ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި އުފައްދަވަނީ އެޓޯލްސް މިނިސްޓްރީއެއް ނޫން ކަމަށާއި، އެއީ ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ފުލީ ފްލެޖް މިނިސްޓަރެއް ހަމަޖެއްސުމުގައި ވިދާޅުވި ވާހަކަފުޅެއްކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ހަމަޖައްސަން ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނުމުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، ރޭ "ސަންގު ޓީވީ" އާއި "ޗެނަލް 13″ ގުޅިގެން "އަސްކް މުއިއްޒު" ނަމުގައި ބޭއްވި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ތަސައްވުރަކީ ފުލްޓައިމް މިނިސްޓަރަކު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މަގާމަށް އައްޔަން ކުރުން ކަމަށާއި، އެ އައްޔަން ކުރެވިގެންދާ ވަޒީރު ހަމައެކަނި ކުރައްވާނެ މަސައްކަތަކީ އެލްޖީއޭގެ މަސައްކަތްތައް ކަމަށެވެ.
އެ ތަސައްވުރެއް ގެނެވުނީ އެލްޖީއޭ އަށް ސަރުކާރުން ދޭންވާ ސަޕޯޓް ނުދެވޭތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއްވެސް ހާލަތެއްގައި އޭނާގެ ވިސްނުން ހުންނެވީ އެންމެ ކުރީގެ ނިޒާމުތަކަށް ވެއްޓުން ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"ވަރަށް ކުޑަ ވަގުތު ކޮޅެއްގައި ދެވޭ ހިދުމަތަކަށްވުރެ ބޮޑަށް އެކަމަށް ފުލްޓައިމް ހުންނަ ވަޒީރަކު. ފުލްޓައިމް މިނިސްޓަރަކު އެލްޖީއޭގެ މަގާމަށް ހުންނަން ބޭނުންވަނީ. އަޅުގަނޑު ބޭނުންވަނީ ފުލީ ފްލެޖް މިނިސްޓަރެއް ހުންނަން. އެއްގޮތަކަށްވެސް އެޓޯލްސް މިނިސްޓަރެއް އުފައްދަވާކަށް ނޫން."
މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި އޭނާގެ ވެރިކަމެއްގައި އުފައްދަވާ ހާއްސަ މިނިސްޓްރީއަކީ ކައުންސިލްތަކާއި ސަރުކާރު "ގުޅުވައިދޭ ފާލަމެއް" ކަމަށެވެ.
"މިހާރު މިވާ ގޮތަކީ އެލްޖީއޭއަށް ދޭންވާ ސަޕޯޓް ސަރުކާރަށް ނުދެވެނީ. އެލްޖީއޭ އަކީ ގާނޫނީ ގޮތުން އޮންނަ މުއައްސަސާ މި ލާމަރުކަޒީ ނިޒާމް ބަލަހައްޓަދޭން. އެ މުއައްސަސާ ހިންގަވަން ގާނޫނީ ގޮތުން ހުންނަވަނީ ވަޒީރެއް. މިހާރު އޮންނަ ގޮތުން ވިއްޔާ ހޯމް މިނިސްޓަރު."
މުއިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ އޭނާ އަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން މަގާމެއްގައި މިހާރުވެސް ހުންނެވި ބޭފުޅެއް ކަމަށާއި އޭނާއެގޮތައް ވިސްނެވީ މިހާރު އެ ހުންނެވި މަގާމުގައި ހުންނަވައިގެން ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބިގެންނާއި މައިގަނޑު ކަންކަން ހުއްޓުވާފައި ހުރުމުން ކަމަށެވެ.
އެމަނިކުފާނު ތަޖުރިބާކުރެއްވި ކަންކަމަށް ބަލައިގެން، ބޭނުން ވަނީ ދެފުށް ފެންނަ ގޮތަކަށް ބާރު މިނެއްގައި ލާމަރުކަޒީ ނިޒާމު ހިންގުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަތޮޅުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ މައި އޮފީހެއްގެ ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޓޯލްސް ހިންގެވިއެވެ.