ދޮންބިލެތް ފަޅަކަށް ނަފްސު ވިއްކާލާފައިވާ ކަމުގެ ތުހުމަތު ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ޗެއާޕާސަން ހަސަން ލަތީފް ކުރައްވައިފިއެެވެ.
ރަށްރަށުގައި ތިބި ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ވެސް އެނބުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ބަދަލުވާން ފަށައިފި ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެދަދު އެތައް ގުނައަކުން އިތުވެގެންދާނެ ކަމަށް ވިދާޅުވެ ދޮންބިލެތް ވަނީ ވާހަކަ ދައްކަވާފައެވެ.
އެ ވާހަކައާ ގުޅިގެން ހަސަން ވިދާޅުވީ ޑިމޮކްރެޓްސްގެ މެންބަރުންނަކީ ދޮންބިލެތް ފަދައިން ފަޅަކަށް ނަފްސު ވިއްކާލާނެ ބައެއް ނޫން ކަމަށާއި މިހާރު ޑިމޮކްރެޓްސް އިން އެމްޑީޕީއާއި ދުރަށް ޖެހިލައިގެން އުޅެނީ ސީދާ ރައީސް ޞާލިހުގެ ސަބަބުން ކަމަށެވެ.
”ޑިމޮކްރެޓްސްގެ މެންބަރުންނަކީ ތިޔަހެން ފަޅަކަށް ނަފްސު ވިއްކާލާ ބައެއް ނަމަ މި ޕާޓީ ނުއުފެއްދުނީސްކަން އަހުމަދަށް އޮޅިވަޑައި ގަތުމަކީ އަޅުގަނޑު ހައިރާންވާނެ ކަމެއްނޫން! ޑިމޮކްރެޓުން އެމްޑީޕީއާއި ދުރަށް ދިޔައީ ރައީސް ޔާމީންގެ ސަބަބަކުން ނޫން. ރައީސް ޞާލިހުގެ ސަބަބުން.“ ހަސަން ވިދާޅުވިއެވެ.
ދޮންބިލެތް ވިދާޅުވީ ޕީޕީއެމްގެ މަކަރާއި ހީލަތުގައި އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެންބަރުން ނުޖެހޭނެ ކަމަށާއި މިއަދު އެންމެން އެއް ރޫހެއްގައި މި ނިކުންނަނީ އަމާން އަދި އުފާވެރި ރާއްޖެއަކަށް ދިއުމަށް ކަމަށެވެ.
ޑިމޮކްރެޓްސްގެ އިސްބޭފުޅުން ދަނީ ވަރަށް ފާޅުގައި ދެވަނަ ބުރުގައި ރައީސް ޞާލިހަށް ތާއީދު ނުކުރާނެ ކަމަށް ވެސް ބުނަމުންނެވެ.