މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފިއެވެ.
ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ދާނެ ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޕާޓީގެ އިންޓަރިމް ކައުންސިލްގެ ހަތް ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން އިއްޔެގެ ނިޔަލަށް ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން އަދި އެމްޑީޕީން އެއްބަސްވެފައި ނުވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލް ބައްދަލުވުމަށް އެކަމާ ބެހޭ ޤަރާރު ހުށަހަޅުއްވާފައިވަނީ ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްއެވެ.
އެ ގަރާރުގައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުގައި 28 ސެޕްޓެމްބަރުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވާނަމަ، އެ ޕާޓީ އާއެކު މަޝްވަރާ ކުރުމަށެވެ.
އަދި ޕީޕީއެމް އާއެކު ސަރުކާރު އުފެއްދުމަށް ބައިވެރިވާނެ މިންވަރާއި ޑިމޮކްރެޓުންގެ ސިޔާސަތުތައް ބަޔާން ކުރެވޭ މިންވަރު 20 ސެޕްޓެމްބަރުގެ ކުރިން އެ ޕާޓިން ސޮއިކޮށް އެއްބަސްވާ ނަމަ އެ ޕާޓީއާ އެކުގައި މަސައްކަތް ކުރުމަށް ގަރާރުގައިވެއެވެ.
އެ ޝަރުތުތަކަށް އެއްވެސް ޕާޓީއަކުން އެއްބަސްނުވާ ނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ހަމަ އެ ގަރާރުގައި ބުނެފައިވެއެވެ.
ދަ ޑިމޮކްރެޓްސް އިން އެ ގަރާރު ފާސްކޮށްފައި އޮއްވައި، ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް ކަމާގުޅޭ ގަރާރު މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ. ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންގެ ވެސް ތާއީދާ އެކީގައި އެ ގަރާރު މަޖިލިހުން ފާސް ކުރީ 35 މެމްބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރެއްވި ވަގުތީ ނަތީޖާއިން ދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތަ ލިބިފައިނުވާތީ ދެވަނަބުރެއް ބާއްވަން ޖެހެއެވެ.
މި އިންތިޚާބުގެ ޞައްޙަ ވޯޓުގެ ޢަދަދަކީ 220،651 އެވެ. އަދި ބާޠިލު 4.835 ވޯޓު ހިމެނެއެވެ. ބާޠިލުވެފައިވަނީ އިންތިޚާބުގައި ވޯޓުލުމަށް ނުކުތް މީހުންގެ ތެރެއިން %2.14 މީހުންގެ ވޯޓެވެ.
އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 46 އިންސައްތަ ވޯޓުންނެވެ. ނުވަތަ 101،635 ވޯޓެވެ.
މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 39 ޕަސެންޓް ނުވަތަ 86،161 ވޯޓެވެ.
އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.
ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މިފަހަރުގެ އިންތިޚާބަކީ މީގެ ކުރީ ރިޔާސީ އިންތިޚާބުތަކާއި އަޅަބަލާއިރު ބާޠިލު ވޯޓު އެންމެ ގިނަ އިންތިޚާބެވެ.
1- ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު: 101،635 ވޯޓު (%46)
2- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 86،161 ވޯޓު (%39)
3- ދ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބް: 15،839 ވޯޓު (%7)
4- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޢުމަރު ނަސީރު: 6،343 ވޯޓު (%2)
5- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމް: 5،460 ވޯޓު (%2)
6- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އަޙްމަދު ފާރިސް މައުމޫން: 2،979 ވޯޓު (%1)
7- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: 1،907 ވޯޓު (%0.86)
8- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލު: 327 ވޯޓު (%0.15