އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޯމަތިވެފައިވަނިކޮށް، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި ރައީސް އޮފީހުން ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގައި %35 އެލަވަންސް ނުލިބި ތިއްބެވި ހުރިހާ މުވައްޒަފުންނަށް މި އަހަރުގެ މެއި އެއް ވަނަ ދުވަހުން ފެށިގެން އެލަވަންސް ހަމަޖެހިގެން ދިޔައިރު، މީގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައެއް ނުވެއެވެ.
އެހެންކަމުން، މިކަމުގައި ކައުންސިލްތަކުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް، ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް އޮކްޓޫބަރު އެއް ވަނަ ދުވަހުން ފެށިގެން މި %35 އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރައީސްގެ މި ނިންމެވުމަކީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް %35 އެލަވަންސް ހަމަޖެހިގެންދިޔައިރު، ކައުންސިލްގެ މުވައްޒަފުން ހިމެނިފައި ނުވާތީ، މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ނިންމެވި ނިންމެވުމެއްކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.
މި އެލަވަންސް ނުލިބުމަކީ، ލާމަރުކަޒީގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުންގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެެވެ.
އެހެންވެ ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނަށް ގަބޫލު ކުރެއްވޭ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.
"ވުމާއެކު، ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތެއް ކަމަށްވެފައި، ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް %35 އެލަވަންސް ދިނުމުން، އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވުމުން، މި ފަރަގު ނައްތާލުމުގެ ގޮތުން، ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށްވެސް 1 އޮކްޓޫބަރު 2023 އިން ފެށިގެން މި %35 އެލަވަންސް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.".
ރައީސް އޮފީހުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ރިސްވަތު ދިނުމުގެ.ބޮޑެއްދޯ އެހެންސަރުކާރުތަކުގާ މިހާއިންތިހާ ު ގާތްވީމަ އެފަދައެއްވެސް.ކަމެއް.ނުކުރެ