން އެމްޑީޕީން ތާޢީދު ކުރާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،839 ވޯޓު ލިބިގެން ތިން ވަނައަށް ގޮސްފައިވާ ޑިމޮކްރެޓުން، މި މަހު 25 ގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީ އާއި ޕީޕީއެމްއަށް ހުށަހެޅިއެވެ.
ޑިމޮކްރެޓުން ހުށަހަޅާފައިވާ ނިޒާމީ ވޯޓާ ބެހޭގޮތުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ ނިޒާމް ބަދަލު ކުރުމާ ގުޅޭ ވޯޓެއް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ދެވަނަ ބުރުގެ އިންތިހާބަށް ވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރާނެ ކަމަށެވެ.