ދެވަނަ ބުރުގައި ނިންމާ ގޮތެއް އުމަރު މިރޭ އިއުލާން ކުރައްވަނީ

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމާ ގޮތެއް މިރޭ އިއުލާން ކުރައްވާނެ ކަމަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމް ފަހަތަށް ޖައްސާލުމަށްފަހު،  އުމަރު ނަސީރު ތިންވަނަ ހޯއްދެވިއެވެ. އުމަރު ނަސީރު، 6،343 ވޯޓާއެކު، ތިން ހޯއްދެވުމަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމެކެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޤާސިމަށް ލިބުނީ 5،460 ވޯޓާ އެކީގައެވެ.

އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން އޭނާ އާއި އޭނާގެ "ނިއު ޑައިރެކްޝަން" ޓީމުން ނިންމާ ނިންމުން އިއުލާން ކުރުން މިރޭ 9:30 ގައި ކެމްޕެއިން ސްޓޫޑިއޯގައި އޮންނާނެ ކަމަށެވެ. މި ފޭސްބުކާއި ޓިކްޓޮކްގައި ލައިވް ކުރާ ކަމެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ ފެހި ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފައެވެ. އެ ފަހަރު އޭނާ ދިޔައީ އެންމެ ފުލަށެވެ. އެ ނަތީޖާއަށް ފަހުގައި ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުއްވުމަށް އުމަރު ވަނީ ނިންމަވައިފައެވެ.

އޭގެ ފަހުން، 2013 ގެ ރިޔާސީ އިންތިހާބުގައި އުމަރު ނަސީރަށް ކުރިމަތިނުލެއްވުނީ ޕީޕީއެމް ޕްރައިމަރީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވުމުންނެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރައްވާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން  އިޢުލާންކުރެއްވި ވަގުތީ ނަތީޖާއިން ދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތަ ލިބިފައިނުވާތީ ދެވަނަބުރެއް ބާއްވަން ޖެހެއެވެ.
މި އިންތިޚާބުގެ ޞައްޙަ ވޯޓުގެ ޢަދަދަކީ 220،651 އެވެ. އަދި ބާޠިލު 4.835 ވޯޓު ހިމެނެއެވެ. ބާޠިލުވެފައިވަނީ އިންތިޚާބުގައި ވޯޓުލުމަށް ނުކުތް މީހުންގެ ތެރެއިން %2.14 މީހުންގެ ވޯޓެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 46 އިންސައްތަ ވޯޓުންނެވެ. ނުވަތަ 101،635 ވޯޓެވެ.

މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 39 ޕަސެންޓް ނުވަތަ 86،161 ވޯޓެވެ.

އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މިފަހަރުގެ އިންތިޚާބަކީ މީގެ ކުރީ ރިޔާސީ އިންތިޚާބުތަކާއި އަޅަބަލާއިރު ބާޠިލު ވޯޓު އެންމެ ގިނަ އިންތިޚާބެވެ.

1- ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު: 101،635 ވޯޓު (%46)
2- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 86،161 ވޯޓު (%39)
3- ދ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބް: 15،839 ވޯޓު (%7)
4- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޢުމަރު ނަސީރު: 6،343 ވޯޓު (%2)
5- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމް: 5،460 ވޯޓު (%2)
6- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އަޙްމަދު ފާރިސް މައުމޫން: 2،979 ވޯޓު (%1)
7- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: 1،907 ވޯޓު (%0.86)
8- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލު: 327 ވޯޓު (%0.15

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުން މިހާތަނަށް އައިއިރު ވަކިކޮޅެއް ނަންގަވާފައެއް ނުވެއެވެ. އޭގެ ތެރޭގައި ގާސިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވައެވެ. އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބާއި އެ ޕާޓީގެ ވިސްނުން ވެސް ހުރީ އިންތިހާބުގައި ވަކި ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ. އެހެންނަމަވެސް، އިންތިހާބުގައި ވާދަކުރެއްވި އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވަނީ މުއިއްޒު ފަހަތަށް އަރުއްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު