މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ފްލެޓާއި ގޯތި ދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގަލޮޅުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ ގުޅިގެން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވެހިކަމުގެ ދަތިކަން ކަމަށާއި، އަދި ލިބޭ އާމްދަނީން ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތެއް ނެތުން ކަމަށެވެ.
"މިއަދު މި ނިންމަނީ އާ ހައުސިން ސްކީމެއް ފެއްޓުމަށް. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ ދަފްތަރުގައި ޖެހިފައިވާ 20 އަހަރަށްވުރެ ގިނަ ދުވަހު ތިބި މީހުންނާ، މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުނޅޭކަން ކަށްވަރުކޮށްދޭ ހުރިހާ އެންމެނަަށް އެ ހައުސިން ސްކީމްގެ ދަށުން ފްލެޓާއި ގޯތި ދޭނަން." ރައީސް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް ހަމަނޭވާ ލެވިގެން، މާލޭގައި އުޅެވޭނެ ގޮތެއް ހެދުމަށްޓަކައި ޕްލޭންތަކެއް ކޮށްގެން އެކަން ފަށައިގަނެވިފައިވާނެ ކަމަށާއި އޭގެ ތެރެއިން މިހާރު ވަނީ މާލޭގެ ރައްވެހިންގެ ތެރެއިން 19842 މީހަކަށް ގޯތި ދޫކޮށްފައި ކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ފްލެޓަށް ހުޅުވާލުމުން ކުރިމަތިލި މީހުންގެ ތެރޭގައި 16923 މީހުން ހިމެނޭ ކަމަށާއި އެ މީހުންނަށް ވެސް ފްލެޓް ދެއްވާނެ ކަމަށެވެ.
މިއަދު ވެސް 4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެ، އަނެއް 4000 ފްލެޓްގައި ވަނީ ސޮއިކޮށް ނިންމައި ބާކީ އޮތް ބައި ދެވަނަ ދައުރުގައި ކޮށް ނިންމަދޭނެ ކަމަށާއި، މާލޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް ދަތި އުނދަގޫ ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު ވާދަވެރިން ދައްކާ ވާހަކަ ވެސް އަޑު އަހަންޖެހޭ ކަމަށް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، މާލޭގެ ރައްޔިތުން ފިޔަވައި މާލޭގައި ދިރިއުޅޭ އެތައް ބައިވަރު މީހުން އެބަތިބި ކަމަށާއި، މާލޭގައި ގިނަ އަހަރުތަކަކަށް ވަޒަންވެރިފައިވާ މީހުންނަށް އެ މީހުންގެ އަމިއްލަ ރަށުން ގޯތި ލިބުން މިހާރު ދަތި ކަމަށާއި އެއީ އެ ރަށުގައި އެ މީހުން ނޫޅޭތީ ކަމަށާއި، އެ މީހުންނަށް މާލެއިން ވެސް ގޯތި ނުލިބޭ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ބޯހިޔާވަހި ކަމުގެ ސިޔާސަތުތައް ކަނޑައަޅާފައި ކަމަށާއި ދެން އޮތީ ފައިނަލްކޮށް އެކަން އިއުލާނުކުރުން ކަމަށާއި، މާލޭގައި ދިރިއުޅޭ ރަށްވެހިންނާއި ހިޖުރަކޮށްފައިވާ މީހުންނަށް ބޯހިޔާވެހިކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.