ޑިމޮކްރެޓުންގެ ޝަރުޠު: އެމްޑީޕީއިން ނިޒާމީ ވޯޓު ނެގުން، ޕީޕީއެމުން ސަރުކާރުގެ ޙިއްސާ ޑިމޮކްރެޓުންނަށް ދިނުން

ނިޒާމީ ވޯޓު މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަގަން މި މަހުގެ 20 ގެ ކުރިން އެއްބަސްވާނަމަ އެމްޑީޕީއާ ގުޅުމަށާއި، ޕީޕީއެމް/ޕީއެންސީ ގުޅޭނީ އެ ސަރުކާރުގެ ހިއްސާ އެ ޕާޓީއަށް ލިބޭނެ ކަމަށް މި މަހުގެ 20 ކުރިން އެއްބަސްވެގެން ކަމާއި ނޫނީ އެއްވެސް ކޮޅަކަށް ނުޖެހި ތިބުމަށް ޑިމޮކްރެޓުން ފާސްކޮށްފިއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން އެ ޤަރާރު ހުށަހެޅުއްވީ، މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ. މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި 64 މެންބަރުންގެ ތެރެއިން، 50 މެންބަރުންގެ ވޯޓުން އެ ގަރާރު ވަނީ ފާސްކޮށްފައެވެ.

އެ ގަރާރުގައި މައިގަނޑު ތިން ނުކުތާ ހިމެނެއެވެ.

  • ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން 28 ސެޕްޓެމްބަރު 2023ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، 20 ސެޕްޓެމްބަރު 2023ގެ ކުރިން އެމްޑީޕީން އެއްބަސްވާނަމަ އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށެވެ.
  • ޕީޕީއެމްއާއެކު ސަރުކާރު އުފެއްދުމަށް ޑިމޮކްރެޓްސް ބައިވެރިވާނެ މިންވަރާއި، އެ ސަރުކާރުގައި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާން ކުރާ ލިޔުމެއްގައި 20 ސެޕްޓެމްބަރު 2023ގެ ކުރިން އެ ޕާޓީން ސޮއި ކުރަން އެއްބަސްވާނަމަ ޕީޕީއެމް އާއެކު މަޝްވަރާ ކުރުމަށްވެސް އެއް ނުކުތާގައި ވެއެވެ.
  • އެމްޑިޕީއާއި ޕީޕީއެމް އިން ހުށަހަޅާ ހުށަހެޅުންތައް އެ ދެ ޕާޓީން ކުރެ އެއްވަސް ޕާޓީއެއް އެއްބަސްނުވާނަމަ އިންތިހާބުގައި ވާދަ ކުރާ އެއްވެސް ޕާޓީއަކަށް ޑިމޮކްރެޓްސް އިން ތާއިދު ނުކުރުމަށް އެ ޕާޓީގެ އިންޓަރިމް ކައުންސިލުން ނިންމުން ހިމެނެއެވެ.

އޭނާގެ ޤަރާރުގައި ވިދާޅުވެފައި ވަނީ ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒު ކުރުމަށް ޕާޓީގެ ސެކެރެޓޭރިއޭޓް އާއި ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ނަގާފައިވާ ކޮމެޓީން މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

ޑިމޮކްރެޓުން މި ޤަރާރު ފާސްކޮށްފައިވާއިރު، ރިޔާސީ އިންތިހާބަށްފަހު ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް، ވިދާޅުވީ ދަ ޑިމޮކްރެޓްސްއާއި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ރައީސް މުޙައްމަދު ނަޝީދާ ވާހަކަފުޅު ދައްކަވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބު ބާއްވަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް އޭގެ ފަހުން ވޯޓެއް ނެގިދާނެކަމަށް ރައީސް ނަޝީދަށް ދަންނަވާފައިވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުށައެޅުއްވުމަކީ އެންމެ ރަނގަޅަށް އަދި އިތުބާރާއެކު އެކަން ކުރެވޭނެ ގޮތްކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، މިހާރު މަންޒަރު ފެންނަގޮތުން، އެތައް މަޝްވަރާތަކަކަށްފަހު، ޑިމޮކްރެޓުންގެ 15000 ވޯޓު ކަށަވަރުކުރަން، އެންމެފަހުން އެމްޑީޕީން ނިޒާމީ ވޯޓަށް މިސްރާބު ޖަހައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ވެރިކަން ކުރާނެ ނިޒާމަކާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ބާއްވަން އެމްޑީޕީން ތާޢީދު ކުރާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،839 ވޯޓު ލިބިގެން ތިން ވަނައަށް ގޮސްފައިވާ ޑިމޮކްރެޓުން، މި މަހު 25 ގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީ އާއި ޕީޕީއެމްއަށް ހުށަހެޅިއެވެ.

ޑިމޮކްރެޓުން ހުށަހަޅާފައިވާ ނިޒާމީ ވޯޓާ ބެހޭގޮތުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ ނިޒާމް ބަދަލު ކުރުމާ ގުޅޭ ވޯޓެއް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ދެވަނަ ބުރުގެ އިންތިހާބަށް ވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު