Saturday, 25 May 2024

ނަމާދު އެޅުމުގެ ނުބައިކަން

އިސްލާމީ ޝަރީޢަތުގައި ނަމާދު ފަރުޟު ކުރެއްވުމާއެކު، ނަމާދު ނުކުރާ މީހުންނަށް ވަރުގަދަ އިންޒާރުން އިންޒާރު ދެއްވާފައިވެއެވެ. ފަހެ ނަމާދަކީ، ދީނުގެ ތަނބެވެ. ދީނުގައި އޭގެ މިސާލަކީ ފޭލިގެއެއްގެ މެދުގައި ޖަހާފައި ހުންނަ ދަނޑިއެއްގެ މިސާލެވެ. އެ ދަނޑި ވައްޓާލައިފިނަމަ، ފޭލިގެވެސް ވެއްޓުނީއެވެ. ހަމައެފަދައިން ނަމާދު ދޫކޮށްލައިފިނަމަ، އެމީހެއްގެ ދީން ވެސް ދޫވެގެން ދިޔައީއެވެ.

ނަމާދު އެޅުމަކީ ކިހާ ނުރައްކާތެރިކަމެއްކަން ބަޔާންކުރައްވާ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. [އަހަރެމެން މުސްލިމުންނާ ކާފިރުވީ މީސްތަކުންނާ ދެމެދުގައިވާ ފަރަޤަކީ (އެބަހީ: ހުރަހަކީ) ނަމާދެވެ. ފަހެ އެކަން (އެބަހީ: ނަމާދު) ދޫކޮށްލައިފިމީހާ ކާފިރުވެއްޖެއެވެ.] (رواه الترمذي)

ޢުމަރު ބިން އަލްޚައްޠާބު رَضِيَ اللهُ عَنْهُ ވިދާޅުވެފައިވެއެވެ. [ނަމާދު ދޫކޮށްލައިފި މީހަކަށް އިސްލާމްކަމުގެ އެއްވެސް ނަސީބެއް ނުވެއެވެ.]

 

ނަމާދު އެޅުމުގެ ޙުކުމާބެހޭގޮތުން މަޒްހަބުތަކުގެ ޢިލްމުވެރިންގެ ރައުޔު

  • ނަމާދަށް އިންކާރު ކުރާ ޙާލު، ނަމާދު އަޅައިފި މީހަކު ދީނުން ބޭރުވެ ކާފިރުވާނެކަމަށް ހުރިހާ މަޒްހަބެއްގެ ޢިލްމުވެރިން އިޖުމާޢުވެފައިވެއެވެ.
  • އިންކާރުކުރުމެއްނެތި ފަރުވާކުޑަކަމުގެ ސަބަބުން ނުވަތަ ކަންނެތްކަމުން ނަމާދު އަޅައިފިނަމަ ކާފިރުވާނޭކަމާމެދު ޢިލްމުވެރިންގެ މެދުގައިވަނީ ޚިލާފު އުފެދިފައެވެ.
  • އިމާމު އަބޫ ޙަނީފާ، އިމާމު ޝާފިޢީ އަދި އިމާމު މާލިކު ވިދާޅުވެފައިވަނީ ކާފިރު ނުވާނެކަމުގައެވެ. އެހެންނަމަވެސް، އެފަދަ މީހަކީ ފާސިޤެއްކަމުގައި އެ ބޭކަލުން ދެކި ލައްވައެވެ. އަދި އެފަދަ މީހެއްގެ ހެކިބަސް ޤަބޫލު ނުކުރެވި ރައްދު ކުރެވޭނެއެވެ.
  • ހަމައެހެންމެ އެފަދަ މީހާއަށް ޙާކިމުގެ ފަރާތުން ތައުބާ ލައިދިނުމަށްފަހު، ތައުބާ ނުވެއްޖެނަމަ ޙައްދެއްގެ ގޮތުގައި އެ މީހާ ޤަތުލު ކުރަން ޖެހޭނެކަމަށް އިމާމް މާލިކާއި، އިމާމް ޝާފިޢީ ދެކިލައްވައެވެ.
  • ޙަންބަލީ މަޛްހަބުގެ ދަންނަބޭކަލުން ދެކިލައްވާ ގޮތުގައި އެފަދަ މީހާއަށް ތައުބާ ލައިދިނުމަށްފަހު ތައުބާ ޤަބޫލު ނުކޮށްފިނަމަ، އެ މީހާ އެއީ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ޙާކިމާގެ މައްޗަށް އޭނާ ޤަތުލު ކުރުންވެއެވެ.

 

ނަމާދު އެޅުމުގެ ސަބަބުން އާޚިރަތުގައި ލިބޭ ޢަޒާބު

ނަމާދު އެޅުމަކީ އޭގެ ސަބަބުން މީހާ ނަރަކައަށް އެއްލާލެވިގެންދާ ކަމެކެވެ. އެކަމާ ބެހޭގޮތުން الله تَعَالَىٰ ވަޙީކުރައްވާފައިވެއެވެ. ﴿مَا سَلَكَكُمْ فِي سَقَرَ، قَالُوا لَمْ نَكُ مِنَ الْمُصَلِّينَ﴾ [سورة المدثر: 42-43] މާނައީ: [ތިޔަބައިމީހުން ސަޤަރަށް ވެއްދީ ކޮން ކޮންކަމެއް ހެއްޔެވެ؟، އެބައިމީހުން ބުނާނެއެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.]

ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި ސަޤަރަކީ ނަރަކައަށް ކިޔޭ ނަމެކެވެ. އަދި އެހެން ބައެއް މުފައްސިރުން ދެކިލައްވާ ގޮތުގައި އެއީ ނަރަކައިގެ ދަރަޖައަކަށް ކިޔޭ ނަމެކެވެ.

 

ނަމާދު އޭގެ ވަގުތުން ފާއިތުވެއްޖެނަމަ ކަންތައް ކުރާނެ ގޮތް

ނަމާދެއް ފާއިތުވެއްޖެ މީހާ، އެ ނަމާދު އިޢާދަ ކުރުމަށް އިސްލާމްދީނުގައި އަމުރު ކުރައްވާފައިވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ނަމާދު ހަނދާންނެތުނު މީހާ ނުވަތަ ނަމާދުގެ ވަގުތުގައި ނިދިފައޮތް މީހާ، އޭނާގެ މައްޗަށް އޮތް ކައްފާރާއަކީ ހަނދާންވުމާއެކު އެ ނަމާދު ކުރުމެވެ.“ (صحيح مسلم 684) އެއީ ކިތަންމެ ގިނަ ނަމާދެއްކަމުގައި ވިޔަސް މެއެވެ. އެ ހުރިހާ ނަމާދެއްވެސް އިޢާދަ ކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެއެވެ.

 

•••✧•✧•✧•✧•✧•✧•✧•✧•••

އެޑިޓަރުގެ ނޯޓް:

މި ލިޔުމަކީ، މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެއް ކަމަށްވާ pathwaymv ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން "ފިޔަ އޮންލައިން" ގައި ޝާއިޢުކޮށްފައި މިވަނީ އެ ޗެނަލްގެ ހުއްދައާއެކުގައެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

https://t.me/pathway_mv

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *