ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވޭ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނަކަށް ވޯޓުލުމަށް 38 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވާ ގޮތުގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް 50،047 މީހުން ރީ-ރަޖިސްޓްރޭޝަނަށް ފޯމު ހުށައެޅިއެވެ. އެއީ އޮންލައިންކޮށް ހުށައެޅި 26،011 ފޯމާއި، ކަރުދާސް ފޯމުގެ ގޮތުގައި ހުށައެޅި 24،036 ފޯމެވެ. އޭގެ ތެރެއިން 38763 މީހުން ވަނީ ރީ-ރަޖިސްޓްރީކޮށްދީފައެވެ. އަދި 11،284 ފޯމު އެކި ސަބަބުތަކާއި ގުޅިގެން ޞައްޙަކަން ކަށަވަރުވެފައިނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ފޯމުގެ ޞައްޙަކަން ކަށަވަރު ނުވީ އޮންލައިންކޮށް ހުށައެޅި 5109 ފޯމާއި، ކަރުދާސް ފޯމުގެ ގޮތުގައި ހުށައެޅި 6175 ފޯމުކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އެ ލިސްޓު އެކޮމިޝަންގެ ވެބްސައިޓާއި، ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ. އަދި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާވެސް ހިއްސާކުރައްވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް 2 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އެގޮތުން މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 09:00 އިން ފެށިގެން މިމަހުގެ 23 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 09:00 ގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ދެއްވާފައެވެ.
އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ބެލުމަށް VR ލިއުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލުމަށްފަހު އައިޑީކާޑު ނަންބަރު ލިޔުމަށްފަހު 1414އަށް އެސްއެމްއެސް ކުރުމުން ރަޖިސްޓްރީވެފައިވާތަނާއި ވޯޓުލާ ފޮށީގެ މަޢުލޫމާތު ޗެކްކުރެވޭނެއެވެ.
ވޯޓާސް ލިސްޓަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު"އިންކަމަށާ، ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރެވިފައިވާ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި، ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭ ގޮތުން އެކަނިކަމަށެވެ.
ފުރަތަމަ ބުރު ނިމުމުން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހުއެވެ.