ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުން މިއަދުވެސް ކެންސަލް

ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން، ޕީޖީން އެދިގެން ހައި ކޯޓުން މިއަދު ކެންސަލް ކޮށްފިއެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން މިއަދު މެންދުރު ފަހަށް ތާވަލުކުރި ނަަމަވެސް، ހައި ކޯޓުން މިއަދު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެން އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ޔާމީންގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލާގައި އަޑުއެހުމެއް އެންމެ ފަހުން އޮތީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އިސްތިއުނާފް ޝަރީއަތްތައް ލަސްވާތީ ޔާމީންގެ ވަކީލުންނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.

ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ވެސް ވަނީ ކޮށްފައެވެ. އެކަމަކު، ޖޫރިމަނާގެ ހުކުމުން މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ވަނީ ފަސްކޮށްދީފައެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ނިންމެވީ 2022 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަދުވަހުއެވެ. އެ ހުކުމާ ގުޅިގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް ގެއްލުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު