Thursday, 20 June 2024

ނިޒާމީ ވޯޓަށް މަޖިލިހުގެ ރުހުން މިއަދު މިއަދަށް ހޯދަން ނަޝީދު މަަސައްކަތްކުރައްވަނީ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މަޖިލީހުން މިއަދުން މިއަދަށް ފާސްކުރަން ރައީސް ނަޝީދު މިއަދު މަސައްކަތް ފައްޓަވައިފިއެވެ.

އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމާބެހޭ ޤަރާރު ހުށަހެޅުއްވުމުގެ ފުރުސަތު އިލްޔާސް ލަބީބަށް ވަނީ އަރުވާފައެވެ.

“އެދެނީ މިއަދު ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް މައްސަލައިގެ ބަހުސް ނިމި، މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދެވި އަލުން އަނބުރާ ތަޅުމަށް ހުށަހެޅި މައްސަލައަށް ވޯޓަށް އެހުން”

ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އެދިވަޑައިގެންނެވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހުށަހެޅޭ ޤަރާރުގައިވާ ގޮތަށް ހުރިހާ މެންބަރުންވެސް ބައިވެރިވެވަޑައިގެންދެއްވުމަށެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަދައްކަވަމުން ވިދާޅުވީ ނިޒާމީ ވޯޓަށް އެއްބަސްވެވަޑައިގެންފައިވާކަމަށް ރައީސް ޞާލިހް ވިދާޅުވިނަމަވެސް މިއަދު އެމްޑީޕީގެ ދެތިން މެންބަރަކު ފިޔަވައި އިތުރު މެންބަރުން ހާޒިރު ވެފައި ނުވާކަމަށެވެ.

ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައި، ސައި ގަޑިއަށް މަޖިލިސް މެދުކަނޑާލައްވަމުން ވިދާޅުވީ، މިއަދުގެ އަމާޒަކީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމާއި ހަމައަށް މަޖިލިސް ކުރިއަށްގެންދިއުން ކަމަށެވެ.

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ބެލުމަށްޓަކައި ވޯޓެއް ނެގުމަށް މިދިޔަ ހަފްތާގައި ރައްޔިތުން މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅޭ ގޮތުން ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އިއްޔެ ވިދާޅުވީ އެ ޤަރާރުގެ މަސައްކަތް އަވަސް ކުރަން ޑިމޮކްރެޓުންގެ ޕީީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންނެވުމުން އެކަމާ އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމްއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެ ޤަރާރުގައިވާ ގޮތުން ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިންނެވެ.

އަދި އެ މަޝްވަރާތަކަށްފަހު އެ ޤަރާރުގެ މަސައްކަތް އަވަސްކުރަން އަސްލަމް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،839 ވޯޓު ލިބިގެން ތިން ވަނައަށް ގޮސްފައިވާ ޑިމޮކްރެޓުން، މި މަހު 25 ގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީ އާއި ޕީޕީއެމްއަށް ހުށަހެޅިއެވެ.

ޑިމޮކްރެޓުން ހުށަހަޅާފައިވާ ނިޒާމީ ވޯޓާ ބެހޭގޮތުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ ނިޒާމް ބަދަލު ކުރުމާ ގުޅޭ ވޯޓެއް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ދެވަނަ ބުރުގެ އިންތިހާބަށް ވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރާނެ ކަމަށެވެ.

އެކަމަކު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު ޑިމޮކްރެޓުން ހުށަހަޅާ ތާރީޚެއްގައި ނިޒާމީ ވޯޓެއް ބާއްވަން ތާއީދު ކުރައްވާނެ ކަމަށް ފައްޔާޒް އިސްމާޢީލް ވިދާޅުވެފައިވެއެވެ. އަދި އެ ޖަވާބު ޑިމޮކްރެޓުންނަށް ދެއްވާފައިވާ ކަމަށްވެސް ފައްޔާޒް ވިދާޅުވެއެވެ.

މިކަން ނިންމިކަމުގައިވިޔަސް ފައްޔާޒް ވިދާޅުވާ ގޮތުގައި ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން އެ ޕާޓީއަށް ތާއީދު ކުރާނެކަން ނުވަތަ ނޫންކަން އަދިވެސް އެނގިވަޑައި ނުގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު