ބުރިޖު ފެންނަން ނެތްއިރު ބުރިޖަށް ޚަރަދު ކުރި 190 މިލިއަން ޑޮލަރަށް ވީ ގޮތެއް ނޭނގޭ: މުއިއްޒު

މި ސަރުކާރުން އަޅާ ތިލަމާލެ ބްރިޖު ފެންނަން ނެތްއިރު ބުރިޖަށް ޚަރަދު ކުރި 190 މިލިއަން ޑޮލަރަށް ވީ ގޮތެއް ނޭނގޭ ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އެހެން ވިދާޅުވީ ރ. ހުޅުދުއްފާރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

މުއިއްޒު ވިދާޅުވީ، ތިލަމާލެ ބްރިޖުގެ އަދި ނިމުމަކާ ގާތް ވެސް ނުވާއިރު، މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އޭގެ ތެރެއިން 190 މިލިއަން ޑޮލަރު ހޭދަކޮށްފި އެވެ. އެކަމަކު، އެ މަސައްކަތުގެ އެއްވެސް ޕްރޮގްރެސްއެއް ނުފެނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ ތަނބެއް ވެސް ނެތެއް ނޫންތޯ؟ ރައީސް ޔާމީންގެ ވެރިކަމުގައި މާލެ އާއި ހުޅުލެއާ ދޭތެރޭގައި އެޅި ބްރިޖް. އެއީ ވެސް 190 މިލިއަން ޑޮލަރު. ސަތޭކަ ނުވަދިހަ މިލިއަން ޑޮލަރު ހަރަދު ކޮށްގެން ބްރިޖު އެ އޮތީ ފެންނަން. މި ސަރުކާރުން އަޅާ ބްރިޖު، 190 މިލިއަން ޑޮލަރަށް ވީ ގޮތެއް ނޭނގޭ. ބްރިޖު ވެސް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

"މި ހުރި ސުވާލުތަކަށް ޖަވާބު ނުދީ، ރައްޔިތުންގެ ގާތަށް އައިސް ދެ ވަނަ ދައުރެއްގެ ވާހަކަ ދެއްކީމާ ރައްޔިތުން ސުވާލު ކުރަންޖެހޭ. މިއީ ސީރިއަސް ވާހަކަ."

މުއިއްޒު ވިދާޅުވިއެެވެ.

މުއިއްޒު ވިދާޅުވީ، މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކީ ކޮރަޕްޝަނާއި އުމްރާނީ ތަރައްގީގެ މައްސަލަތަކާއި ރާއްޖޭގެ މިނިވަންކަމާ ގުޅޭ ގޮތުން މި ސަރުކާރު ޖަވާބުދާރީ ކުރުވަން ލިބޭ ފުރުސަތެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު